ޓީވީއެއް ގަތުމަކީ ކޮންމެ އާޢިލާއަކުންވެސް ނިންމާ މުހިންމު ނިންމުމެކެވެ. މިޒަމާނުގެ ޓީވީތައް 32 އިންޗިން ފެށިގެން 100 އިންޗިއާ ހަމައަށް ތަފާތު ސައިޒުތަކުގައި ލިބެން ހުންނައިރު، އޭގެ ތެރެއިން އެންމެ އެކަށީގެންވާ ސައިޒު ޚިޔާރު ކުރުމަކީ ބައެއްފަހަރު އުނދަގޫ ކަމަކަށް ވެދާނެއެވެ. ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި އެންމެ ބޮޑު ޓީވީ ގަތުމުން އެންމެ ފުރިހަމަ ތަޖުރިބާ ލިބޭނެއެވެ. ނަމަވެސް، ޓީވީގެ އެންމެ އެކަށީގެންވާ ސައިޒު ބިނާވަނީ އެ ޓީވީއެއް ބަހައްޓާ ތަނުގެ ބޮޑުމިނާއި، ޓީވީ ބަހައްޓާ ތަނާއި އިށީންނަ ތަނާ ދެމެދު ހުންނަ ދުރުމިނާއި، ސްކްރީންގެ ރިޒޮލިއުޝަންގެ އިތުރުން މީހާ އަމިއްލަ އިސްކަންދޭ ކަންތައްތަކުގެ މައްޗަށެވެ.
މިކަމުގައި އެންމެ ބޮޑަށް ވިސްނަންޖެހޭ އެއް ކަމަކީ ޓީވީ ބަލަން އިށީނދެ އިންނަ ދުރުމިނެވެ. މިއީ މީހަކު ޢާންމުކޮށް އިށީންނަ ތަނާއި ޓީވީ ސްކްރީނާ ދެމެދު ހުންނަ ދުރުމިނެވެ. ޓީވީ މާ ކުޑަވެއްޖެނަމަ، ޓީވީން ފެންނަ މަންޒަރުގެ ތަފްސީލުތައް ފެންނަން އުނދަގޫވެދާނެއެވެ. އަދި މާ ކައިރިން ބޮޑު ސްކްރީނަކަށް ބަލާނަމަ ލޮލަށް އުނދަގޫވެދާނެއެވެ. މިޒަމާނުގެ 4K ޓީވީތަކަށް ބަލާއިރު، އެންމެ އެކަށީގެންވާ ސައިޒެއް ކަނޑައެޅުމުގައި ލޮލަށް ފަސޭހަވާނެ ޓީވީއެއް ހޯދުން މުހިންމެވެ. ބައެއް މީހުން ބޮޑު ސްކްރީނެއްގެ އެހީގައި ސިނަމާއެއްގެ އިހުސާސް ކުރަން ބޭނުންވާއިރު، އަނެއް ބަޔަކު އިސްކަންދެނީ ލޮލަށް ފަސޭހަ މަޑުމައިތިރި ތަޖުރިބާއަކަށެވެ.
ސޯފާ އާއި ޓީވީއާ ދެމެދު ހަތަރު ފޫޓާއި ފަސް ފޫޓާ ދެމެދުގެ ދުރުމިނެއް ހުންނަ ކުދި ސިޓިންގރޫމްތަކަށް 32 އިންޗިއާއި 43 އިންޗިއާ ދެމެދުގެ ޓީވީއެއް އެކަށީގެންވެއެވެ. ދުރުމިނަކީ ފަސް ފޫޓާއި ހަ ފޫޓާ ދެމެދު ނަމަ، 43 އިންޗިއާއި 55 އިންޗިއާ ދެމެދުގެ ޓީވީއެއް ބޭނުންކުރެވިދާނެއެވެ. ހަ ފޫޓާއި ހަތް ފޫޓުގެ ދުރުމިނެއް ހުންނަ މެދު ސައިޒުގެ ސިޓިންގރޫމްތަކަށް 50 އިންޗިއާއި 65 އިންޗިއާ ދެމެދުގެ ޓީވީތައް ރަނގަޅުވާނެއެވެ. ހަތް ފޫޓާއި އަށް ފޫޓުގެ ދުރުމިނަކަށް 55 އިންޗިއާއި 75 އިންޗިއާ ދެމެދުގެ ސްކްރީނެއް އެކަށީގެންވެއެވެ. އަށް ފޫޓާއި ދިހަ ފޫޓުގެ ދުރުމިނެއް ހުންނަ ބޮޑެތި ސިޓިންގރޫމްތަކުގައި 65 އިންޗިއާއި 85 އިންޗިއާ ދެމެދުގެ ޓީވީތައް ބެހެއްޓިދާނެއެވެ. އަދި ދިހަ ފޫޓާއި ބާރަ ފޫޓުގެ ދުރުމިނެއް ހުންނަ ވަރުގެ ތަނަވަސް ސިޓިންގރޫމްތަކަށް 75 އިންޗިއާއި 98 އިންޗިއާ ދެމެދުގެ ސްކްރީންތަކުން ފުރިހަމަ ތަޖުރިބާއެއް ލިބޭނެއެވެ. މިއީ ޢާންމުކޮށް ބަލާ މިންގަނޑުތަކެއް ކަމުގައި ވިޔަސް، ކޮންމެ މީހެއްގެ ވެސް އަމިއްލަ އިސްކަންދޭ ގޮތް ތަފާތުވެދާނެއެވެ.
