ޚަބަރު ޞިއްޙީ ވުޒާރާއިން އެކްސްޕޯއެއް ބާއްވަނީ
ޚަބަރު

ޞިއްޙީ ވުޒާރާއިން އެކްސްޕޯއެއް ބާއްވަނީ

ޞިއްޙީ ވުޒާރާއިން އެކްސްޕޯއެއް ބާއްވަނީ
ކުރީ އަހަރެއްގެ ހެލްތު އެކްސްޕޯގެ ތެރެއިން | ފޮޓޯ: ޞިއްޙީ ވުޒާރާ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

"ދުޅަހެޔޮ އުފާވެރި ޖީލަކަށް އެންމެން އެކުގައި" މި ޝިއާރުގެ ދަށުން ހެލްތު އެންޑް ފެމެލީ އެކްސްޕޯގެ ނަމުގައި ޚާއްސަ އެކްސްޕޯއެއް، މި ނޮވެމްބަރު މަހުގެ 5، 6 އަދި 7 ވަނަ ދުވަހު ބާއްވަން ޞިއްޙީ ވުޒާރާއިން ނިންމަވައިފިއެވެ. އެ ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި މި އެކްސްޕޯ އޮންނާނީ ހުޅުމާލޭ ސެންޓަރަލް ޕާރކްގައެވެ. މިއީ މި އެކްސްޕޯ ބާއްވާ 03 ވަނަ ފަހަރެވެ. ފާއިތުވެ ދިޔަ ދެ އަހަރުގައިވެސް މި އެކްސްޕޯއަށް ޢާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާއިރު، މާލެސަރަހައްދުގެ ހޮސްޕިޓަލްތަކާއި، ކްލިނިކްތަކާއި ޖަމިއްޔާ ޖަމާޢަތްތަކުގެ އިތުރުން އަތޮޅުތެރޭގެ ރީޖަނަލް ހޮސްޕިޓަލަކާއެކު 60 ހަށް ވުރެ ގިނަ ސްޓޯލް  ބެހެއްޓިފައި ހުންނާނެ ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

މި އެކްސްޕޯގައި ޞިއްޙީ، އިޖުތިމާއި އަދި ދުޅަހެޔޮ އުފާވެރި އާދަތަކަށް ޢާންމުން ހޭލުންތެރިކުރުމާއި، މިންތީގެ ހަމަހަމަކަމާއި ނާޒުކު ޙާލަތްތަކުގައި އުޅޭ އެންމެހާ ފަރާތްތަކަށް ބޭނުންވާ މަޢުލޫމާތާއި، ޤައުމީ އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސް ސްކީމުތަކާ ގުޅޭގޮތުން ޢާންމުން ހޭލުންތެރިކުރުވޭނެކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.

އަދި ޞިއްޙީ ދާއިރާއާ ގުޅުންހުރި އެންމެހާ މުއައްސަސާތަކާއި ޖަމިއްޔާ ޖަމާޢަތްތަކާއި އެންމެހާ ހެލްތު ފެސިލިޓީތަކުން ދެމުންގެންދާ ޚިދުމަތްތައް އެއްތާކުން އެންމެނަށް ފޯރުކޮށްދީ، ޞިއްޙީ ދާއިރާއާ ގުޅޭ ޝަކުވާތައް ބަލައިގަނެ ޖަވާބުދާރީވުމުގެ އިތުރުން އާޢިލާއާއިއެކީ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެގޮތަށް ޞިއްޙީ ވުޒާރާއިން ވަނީ މި އެކްސްޕޯގެ ހަރަކާތްތައް ވަނީ ފަރުމާކުރައްވާފައެވެ.

މިގޮތުން ކުޑަކުދިންނަށް ބާއްވާ ޚާއްސަ ހަރަކާތްތަކުގެ ތެރެއިން ކުޑަކުދިންގެ ހެލްތު ޗެކަޕް ހެދުމާއި، މިންހެޔޮ ކާނާއާ ގުޅޭ މަޢުލޫމާތު ދިނުމާއި، ހެދިބޮޑުވުމާއި ގުޅޭ މަޢުލޫމާތު ދިނުމާއި، ވެކްސިން އަދި އެހެނިހެން ޞިއްޙީ މަޢުލޫމާތާއި ތަފާތު މުނިފޫހިފިލުވުމުގެ އެކި ޙަރަކާތްތައް ކުރިއަށް ގެންދިއުމަށްވެސް ޞިއްޙީ ވުޒާރާއިން ވަނީ ނިންމަވާފައެވެ.

 އަދި ބިދޭސީންނަށް ޚާއްޞަކޮށް ޞިއްޙަތާ ގުޅޭ މުހިންމު މަޢުލޫމާތު އަދި ހެލްތު ސްކްރީނިންގއާއި ޒުވާނުންނަށް ޚާއްޞަ ޙަރަކާތްތަކާއި ނަފްސާނީ ދުޅަހެޔޮ ކަމާގުޅޭ މަޢުލޫމާތުތަކުގެ އިތުރުން ޞިއްޙަތަށް ފައިދާހުރި ކާނާ ލިބޭ ސްޓޯލްތަކާއިއެކު ކެއިން ބުއިމުގެ އާދަތަކާއި ގުޅޭ މަޢުލޫމާތުވެސް މި އެކްސްޕޯގައި ދެވޭނެއެވެ.

މީގެއިތުރުން މިއުޒިކް ޝޯތަކާއި، ބިރުވެރިހޮހޮޅަ އަދި މިނޫންވެސް މުނިފޫހިފިލުވުމުގެ އެކި ހަރަކަތާތައް އެކްސްޕޯގެ ތެރެއިން ކުރިއަށްދާނެއެވެ.

ޓެގް

ޞިއްޙީ ވުޒާރާ އެކްސްޕޯ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.