މަޢުލޫމާތު އުތުރު ކޮރެއާގެ އާދަޔާޚިލާފު ޤާނޫނުތަކާއި ބައެއް ޢާންމު އުސޫލުތައް
މަޢުލޫމާތު

އުތުރު ކޮރެއާގެ އާދަޔާޚިލާފު ޤާނޫނުތަކާއި ބައެއް ޢާންމު އުސޫލުތައް

އުތުރު ކޮރެއާގެ އާދަޔާޚިލާފު ޤާނޫނުތަކާއި ބައެއް ޢާންމު އުސޫލުތައް
އުތުރުކޮރެއާ އަކީ ހަރުކަށި ޤާނޫނުތަކެއް އޮންނަ ޤައުމެއް

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

އުތުރު ކޮރެއާއަކީ ދުނިޔޭގައި އޮތް އެންމެ ސިއްރުވެރި އަދި ހަރުކަށި ހުރަސްތަކެއް ކުރިމަތިކުރުވާ އެއް ޤައުމުގެ ގޮތުގައި ފާހަގަކުރެވޭ ޤައުމެވެ. ހުދުމުޚުތާރު ސިޔާސީ ނިޒާމެއްގެ ދަށުން ހިންގާ އެ ޤައުމުގައި، މީހުން ބަލާ އެއްޗެއްސާއި، ކިޔާ އެއްޗެހީގެ އިތުރުން، ހެދުން އެޅުމާއި ދަތުރުފަތުރު ކުރުން ފަދަ ޢާންމު ދިރިއުޅުމުގެ ހުރިހާ ކަމެއް ސަރުކާރުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެއެވެ. ދުނިޔޭގެ ގިނަ ޤައުމުތަކުގައި އަމިއްލަ މިނިވަންކަމުގެ ގޮތުގައި ބެލެވޭ ކަންކަމަކީ އުތުރު ކޮރެއާގައި އާދަޔާޚިލާފު ހުރަސްތަކެއް ކުރިމަތިވެފައިވާ ކަންކަމެވެ.

އެންމެ ބޮޑަށް ފާހަގަކުރެވޭ އެއް ކަމަކީ ހެދުން އެޅުމާއި ފެޝަނާ ގުޅޭގޮތުން އޮންނަ ހަރުކަށި އުޞޫލުތަކެވެ. ފަޔަށް ބާރު ޖިންސު ލުމާއި، އިސްތަށިގަނޑުގައި ކުލަޖެއްސުމާއި، ހުޅަނގުގެ ފެޝަންތަކަކީ ބޭރުގެ ކެޕިޓަލިސްޓް ޘަޤާފަތުގެ ރަމްޒުތަކެއް ކަމަށް އެ ޤައުމުގެ ސަރުކާރުން ދެކެއެވެ. ސަރުކާރުން ބާރުއަޅަނީ ޘަޤާފީ ސިފަތައް ދެމެހެއްޓުމަށެވެ. މީގެ އިތުރުން، ބައެއް ކަހަލަ ހެއަރ ސްޓައިލްތަކާއި، ހަށިގަނޑު މާބޮޑަށް ހާމަވާފަދަ ހެދުންތައް އެޅުމަކީވެސް މަނާކަމެއްގެ ގޮތުގައި އެޤައުމުގައި އޮންނަނީ ކަނޑައަޅާފައެވެ.

ބޭރުގެ ޓީވީ ޕްރޮގްރާމްތަކާއި ފިލްމުތައް ބެލުމަކީވެސް އުތުރު ކޮރެއާގައި ވަރަށް ބޮޑަށް މަނާކޮށްފައިވާ ކަމެކެވެ. ޚާއްޞަކޮށް ދެކުނު ކޮރެއާގެ ޑްރާމާތަކާއި ހޮލީވުޑް ފިލްމުތައް ބެލުމާއި، ގެންގުޅުމަކީ ބޮޑު ކުށެކެވެ. 2020 ވަނަ އަހަރު ފާސްކުރި "ރިއެކްޝަނަރީ އައިޑިއޮލޮޖީ އެންޑް ކަލްޗަރ ރިޖެކްޝަން" ޤާނޫނުގެ ދަށުން، މަނާކޮށްފައިވާ ބޭރުގެ މީޑިއާ ގެންގުޅޭ ނުވަތަ ފަތުރާ މީހުންނަށް ހަރުކަށި އަދަބުދެއެވެ. އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނާގޮތުގައި، މިފަދަ މައްސަލަތަކުގައި އަދަބެއްގެ ގޮތުން ބުރަ މަސައްކަތް ކުރުވުމާއި، ބައެއް ޙާލަތްތަކުގައި މަރުގެ އަދަބުވެސް ދެމުންދެއެވެ.

