މަޢުލޫމާތު ދުނިޔޭގެ ފުރަތަމަ މުދައްރިސުން އުފެދުނީ ގަދީމީ ސުމޭރިއަނުންގެ ތެރެއިން
މަޢުލޫމާތު

ދުނިޔޭގެ ފުރަތަމަ މުދައްރިސުން އުފެދުނީ ގަދީމީ ސުމޭރިއަނުންގެ ތެރެއިން

ދުނިޔޭގެ ފުރަތަމަ މުދައްރިސުން އުފެދުނީ ގަދީމީ ސުމޭރިއަނުންގެ ތެރެއިން
އެންމެފުރަތަމަ ރަސްމީ ގޮތެއްގައި މުދައްރިސުން އުފެދިފައިވަނީ މެސޮޕޮޓޭމިއާގެ ގަދީމީ ސުމޭރިއަނުންގެ ތެރެއިން

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް
އޯޑިއޯ އަޑުއަހާލާ 0:00/2:40

ކިޔަވައިދިނުމަކީ އިންސާނީ ޙަޟާރަތުގައި އޮތް އެންމެ ދުވަސްވީ އަދި އެންމެ މުހިންމު އެއް މަސައްކަތެވެ. މަދަރުސާތައް އުފެދުމުގެ މާ ކުރިން، މައިންބަފައިންނާއި، އާއިލާގެ ބޮޑެތި މީހުންނާއި، މުޖުތަމައުގެ ތަޖުރިބާކާރުން ވަނީ ކާބޯތަކެތި ހޯދާނެ ގޮތާއި، އާލާތްތައް އުފައްދާނެ ގޮތާއި، އަމިއްލަ ނަފްސު ރައްކާތެރިކޮށް ދިރިހުންނާނެ ގޮތްތައް ޒުވާން ޖީލުތަކަށް ދަސްކޮށްދީފައެވެ. ނަމަވެސް، ލިޔުންތެރިކަން ތައާރަފުވެ، މުޖުތަމައުތައް ނިޒާމީ ގޮތެއްގައި ތަރުތީބުވާން ފެށުމާއެކު، ރަސްމީ މުދައްރިސުންގެ ބޭނުންތެރިކަން ބޮޑުވިއެވެ. އެންމެ ފުރަތަމަ ފާހަގަކުރެވުނު ފަންނީ މުދައްރިސުން އުފެދިފައިވަނީ މީގެ 5,000 އަހަރަށްވުރެ ކުރިން، މެސޮޕޮޓޭމިއާގެ ގަދީމީ ސުމޭރިއަނުންގެ ތެރެއިންނެވެ.

ސުމޭރިއަނުން ވަނީ މީލާދީގެ ކުރިން ހަތަރުވަނަ ސާސްކަފުގެ ފަހުކޮޅުގައި "ކިއުނީފޯމް" ގެ ނަމުން މަޝްހޫރުވި ދުނިޔޭގެ އެންމެ ކުރީގެ ލިޔުމުގެ ނިޒާމު އުފައްދާފައެވެ. ސިޓީތަކާއި، ފައްޅިތަކާއި އަދި ސަރުކާރުގެ ހިންގުން ހަރުދަނާވެ އޮޅުންބޮޅުން ބޮޑުވަމުން ދިޔަވަރަކަށް، ލިޔަންކިޔަން ދަންނަ އަދި ރެކޯޑުތައް ބަލަހައްޓާނެ މީހުންނަށް އޮތް ބޭނުން އިތުރުވިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން "އެޑުއްބާ" ("ޓެބްލެޓް ހައުސް" ނުވަތަ ފިލާގެ) ނަމުން ނަންދެވިފައިވާ މަދަރުސާތައް އުފެދުނެވެ. މި މުއައްސަސާތަކުން ދަރިވަރުން ތަމްރީނުކުރީ، މުސްތަޤުބަލުގެ ލިޔުންތެރިންގެ ގޮތުގައެވެ.

