2026 ވަނަ އަހަރުގެ އެމެރިކާގެ މިޑްޓާމް އިންތިޚާބުގައި ރައީސް ޑޮނަލްޑް ޓްރަމްޕާއި ރިޕަބްލިކަން ޕާޓީއަށް ވަނީ ސިޔާސީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ. ކޮންގްރެސްގެ ދެ މަޖިލިސް ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އާއި ސެނެޓުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، ޓްރަމްޕްގެ ރިޔާސީ ދައުރުގެ ބާކީ އޮތް ދުވަސްތަކުގައި ސިޔާސީ ގޮތުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭނެއެވެ. ނަމަވެސް، މިޑްޓާމް އިންތިޚާބުން ނާކާމިޔާބުވުމަކީ ޓްރަމްޕްގެ ރައީސްކަމުގެ މަގާމު ގެއްލުމެއް ނޫނެވެ. ދުސްތޫރީ އިޖުރާއަތެއްގެ ދަށުން މަޤާމުން ވަކިނުވާހާ ހިނދަކު، 2029 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އޭނާ ރައީސްކަމުގެ މަޤާމުގައި ދެމިހުންނާނެއެވެ.
މި އިންތިޚާބުން ބަލިވުމުގެ ސަބަބުން ކުރިމަތިވާނެ އެންމެ ބޮޑު އެއް ނަތީޖާއަކީ، ޓްރަމްޕްގެ ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރުމުގެ ބާރު ޑިމޮކްރެޓުންނަށް އިތުރަށް ލިބިގެންދިއުމެވެ. ކޮންގްރެސްގެ ކޮމިޓީތަކުގެ ކޮންޓްރޯލް ލިބުމާއެކު، ސަރުކާރުގެ ނިންމުންތައް ތަޙުޤީޤުކުރުމާއި، ލިޔެކިޔުންތައް ހޯދުމާއި، އިސް އޮފިޝަލުންނާ ސުވާލުކޮށް ޢާންމު އަޑުއެހުންތައް ބޭއްވުމުގެ ބާރު އެފަރާތްތަކަށް ލިބޭނެއެވެ. މިފަދަ ތަޙުޤީޤުތަކުގެ ސަބަބުން ޓްރަމްޕަށާއި އޭނާގެ ސަރުކާރުގެ މެންބަރުންނަށް ސިޔާސީ ގޮތުން ބޮޑެތި ޕްރެޝަރުތަކެއް ކުރިމަތިވާނެއެވެ.
މީގެ އިތުރުން، އައު ޤާނޫނުތައް ފާސްކުރުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވާނެއެވެ. ކޮންގްރެސްގެ ދެ މަޖިލިސް ޑިމޮކްރެޓުންގެ ބާރުގެ ދަށުގައި އޮތުމުން، ޓްރަމްޕް ބޭނުންފުޅުވާ ސިޔާސަތުތަކާއި ޤާނޫނީ އިސްލާޙުތަކަށް ބޮޑެތި ދެކޮޅުވެރިކަން ކުރިމަތިވާނެއެވެ. އޭނާގެ ސިޔާސީ އެޖެންޑާއަށް ތާއީދުކުރާ ބިލްތައް ޑިމޮކްރެޓުން ހުއްޓުވައި ނުވަތަ ލަސްކުރުމުގެ ފުރުޞަޠު އޮންނާނެއެވެ. އަދި ދައުލަތުގެ ޚަރަދުތަކާއި ރައީސް އައްޔަންކުރައްވާ މަޤާމުތަކަށް ރުހުން ދިނުމުގައިވެސް ޑިމޮކްރެޓުންގެ ނުފޫޒު ގަދަވާނެއެވެ. އެހެންނަމަވެސް، ޤާނޫނުތައް ތަޞްދީޤުނުކޮށް އަނބުރާ ފޮނުވާލުމުގެ ބާރު ނުވަތަ ވީޓޯ ކުރުން ފަދަ ރައީސަށް ލިބިދޭ މުހިންމު ބާރުތައް ޓްރަމްޕަށް އޮންނާނެއެވެ.
