ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ޓެކްނޮލޮޖީ ކުންފުނިތަކަކާއެކު ޓްރަމްޕްގެ ސަރުކާރުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ރައްކާތެރިކަމާ ގުޅޭ ވޮލަންޓަރީ އެއްބަސްވުމެއް އިޢުލާން ކުރުމާ ގުޅިގެން، އޭއައި ރެގިއުލޭޓް ކުރުމުގެ މައްސަލައަކީ އެމެރިކާގެ ކުންފުނިތަކުގެ މެދުގައި ބޮޑު ސަމާލުކަމެއް ލިބިފައިވާ ކަމަކަށް ވެއްޖެއެވެ.
މި އެއްބަސްވުމުގައި ހިމެނޭ މައިގަނޑު ކުންފުނިތަކުގެ ތެރޭގައި އެންވީޑިއާ (Nvidia)، ސްޕޭސްއެކްސް/އެކްސްއޭއައި (SpaceX/xAI)، އޯޕަންއޭއައި (OpenAI)، އެންތްރޮޕިކް (Anthropic)، މެޓާ (Meta) އަދި އަލްފަބެޓްގެ ގޫގުލް (Google) ހިމެނެއެވެ. މި އެއްބަސްވުމުގައި ބައިވެރިވާ ކުންފުނިތަކުން ވަނީ އޭއައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެތެރޭގެ ކޮންޓްރޯލްތައް ވަރުގަދަކުރުމަށާއި، މިނިވަން އޮޑިޓަރުންނަށް އެއްބާރުލުން ދިނުމަށާއި، ކުރިއަރާފައިވާ އޭއައި ނިޒާމުތައް ބެލެހެއްޓުމަށް ކުންފުނީގެ ފެންވަރުގައި ހަރުދަނާ އުސޫލުތަކެއް ގާއިމުކުރުމަށް އިގުރާރުވެފައެވެ.
މި އިސްނެގުމަކީ އޭއައިގެ ހަލުވި ކުރިއެރުމާއި، އޭގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާއި، ސަލާމަތީ ކަންބޮޑުވުންތަކާއި، އިޖުތިމާއީ ގޮތުން ނިކުމެދާނެ ނަތީޖާތަކާ ދެމެދު ހަމަހަމަކަން ގާއިމުކުރާނެ ގޮތަކާ މެދު ކުރެވެމުންދާ ބަހުސްތަކަށް ލިބުނު އިތުރު ބާރެކެވެ.
އެމެރިކާ ސަރުކާރުގެ އާންމު ގަވާއިދުތަކާ ޚިލާފަށް، މި އެއްބަސްވުމަކީ ކުންފުނިތަކުން އަމިއްލައަށް އިސްނަގައިގެން ބައިވެރިވާ އެއްބަސްވުމެކެވެ. އަދި މި އެއްބަސްވުމުގައިވާ ކަންކަން ފުރިހަމަނުކުރާ ކުންފުނިތަކަށް މިވަގުތު ގާނޫނީ އަދަބެއް ދެވޭނެ ގޮތެއް ނެތެވެ. މިއީ ޓެކްނޮލޮޖީގެ އައު އީޖާދުތަކަށް ހިތްވަރުދީ، ބައިނަލްއަގުވާމީ އޭއައި ސިނާއަތުގައި އެމެރިކާގެ ވާދަވެރިކަން ދެމެހެއްޓުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ނިންމާފައިވާ ނިންމުމެކެވެ.
އެހެންނަމަވެސް، އޭއައި ނިޒާމުތައް ބާރުގަދަވަމުންދާ ވަރަކަށް، އެ ތަކެތި އުފައްދަނީ ޒިންމާދާރުކަމާއެކުކަން ސާބިތުކޮށްދިނުމަށް އާންމުންގެ ފަރާތުން ޓެކްނޮލޮޖީ ކުންފުނިތަކަށް ދަނީ ފިއްތުންތައް ކުރިމަތިވަމުންނެވެ. އޭގެ ތެރޭގައި ސައިބަރ ސެކިއުރިޓީއާއި، އޭއައި ނުބައި ގޮތުގައި ބޭނުންކުރުމާއި، ނިޒާމުތަކުން ކުރިމަތިވެދާނެ ހީނުކުރާ ނުރައްކާތަކުގެ އިތުރުން، ވަޒީފާގެ ބާޒާރަށާއި މުޅި މުޖުތަމައަށް އޭއައިގެ ސަބަބުން ކުރާނެ އަސަރުތައް ހިމެނެއެވެ.
މި އެއްބަސްވުމާއެކު، ސިނާއަތުގެ ކުންފުނިތަކުން އަމިއްލައަށް ވާ އިގުރާރުތަކުން ފުދޭތޯ ނުވަތަ ނޫންތޯ ކުރެވޭ ބަހުސްތައް ވެސް ވަނީ އަލުން ފެށިފައެވެ. މިކަމަށް ތާއީދުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އުފެދެމުން އަންނަ ނުރައްކާތައް ދެނެގަތުމުގެ ފަންނީ ގާބިލުކަން ހުރީ ޓެކްނޮލޮޖީ ކުންފުނިތަކުގައެވެ. އަދި ލުއި އުސޫލުތަކުގެ ސަބަބުން އައު އީޖާދުތަކަށް ފުރުސަތު ލިބޭނެއެވެ. ނަމަވެސް، ފާޑުކިޔާ ފަރާތްތަކުން ސުވާލު އުފައްދަނީ، ބޮޑު މާލީ މަންފާއެއް ލިބޭ ޓެކްނޮލޮޖީތަކެއް ރެގިއުލޭޓްކުރުމުގެ ޒިންމާ އެކުންފުނިތަކާ ހަވާލުކުރުމުގެ އިތުބާރާ މެދުގައެވެ.
ވިޔަފާރިތަކަށް ބަލާއިރު، އޭއައިގެ ރައްކާތެރިކަމަކީ މިހާރު ހަމައެކަނި ފަންނީ މައްސަލައެއް ނޫނެވެ. އެއީ ކުންފުނި ހިންގުމުގެ ނިޒާމާއި، ގާނޫނީ ޒިންމާ އަދި އިންވެސްޓަރުންނާއި އާންމުންގެ އިތުބާރާ ގުޅިފައިވާ މުހިންމު ކަމެކެވެ.
އޭއައި ރެގިއުލޭޓް ކުރާނެ ދާއިމީ ގޮތަކާ މެދު މި އެއްބަސްވުމުން ވަކި ގޮތެއް ނުނިމެއެވެ. އޭއައި ނިޒާމުތައް ވިޔަފާރިތަކާއި، ސަރުކާރުތަކާއި، އާންމު ދިރިއުޅުމުގެ ތެރެއަށް ވަންނަމުންދާ ވަރަކަށް، އައު އީޖާދުތަކާއި، އިގްތިސާދީ ފުރުސަތުތައް އަދި އާންމު ރައްކާތެރިކަމާ ދެމެދު ހަމަހަމަކަމެއް ހޯދުމަށް ސިޔާސަތު ކަނޑައަޅާ ފަރާތްތަކަށާއި ޓެކްނޮލޮޖީ ކުންފުނިތަކަށް އޮތް ފިއްތުންތައް ދާނީ ބޮޑުވަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...