ދޫންޏަކީ ގޭގައި ގެންގުޅެން ވަރަށް ހިތްގައިމު އަދި އުފާވެރިކަން ގެނެސްދޭ ދިރުމެކެވެ. ދޫންޏަކީ ރީތި، ބުއްދިވެރި، އަދި ޙަރަކާތްތެރި އެއްޗެކެވެ. ބައެއް ބާވަތުގެ ދޫނިތަކަކީ ވާހަކަދައްކަން ދަސްކޮށް، އޭގެ ވެރިފަރާތް ދެނެގަނެ، ތަފާތު ހުނަރުތައް ދައްކާލާ އެއްޗެހީގެ ގޮތުގައި ފާހަގަކުރެވެއެވެ. ނަމަވެސް، ދޫންޏެއް ގެންގުޅުމަކީ ބޮޑު މަސްޢޫލިއްޔަތެކެވެ. ދޫންޏަކީ ނާޒުކު އެއްޗަކަށްވާއިރު، އެ އެއްޗެހި ދުޅަހެޔޮކަންމަތީ އުފަލުގައި ބޭތިއްބުމަށްޓަކައި އެކަށީގެންވާ އަޅާލުމާއި، ރައްކާތެރި މާހައުލެއް ބޭނުންވެއެވެ.
1. އެކަށީގެންވާ ކޮށްޓެއް ހަމަޖެއްސުން
އެންމެ މުހިންމު އެއް ކަމަކީ ދޫނި ދިރިއުޅޭނެ އެކަށީގެންވާ މާހައުލެއް ގާއިމުކުރުމެވެ. ދޫނީގެ ކޮށި ވާންޖެހޭނީ އޭގެ ފިޔަގަނޑު ފަތުރާލައި، ފަސޭހަކަމާއެކު ހަރަކާތްތެރިވެވޭހާ ތަނަވަސް ތަނަކަށެވެ. ކޮށީގައި ދޫނި އަރައި ތިބޭނެ ގޮފިތަކާއި، ކާނާ އަދި ސާފު ބޯފެން ބަހައްޓާނެ ތަށި ހުންނަންވާނެއެވެ. ސީދާ އަވީގައި، ބާރު ވަައިޖެހޭ ތަންތަނުގައި ނުވަތަ މާ ބޮޑަށް ހޫނުވާ ތަންތަނުގައި ކޮށި ބެހެއްޓުމުން ދުރުހެލިވާންޖެހެއެވެ.
2. ފައިދާހުރި ކާނާ ދިނުން
ދޫނި ދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކައި މިންހެޔޮ ކާނާއެއް ދިނުމަކީ މުހިންމު ކަމެކެވެ. ދޫނީގެ ބާވަތަށް ބަލައި އޮށް، ޕެލެޓްސް، ތާޒާ މޭވާއާއި ތަރުކާރީ ދޭންވާނެއެވެ. ދޫންޏަށް ޗޮކްލެޓް، އެވޮކާޑޯ، ކެފެއިން އަދި މާ ބޮޑަށް ލޮނުގަދަ ކާނާ ދިނުމަކީ ނުރައްކާތެރި ކަމެކެވެ. އަބަދުވެސް ތާޒާ ބޯފެން ލިބޭނެ އިންތިޒާމު ހަމަޖައްސާފައި ހުންނަންވާނެއެވެ.
3. ސާފުތާހިރުކަން ދެމެހެއްޓުން
ކޮށި ހަޑިކޮށް ސާފުނުކޮށް ބެހެއްޓުމަކީ ބަލިމަޑުކަމާއި ޖަރާސީމު ފެތުރުމަށް މަގުފަހިވާ ކަމެކެވެ. އެހެންކަމުން ގަވާއިދުން ކާ ތައްޓާއި ފެންބޯ ތަށި ސާފުކޮށް، ބާކީ ހުންނަ ކާނާތައް އުކާލައި، ކޮށިތެރެ ސާފުކުރަންވާނެއެވެ. ދޫނި ގެންގުޅޭ ސަރަޙައްދަކީ އަބަދުވެސް ސާފުތާހިރު ތަނަކަށް ހަދަންވާނެއެވެ.
