ރަޝިޔާގެ ސައިބީރިއާގެ ދެކުނުގައި އޮންނަ ބައިކަލް ކުޅީގެ ފެން މަދުވަމުންދާތާ އެތައް އަހަރެއްވުމަށްފަހު، އެ ތަނުގެ ތިމާވެށީގެ ޙާލަތު ރަނގަޅުވަމުންދާ ކަމުގެ އުންމީދީ ނިޝާންތަކެއް ފެންނަން ފަށައިފިއެވެ. މިއީ ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ މީރުފެނުގެ އެއް ކުޅީގެ ދިރުންތައް ދެމެހެއްޓުމަށް ލިބުނު އާ އުންމީދެކެވެ.
2026 ނޮވެމްބަރު 3 ގައި "ޖިއޯފިޒިކަލް ރިސާޗް ލެޓާސް" މަޖައްލާގައި ޝާއިޢުކުރި ޢިލްމީ ދިރާސާއަކުން ހާމަވާގޮތުގައި، ގިނަ ދުވަސްތަކެއް ވަންދެން ކުޅި ހިކެމުންދިޔަ ދިޔުން މިހާރު ވަނީ ބަދަލުވާން ފަށާފައެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން ކުޅިއަށް ފެން އޮހޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ކުޅީގެ ވަށައިގެން ހުރި ފަރުބަދަމަތީގައި ހެދިފައިހުރި ގަސްތަކުގެ ބޮޑުމިނާއި ޢުމުރު ބޭނުންކޮށްގެން، ސައިންސްވެރިން ވަނީ ފާއިތުވި 343 އަހަރުގެ ތެރޭގައި އެ ސަރަޙައްދަށް ފެން ލިބިފައިވާ މިންވަރު ދިރާސާކޮށްފައެވެ. މި ދިރާސާއިން އެނގުނު ގޮތުގައި 20 ވަނަ ގަރުނުގެ ބޮޑު ބައެއްގައި އެ ސަރަޙައްދު ވަނީ ވަރަށް ބޮޑަށް ހިކިފައެވެ. އަދި ބައެއް ދުވަސްވަރު ކުޅިއަށް ފެން އަންނަ މިންވަރު 90 އިންސައްތައަށްވުރެ ބޮޑަށް ދަށްވެފައިވެއެވެ.
އެހެންނަމަވެސް، ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި މި ޙާލަތަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. ސައިންސްވެރިން ފާހަގަކުރާ ގޮތުގައި ކުޅިއަށް ފެން އަންނަ މިންވަރު މިހާރު ވަނީ 80 އިންސައްތަ އިތުރުވެ، ކުރީގެ އެވްރެޖް މިންވަރަށްވުރެ މައްޗަށް ގޮސްފައެވެ. މީގެ ސަބަބުން ކުޅީގެ ފެންގަނޑު އުފުލި، ވަށައިގެންވާ ސަރަޙައްދުގެ ގަސްގަހާގެހި ވެސް ވަނީ އިތުރަށް ހެދެން ފަށާފައެވެ.
ދިރާސާވެރިން ގަބޫލުކުރާ ގޮތުގައި މި ބަދަލު އައީ މޫސުމަށް އައި ބަދަލުތަކުގެ ސަބަބުން އެ ސަރަޙައްދަށް ވާރޭވެހޭ މިންވަރު އިތުރުވުމުންނެވެ. އާކްޓިކް ސަރަހައްދާއި އުތުރު ޕެސިފިކް ކަނޑުގެ ވައިގެ ދައުރުވުމަށް އައި ބަދަލުތަކުގެ ސަބަބުން އެ ސަރަޙައްދަށް ލިބޭ ފެނުގެ މިންވަރު އިތުރުވެފައިވާ ކަމަށް ބެލެވެއެވެ.
ބައިކަލް ކުޅިއަކީ ދުނިޔޭގެ އެންމެ ފުން އަދި އެންމެ ގިނައިން ފެން އެކުލެވޭ މީރުފެނުގެ ކުޅިއެވެ. ދުނިޔޭގެ ބިމުގެ ސަތަޙައިގައި ހުރި ގަނޑުނުވާ މީރުފެނުގެ ގާތްގަނޑަކަށް 20 އިންސައްތަ ހިއްސާކުރަނީ މި ކުޅިއެވެ. އަދި ދުނިޔޭގެ އެހެން އެއްވެސް ތަނަކުން ނުފެންނަ އެތައް ހާސް ބާވަތެއްގެ ގަސްގަހާގެއްސާއި ދިރޭތަކެތި މި ކުޅީގައި އުޅެއެވެ.
މި އުންމީދީ ހޯދުންތަކާއެކުވެސް، ސައިންސްވެރިން އިންޒާރުދޭ ގޮތުގައި ކުޅީގެ ތިމާވެށީގެ މައްސަލަތައް މުޅިން ހައްލެއް ނުވެއެވެ. ތަޣައްޔަރުވުމާއި، ނަޖިސް ފެން ބޭރުކުރުމާއި، ފަތުރުވެރިކަން ފުޅާވުމުގެ އިތުރުން އިންސާނުންގެ އެކި ޢަމަލުތަކުގެ ސަބަބުން ކުޅީގެ ނާޒުކު ތިމާވެއްޓަށް އަދިވެސް ނުރައްކާ އެބައޮތެވެ.
މި ދިރާސާއިން ހާމަވަނީ ތިމާވެށި ހިމާޔަތްކުރުމާއި ފެނުގެ ވަޞީލަތްތައް ޒިންމާދާރުކޮށް ބެލެހެއްޓުމުގެ މުހިންމުކަމެވެ.
ކުރިމަގުގައި ވާނޭ ގޮތެއް އަދި ޔަގީންނުވި ނަމަވެސް، މި ފަހުގެ ދިރާސާއިން އެނގެނީ ތިމާވެށީގެ ޙާލަތު ރަނގަޅުވުމުން ޤުދުރަތީ ނިޒާމުތައް އަމިއްލައަށް އިޢާދަވުމުގެ ޤާބިލުކަން ލިބިގެންވާ ކަމެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...