ޓީވީގެ ރިޒޮލިއުޝަނަކީ ވެސް މުހިންމު ކަމެކެވެ. މިޒަމާނުގެ 4K ޓީވީތަކުގައި ފުލް އެޗްޑީ ޓީވީތަކަށްވުރެ ގާތްގަނޑަކަށް ހަތަރު ގުނަ ގިނައިން ޕިކްސެލް ހުރެއެވެ. މީގެ ސަބަބުން ޓީވީއާ ކައިރީގައި އިށީނދެގެން ތިބޭއިރުވެސް ތަސްވީރު ސާފުކޮށް، ކުދިކުދި ތަފްސީލުތައް ފެންނަން ހުރެއެވެ. އެހެންކަމުން، ކުރިން ކުޑަ ޓީވީއެއް ބަހައްޓަން ލަފާދިން ތަންތަނުގައި މިހާރު ބޮޑެތި 4K ޓީވީތައް ބޭނުންކުރެވިދާނެއެވެ. ނަމަވެސް، ހަމައެކަނި ޓީވީ ބޮޑުވުމަކުން ތަސްވީރުގެ ފެންވަރު ރަނގަޅެއް ނުވާނެއެވެ. ޕެނަލް ޓެކްނޮލޮޖީއާއި، އަލިގަދަމިނާއި، ކުލަތަކުގެ ސައްހަކަމަކީ ވެސް ޓީވީ ބަލާއިރު ލިބޭ ފުރިހަމަކަން ބިނާވާ ކަންތައްތަކެވެ.
ޓީވީއެއް ގަތުމުގެ ކުރިން އޭގެ ސައިޒުގެ ބޮޑުމިނަށްވެސް ވިސްނަންޖެހެއެވެ. ޓީވީގެ ސައިޒު މިނަނީ އެއްފަރާތުގެ މަތީ ކަނުން ފެށިގެން އަނެއްފަރާތުގެ ތިރީ ކަނާ ހަމައަށް އަރިއަކަށެވެ. މިސާލަކަށް 65 އިންޗީގެ ޓީވީއެއްގެ ފުޅާމިނުގައި ގާތްގަނޑަކަށް 57 އިންޗި އަދި އުސްމިނުގައި 32 އިންޗި ހުރެއެވެ. އެހެންކަމުން، ޓީވީ ގަތުމުގެ ކުރިން އެ ބަހައްޓާ ފާރު ނުވަތަ ކެބިނެޓްގައި ޖާގަ ހުރިތޯ ބަލަންވާނެއެވެ. މީގެ އިތުރުން، ވައި ދައުރުވާނެ ޖާގައާއި، ކޭބަލްތައް ގުޅާނެ ގޮތާއި، ކުޑަދޮރުތަކުން އަލި އެޅިގެން ޓީވީ ބަލަން އުނދަގޫވެދާނެތީ އެކަމަށް ވެސް ސަމާލުކަން ދޭންޖެހެއެވެ.
ފަރުނީޗަރު އަތުރާފައި ހުންނަ ގޮތަކީ ވެސް މުހިންމު ކަމެކެވެ. ބޮޑު ޓީވީއެއް ތަނަވަސް ސިޓިންގރޫމަކަށް ރީތިވި ނަމަވެސް، ކުޑަ ކޮޓަރިއެއްގައި މާ ކައިރީގައި ބޮޑު ޓީވީއެއް ހުރުމުން ކޮޓަރި ތޮއްޖެހިފައިވާހެން ހީވެދާނެއެވެ. ހަމައެފަދައިން، ބޮޑު ސިޓިންގރޫމެއްގައި ދުރުގައި ކުޑަ ޓީވީއެއް ހުރުމުން އެތަނާ ނުގުޅިދާނެއެވެ. ޓީވީ ބަހައްޓާ އުސްމިނަކީ ވެސް ބަލަންޖެހޭ ކަމެކެވެ. އެންމެ ރަނގަޅު ގޮތަކީ އިށީނދެގެން އިންނައިރު ލޮލާ އެއްހަމައެއްގައި ސްކްރީންގެ މެދު ހުރުމެވެ.
އެންމެ އެކަށީގެންވާ ޓީވީ ސައިޒު ޚިޔާރު ކުރުމަކީ ހަމައެކަނި އަތުގައި ހުރި ފައިސާއަށް ގަނެވޭނެ އެންމެ ބޮޑު ޓީވީ ހޯދުމެއް ނޫނެވެ. ޓީވީ ބަލަން އިންނަ ދުރުމިނާއި، ކޮޓަރީގެ ބޮޑުމިނާއި، ސްކްރީންގެ ރިޒޮލިއުޝަނާއި، ފަރުނީޗަރު ހުރި ގޮތުގެ އިތުރުން އަމިއްލަ އިސްކަންދޭ ކަންތައްތަކަށް ވިސްނަންޖެހެއެވެ. ސިޓިންގރޫމްގެ މިންތައް ބަލައި، ދުރުމިން ހިސާބުކުރުމުން އެކަށީގެން ނުވާ ޓީވީއެއް ގަނެވުމުން ސަލާމަތްވެވޭނެއެވެ. އެންމެ ފުރިހަމަ ޓީވީއަކީ އެންމެ ބޮޑު ޓީވީއެއް ނޫނެވެ. އެއީ ގޭގެ އެންމެންނަށް ވެސް ފަސޭހަކަމާއެކު، ސާފުކޮށް އަދި އުފަލާއެކު ބަލާލެވޭނެ ޓީވީއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...