އަމިއްލަ އުޅަނބޮށީގައި ދޫ ޖައްސާލުމަކީ، ނުވަތަ ކާ އެއްޗެއް މޫނުގައި އުނގުޅުމުން ޓިޝޫއެއްގެ ބަދަލުގައި ދޫ ބޭނުންކޮށްގެން އެ ސާފުކޮށްލުމަކީ ގިނަ ބަޔަކަށް ނުކުރެވޭނެ ކަންކަމެވެ. ނަމަވެސް، އެމެރިކާގެ ކެލިފޯނިއާގެ ސަލިނާސްއަށް ނިސްބަތްވާ ނިކް ސްޓޯބާލް އަށް މިއީ އާދައިގެ ކަންކަމެވެ. އޭނާ އަކީ 10.1 ސެންޓިމީޓަރު ނުވަތަ 3.97 އިންޗީގެ ދިގު ދުލަކާއެކު، ދުނިޔޭގެ އެންމެ ދޫ ދިގު ފިރިހެނާގެ ގިނިސް ވޯލްޑް ރެކޯޑް އޮތް މީހާ އެވެ.
ނިކްގެ ދުލުގެ ދިގުމިން ރަސްމީކޮށް ބަލައި ކަށަވަރުކޮށްފައިވަނީ 27 ނޮވެމްބަރު 2012 ގައެވެ. މި މިން ނަގާފައިވަނީ ދުލުގެ ކުރިން ފެށިގެން މަތީ ތުންފަތުގެ މެދާ ހަމައަށެވެ. މި ތަފާތުކަމާ ގުޅިގެން އޭނާ ވަނީ ބައިނަލްއަގުވާމީ ސަމާލުކަން ހޯދައި، ގިނިސް ވޯލްޑް ރެކޯޑްސްގެ މަޤުބޫލު އެކަކަށް ވެފައެވެ.
ނިކްގެ ދުލަކީ ހަމައެކަނި ރެކޯޑް ފޮތުން ޖާގަ ހޯދާފައިވާ ގުނަވަނެއް ނޫނެވެ. އޭނާ ވަނީ މި ދުލުގެ އެހީގައި މީހުން މުނިފޫހިފިލުވައިދީ، އަމިއްލަ ހުނަރުވެސް ދައްކާލާފައެވެ. ގިނިސް ވޯލްޑް ރެކޯޑްސްއިން ބުނާ ގޮތުގައި، ނިކްގެ ދޫ ފަސް ޑޯނަޓް އެއްކޮށް އަތުރާލެވޭހާ ދިގުވެފައި ވަރުގަދައެވެ.
މީގެ އިތުރުން، އޭނާގެ ދޫ ނޭފަތުގައާއި އުޅަނބޮށީގައިވެސް ޖެއްސެއެވެ. މިއީ އާންމުކޮށް އިންސާނަކަށް ކުރަން ވަރަށް އުނދަގޫ ކަމެކެވެ. ނިކް ސަމާސާއަކަށް ބުނާ ގޮތުގައި، އޭނާގެ މޫނުގައި ކާ އެއްޗެއް އުނގުޅުނަސް ޓިޝޫއެއް ބޭނުން ކުރާކަށް ނުޖެހެއެވެ. ސަބަބަކީ ދުލުން އެ ސާފުކޮށްލެވޭތީއެވެ.
ނިކް ވަނީ އޭނާގެ މި އާދަޔާ ޚިލާފު ދޫ ބޭނުންކޮށްގެން ކުރެހުމުގެ ހުނަރެއްވެސް ދައްކާފައެވެ. އޭނާ ކުރަހަނީ ދުލުގައި ޕްލާސްޓިކް ކަރުދާސް އޮޅައި، ކުލައިގައި ޖެއްސުމަށްފަހު ފޮތީގައެވެ. މި ތަފާތު ހުނަރު އޭނާ ވަނީ ޓީވީ ޕްރޮގްރާމްތަކުގައިވެސް ދައްކާލާފައެވެ.
ނިކް ބުނާ ގޮތުގައި އޭނާގެ ދޫ އާދަޔާ ޚިލާފަށް ދިގުކަން އެނގުނީ އޭނާ ކުޑައިރުއެވެ. އޭނާގެ ބައްޕައަކީ މަޝްހޫރު ރޮކް ބޭންޑް "ކިސް" ގެ ވަރަށް ބޮޑު ސަޕޯޓަރެކެވެ. އެ ބޭންޑުގެ ލީޑް ސިންގަރ ޖީން ސިމަންސް އަކީ އޭނާގެ ދިގު ދުލުގެ ސަބަބުން މަޝްހޫރު މީހެކެވެ. ނިކް އެ ލަވަކިޔުންތެރިޔާ ނަކަލުކޮށް ދޫ ބޭރަށް ނެރެ އުޅުމުގެ ތެރޭގައި، އޭނާގެ ދޫ އާދައިގެ މީހުންނަށްވުރެ މާ ބޮޑަށް ދިގުކަން ފާހަގަވީއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ނިކްގެ ކޮއްކޮގެ ދޫވެސް އާދަޔާ ހިލާފަށް ދިގުކަމަށްވެއެވެ. މިއީ އާޢިލީ ގޮތުން ވާރުތަވެފައިވާ ސިފައެއް ކަމަށް ބެލެވެއެވެ.
އަންހެނުންގެ ތެރެއިން އެންމެ ދިގު ދޫ އޮތް މީހާގެ ރެކޯޑް އޮތީ އެމެރިކާގެ ޗެނަލް ޓެޕާ އަށެވެ. އޭނާގެ ދުލުގެ ދިގުމިނުގައި 9.75 ސެންޓިމީޓަރު ނުވަތަ 3.8 އިންޗި ހުރެއެވެ.
ޗެނަލްއަށް އޭނާގެ ދޫ ދިގުކަން ފާހަގަވީ ކުޑައިރުއެވެ. އޭނާ ގިނިސް ވޯލްޑް ރެކޯޑް ހާސިލްކުރީ 29 ސެޕްޓެމްބަރު 2010 ގައެވެ. ޗެނަލްވެސް އޭނާގެ ދުލުން ތަފާތު އުކުޅުތައް ދައްކައެވެ. އޭގެ ތެރޭގައި ނޭފަތުގައި ޖެއްސުމާއި، ޖެންގާ ކުޅޭއިރު ދުލުން ބްލޮކްތައް ނެގުމާއި، ޕްލާސްޓިކް ތަށި ފުރޮޅާލުން ހިމެނެއެވެ.
އާދަޔާ ޚިލާފަށް ދިގު ދުލެއް އޮތުމަކީ ބައެއް މީހުންނަށް އާދަޔާ ޚިލާފު ކަމަކަށް ވިޔަސް، ނިކް ސްޓޯބާލް ވަނީ އެކަން ބޭނުންކޮށްގެން ދުނިޔޭގެ މަޤުބޫލުކަން ހޯދާފައެވެ. މިއީ އިންސާނާގެ ހަށިގަނޑަކީ ކިހާ އަޖައިބު ކަންތައްތަކުން ފުރިގެންވާ އެއްޗެއްކަން ހަނދާންކޮށްދޭ ކަމެކެވެ. އޭނާ ސާބިތުކޮށްދިނީ ހަށިގަނޑުގައި ހުންނަ ތަފާތު ސިފަތަކަކީވެސް ކާމިޔާބީއަކަށް ބަދަލުކުރެވިދާނެ ކަންކަން ކަމެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...