އަދި ޓްރަމްޕް މަގާމުން ދުރުކުރުމުގެ މަސައްކަތެއް އަލުން ފެށުމުގެ ފުރުޞަޠުވެސް އެބައޮތެވެ. އެކަށީގެންވާ ސަބަބުތަކެއް ހުރިކަމަށް ފެންނަނަމަ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސް މެދުވެރިކޮށް ޑިމޮކްރެޓުންނަށް އެ އިޖުރާއަތް ފެށިދާނެއެވެ. ނަމަވެސް، ރައީސްގެ މަޤާމުން ޓްރަމްޕް ވަކި ކުރުމުގެ މަސައްކަތް ފެށުމަކީ އޮޓޮމެޓިކުން ރައީސް މަޤާމުން ވަކިވާނެ ކަމެއް ނޫނެވެ. ހައުސް އިން ތުހުމަތުތައް ފާސްކުރި ނަމަވެސް، ރައީސް މަގާމުން ދުރުކުރެވޭނީ ސެނެޓުގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން އެކަން ފާސްވެގެންނެވެ. އެހެންކަމުން، ސެނެޓުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުންނަށް އޮތް ނަމަވެސް، ރިޕަބްލިކަން ސެނެޓަރުންގެ ތާޢީދާ ނުލައި ޓްރަމްޕް މަޤާމުން ދުރުކުރުމަކީ އުނދަގޫ ކަމަކަށް ވާނެއެވެ.
މި ނާކާމިޔާބީގެ ސަބަބުން ރިޕަބްލިކަން ޕާޓީގެ ތެރޭގައި ޓްރަމްޕަށް އޮތް ނުފޫޒަށްވެސް ބަދަލުތަކެއް އަތުވެދާނެއެވެ. ބައެއް ސިޔާސީ ބޭފުޅުން އޭނާއާ ދުރުހެލިވާން ފަށާއިރު، އަނެއް ބަޔަކު އޭނާގެ ލީޑަރޝިޕާއި ސިޔާސީ އުކުޅުތަކާ މެދު ސުވާލު އުފައްދަފާނެއެވެ. މީގެ އިތުރުން، ނައިބު ރައީސް ޖޭ.ޑީ.ވޭންސް ފަދަ ކުރިމަގުގައި ޕާޓީގެ ލީޑަރޝިޕަށް އަތުވެދާނެ ބޭފުޅުންގެ ދައުރު ޕާޓީގެ ތެރޭގައި ފާހަގަކޮށްލެވޭ މިންވަރަށް ބޮޑުވެގެންދާނެއެވެ.
އެހެންނަމަވެސް، ރައީސްކަމުގެ ދައުރަށްފަހުވެސް ޓްރަމްޕްގެ ނުފޫޒު ދެމިއޮތުމަކީ އެކަށީގެންވާ ކަމެކެވެ. ޤާނޫނުއަސާސީގެ 22 ވަނަ އިސްލާޙުގެ ދަށުން ތިންވަނަ ދައުރަކަށް އޭނާއަށް ކުރިމަތިނުލެވުނު ނަމަވެސް، ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދައިދިނުމުގައާއި ޕާޓީގެ މިސްރާބު ކަނޑައެޅުމުގައި އޭނާއަށް މުހިންމު ދައުރެއް އަދާކުރެވިދާނެއެވެ. ރިޕަބްލިކަން ވޯޓަރުންގެ މެދުގައި އޭނާއަށް އޮތް މަޤްބޫލުކަމަކީ ސިޔާސީ ގޮތުން އަދިވެސް ވަރަށް ބޮޑު ބާރެކެވެ.
ކޮންގްރެސްގެ ކޮންޓްރޯލް ގެއްލުމަކީ ޑޮނަލްޑް ޓްރަމްޕަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ނަމަވެސް، އެއީ އޭނާގެ ރައީސްކަމުގެ ނުވަތަ ސިޔާސީ ޙަޔާތުގެ ނިމުމެއް ނޫނެވެ. ދައުރުގެ ބާކީ އޮތް ދެ އަހަރު ދުވަހު އޭނާގެ ސަރުކާރު ހިންގުމުގައި އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުމާއި، ޤާނޫނީ ހުރަސްތަކާއި، ސިޔާސީ ފިއްތުންތަކާ ކުރިމަތިލާން ޖެހޭނެއެވެ. އެހެންކަމުން، ކުރިއަށް އޮތް ދެ އަހަރަކީ ޓްރަމްޕަށް ވަރަށް ދަތި ދުވަސްތަކަކަށް ވާނެއެވެ. ނިމިދިޔަ އިންތިޚާބުގެ ނަތީޖާއަކީ އޭނާގެ ސިޔާސީ ތާރީޚާއި ރިޕަބްލިކަން ޕާޓީގެ ކުރިމަގު ބަދަލުވެގެންދާނެ މުހިންމު ނުކުތާއަކަށް ވެދާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...