މި ކުރީގެ މަދަރުސާތަކުގައި ކިޔަވައިދެއްވި މުދައްރިސުންނަކީ މައިގަނޑު ގޮތެއްގައި ތަޖުރިބާކާރު ލިޔުންތެރިންނެވެ. އެ ބޭފުޅުން ދަރިވަރުންނަށް ދަސްކޮށްދެއްވީ ކޮޅު ތޫނުކޮށްފައިވާ ދަނޑިކޮޅެއް ބޭނުންކޮށްގެން މަށީގެ ފިލާގައި ލިޔާނެ ގޮތާއި އެ ކިޔާނެ ގޮތެވެ. ދަރިވަރުން ރަސްމީ ލިޔެކިޔުންތައް ތައްޔާރުކުރަން ފަރިތަވަންދެން ތަކުރާރުކޮށް ލިޔަން ދަސްކުރިއެވެ. މީގެ އިތުރުން ހިސާބު، އެކައުންޓިންގ، ގްރެމަރ، އަދަބިއްޔާތު، ގާނޫނު އަދި އިދާރީ ހިންގުމުގެ ދާއިރާތަކުން ވެސް ތައުލީމު ފޯރުކޮށްދެވުނެވެ. މި ހުރިހާ މަޢުލޫމާތަކީ ފައްޅިތަކާއި، ގަނޑުވަރުތަކާއި އަދި ސަރުކާރުގެ އިދާރާތަކުގައި މަސައްކަތް ކުރުމަށް ކޮންމެހެން ބޭނުންތެރި މަޢުލޫމާތުތަކެކެވެ.

ގަދީމީ މެސޮޕޮޓޭމިއާގެ ތަޢުލީމީ ނިޒާމަކީ ގޮންޖެހުންތައް ބޮޑު ނިޒާމެކެވެ. ދަރިވަރުން ގިނަ ޢަދަދެއްގެ ކިއުނީފޯމް ނިޝާންތައް ހިތުދަސްކޮށް، މަށީގެ ފިލާތަކުގައި ތަމްރީނުތައް ފުރިހަމަކުރަން ޖެހެއެވެ. މިހާތަނަށް ފެނިފައިވާ މަށީގެ ފިލާތަކުން، އޭރު ދިން ފިލާވަޅުތަކާއި، ލިޔުމުގެ ތަމްރީނުތަކާއި އަދި ހިސާބު ޢިލްމުގެ މައްސަލަތައް ހައްލުކޮށްފައިވާ ގޮތް އެނގެން އޮވެއެވެ. މިއީ ދުނިޔޭގެ އެންމެ ކުރީގެ މުދައްރިސުން މަސައްކަތްކުރި ގޮތާ ބެހޭގޮތުން ތާރީހު އިލްމުވެރިންނަށް ލިބުނު އަގުހުރި މަޢުލޫމާތުތަކެކެވެ.

މި މުދައްރިސުން ވަނީ އިންސާނީ ޙަޟާރަތްތައް ތަރައްގީކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައެވެ. އެއް ޖީލުން އަނެއް ޖީލަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ސަބަބުން، ގާނޫނުތަކާއި، ދީނީ ގަބޫލުކުރުންތަކާއި، އަދަބިއްޔާތާއި، ސައިންޓިފިކް ހޯދުންތަކާއި އަދި އިދާރީ ރެކޯޑުތައް ރައްކާތެރިކުރެވުނެވެ. އެ ބޭފުޅުންގެ މަސައްކަތަކީ ސަރުކާރު ހިންގުމާއި، ވިޔަފާރިއާއި ސަގާފަތް ކުރިއެރުވުމަށް އެހީތެރިވެދިން މަސައްކަތެކެވެ.

އިންސާނީ ތާރީހުގައި އެންމެ ފުރަތަމަ ކިޔަވައިދިން ބަޔަކީ ޝައްކެއްވެސްނެތް ގޮތުގައި މައިންބަފައިންނާއި މުޖުތަމައުގެ ބޮޑެތި މީހުން ކަމަށްވީ ނަމަވެސް، ސުމޭރިއަން ލިޔުންތެރިންނަކީ ތާރީޚުން އެނގެން އޮތް އެންމެ ކުރީގެ ފަންނީ މުދައްރިސުންނެވެ. އެ ބޭފުޅުންގެ އުފެދުމަކީ އިންސާނީ މުޖުތަމައަށް އައި މުހިންމު ބަދަލެކެވެ. އެއީ މަޢުލޫމާތަކީ ހަމައެކަނި އަނގަބަހުން ކިޔައިދެވޭ އެއްޗަކަށްވުމުގެ ބަދަލުގައި، ނިޒާމީ ގޮތެއްގައި ރެކޯޑު ކުރެވި، ދިރާސާ ކުރެވި އަދި އުނގަންނައިދެވޭ އެއްޗަކަށް ބަދަލުވުމެވެ. މިގޮތުން ބަލާއިރު، ގަދީމީ މެސޮޕޮޓޭމިއާގެ މުދައްރިސުންނަކީ މިއަދު އަޅުގަނޑުމެން މިދެކޭ ރަސްމީ ތައުލީމީ ނިޒާމުގެ ބިންގާ އެޅުއްވި ބޭފުޅުންނެވެ.

ޓެގް

ތާރީޚު މުދައްރިސުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.