4. ގޭތެރޭގައި ހުންނަ ނުރައްކާތަކުން ރައްކާތެރިކުރުން
ދޫންޏަކީ ވަށައިގެންވާ މާހައުލަށް ވަރަށް ނާޒުކު އެއްޗެކެވެ. ދުން، މަދިރި ދުންދަނޑި، ވަސްގަދަ ސެންޓް، ކެމިކަލް ހުންނަ ސާފުކުރާ ސާމާނު، އަދި ބައެއް ބާވަތްތަކުގެ ތަވާ ފަދަ ތަކެތިން އަރާ ދުމަކީ ދޫންޏަށް ނުރައްކާތެރި، އަދި ފުރާނައަށް ގެއްލުންވެދާނެ ކަންކަމެވެ. މީގެ އިތުރުން ބަދިގޭގެ ދުން، ކަރަންޓު ނަރު، ސީލިން ފަންކާ، އަދި ހުޅުވާފައި ހުންނަ ކުޑަދޮރު ފަދަ ނުރައްކާތަކުން ދޫނި ދުރުކުރަންޖެހެއެވެ.
5. އަޅާލުމާއި ކަސްރަތު ދިނުން
ގިނަ ބާވަތްތަކުގެ ދޫންޏަކީ އެހެން ދިރުންތަކާ ގުޅިގެން އުޅޭ ހިތްވާ ބުއްދިވެރި އެއްޗެހީގެ ގޮތުގައި ފާހަގަކުރެވެއެވެ. ގިނަ ވަގުތު އެކަނި ބެއިންދުމުން ދޫނި ދެރަވެ، ނަފްސާނީ ގޮތުންނާއި އުޅުމަށް ބަދަލުތައް އާދެއެވެ. އެހެންކަމުން ދޫންޏާއެކު ވަގުތު ހޭދަކޮށް، ކުޅޭނެ ސާމާނު ހޯދައިދީ، ރައްކާތެރިކަމާއެކު ކޮށިން ބޭރުގައި ވަގުތު ހޭދަކޮށްލާނެ ފުރުޞަތު ދޭންވާނެއެވެ.
6. ދޫނީގެ ޞިއްޙަތަށް ސަމާލުވުން
ދޫނި ބަލިވުމުން ޢާންމުކޮށް އެކަން ސިއްރުކުރަން މަސައްކަތްކުރެއެވެ. އެހެންކަމުން ގަވާއިދުން ދޫނީގެ ޙަރަކާތްތަކަށް ބަލަންވާނެއެވެ. ކާހިތްނުވުން، ނަޖިހަށް ބަދަލު އައުން، ނޭވާލާން އުނދަގޫވުން، ފިޔަ ފޭބުން، ނުވަތަ ޙަރަކާތް މަދުވުމަކީ ބަލީގެ ނިޝާންތަކެވެ. މިފަދަ ކަމެއް ފާހަގަވެއްޖެނަމަ ވީ އެންމެ އަވަހަކަށް ޖަނަވާރުންނަށް ޚާއްޞަ ޑޮކްޓަރަކަށް ދައްކަންވާނެއެވެ.
ދޫންޏެއް ގެންގުޅުމަކީ ހަމައެކަނި އޭގެ ރީތިކަން ބަލައި ހިތްއުފާ ކޮށްލުމެއް ނޫނެވެ. އެއީ އެސޮރުމެންނަށް ރައްކާތެރި، ދުޅަހެޔޮ އަދި އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމެވެ. ދޫންޏެއް ގެއަށް ގެނައުމުގެ ކުރިން އޭގެ ބޭނުންތައް ދެނެގަނެ، ދިގު މުއްދަތަކަށް އެ ބެލެހެއްޓުމަށް ތައްޔާރުވާންވާނެއެވެ. ޒިންމާދާރު ގޮތަކީ ތިމާ ގެންގުޅޭ ދޫންޏަށް ބޭނުންވާ އަޅާލުމާއި، ރައްކާތެރިކަމާއި، ލޯބި ފުރިހަމައަށް ދިނުމެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...