މީހުން ވާހަކަދައްކާ ބަސްމަގަށްވެސް ސަރުކާރުން ފާރަވެރިވެއެވެ. 2023 ވަނަ އަހަރުގެ ޖަނަވަރީ މަހު ތަޢާރަފުކުރި ޤާނޫނެއްގެ ދަށުން، ދެކުނު ކޮރެއާގެ ބަސްކޮށާރާއި ވާހަކަދެއްކުމުގެ ވައްޓަފާޅި ބޭނުންކުރުން ވަނީ މަނާކޮށްފައެވެ. ސަރުކާރުން ދެކޭގޮތުގައި މިއީ ޤައުމީ އައިޑެންޓިޓީއަށް ހުރި ނުރައްކަލެކެވެ. އެހެންކަމުން، ދެކުނު ކޮރެއާގެ ބައެއް ލަފުޒުތައް ބޭނުންކުރުމަކީވެސް އަދަބު ލިބިދާނެ ކަމެކެވެ.

ދަތުރުފަތުރު ކުރުމުގެ މިނިވަންކަންވެސް އޮންނަނީ ވަރަށް ބޮޑަށް ހަނިކުރެވިފައެވެ. އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަށް، ޚާއްޞަކޮށް ވެރިރަށް ޕިއޮންގޔަންގަށް ދިއުމަށް ސަރުކާރުގެ ރަސްމީ ހުއްދަ ބޭނުންވެއެވެ. އަދި ސަރުކާރުގެ ހުއްދަ ނެތި ޤައުމުން ބޭރަށް ދިއުމަކީ ބޮޑު ކުށެކެވެ. މީގެ ސަބަބުން ރައްޔިތުންގެ ޙަރަކާތްތައް ވަރަށް ގާތުން ބެލުމުގެ ފުރުޞަޠު ސަރުކާރަށް ލިބެއެވެ.

އިންޓަނެޓް ބޭނުންކުރުމުގެ ފުރުޞަތުވެސް ޢާންމު ރައްޔިތުންނަކަށް ނޯވެއެވެ. ގިނަ މީހުންނަށް ބޭނުންކުރެވެނީ ސަރުކާރުން ހުއްދަދީފައިވާ މަޢުލޫމާތު އެކުލެވޭ އެތެރޭގެ ނެޓްވޯކެކެވެ. ދުނިޔޭގެ އިންޓަނެޓް ބޭނުންކުރުމުގެ ހުއްދަ އޮންނަނީ ސަރުކާރުން ކަނޑައަޅާ ވަރަށް މަދު ބަޔަކަށް އެކަންޏެވެ.

މީގެ އިތުރުން، ކައިވެނީގެ އާދަކާދަތަކަށްވެސް ސަރުކާރުގެ ނުފޫޒު އޮވެއެވެ. ބޭރުގެ ސަގާފަތްތައް ހިމެނޭ ގޮތަށް ކައިވެނީގެ ހަފުލާތައް ބޭއްވުމުގެ ބަދަލުގައި، ސަރުކާރުން ބާރުއަޅަނީ ޘަޤާފީ އުސޫލުތަކަށް އިސްކަންދިނުމަށެވެ.

މިފަދަ ހަރުކަށި އުޞޫލުތައް ގެންގުޅުމުގެ މައިގަނޑު ބޭނުމަކީ ސިޔާސީ ބާރުވެރިކަން ދެމެހެއްޓުމާއި، ބޭރުގެ ޘަޤާފީ ނުފޫޒުތަކުން ރައްޔިތުންގެ ފިކުރު ބަދަލުވިޔަ ނުދިނުމެވެ. އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ބައިނަލްއަޤުވާމީ ޖަމިއްޔާތަކުން މިކަންކަން އަބަދުވެސް ކުށްވެރިކުރެއެވެ.

އުތުރު ކޮރެއާއަކީ ތަފާތު ސިޔާސީ ނިޒާމެއްގެ ދަށުން ޢާންމު ދިރިއުޅުން ބަދަލުވެދާނެ މިންވަރު ދައްކުވައިދޭ މިސާލެކެވެ. އެހެން ޤައުމުތަކުގައި އާންމު ކަމެއްގެ ގޮތުގައި ބެލެވޭ އަމިއްލަ މިނިވަންކަމުގެ ކަންކަން، އެ ޤައުމުގައި ބޮޑެތި އަދަބުތައް ލިބޭ ކަންކަމަށް ވަނީ ވެފައެވެ. އުތުރު ކޮރެއާއާ ބެހޭ ބައެއް ވާހަކަތަކަކީ ކަންބޮޑުވުން އުފެދޭ ފަދަ ނުވަތަ ކަށަވަރު ކުރަން އުނދަގޫ ވާހަކަތަކެއް ކަމުގައި ވީނަމަވެސް، އެ ޤައުމުގައި އޮތް ހަރުކަށި އުސޫލުތަކަކީ ދުނިޔޭގެ ނިސްބަތުން އެންމެ ހަރުކަށި ހުރަސްތައް ކަމުގައި ފާހަގަކުރެވެއެވެ.

ޓެގް

ޤާނޫނު އުތުރު ކޮރެއާ އުޞޫލު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.