ޓެނެސީގެ މަރުގެ ހުކުމް އިއްވާފައިވާ އުމުރުން 50 އަހަރުގެ ކްރިސްޓާ ޕައިކްގެ ގަޔަށް ޒަހަރުޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވުމާ ގުޅިގެން، އޭނާގެ ހާލު މިހާރު ވަރަށް ސީރިއަސް އެވެ. މި ހާދިސާއާ ގުޅިގެން އޭނާގެ ސިއްހީ ހާލަތާއި އެ ދައުލަތުގެ މަރުގެ އަދަބު ތަންފީޒުކުރުމުގެ އިޖުރާއަތްތަކާ މެދު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ. 1995 ވަނަ އަހަރު އުމުރުން 19 އަހަރުގެ ކޮލީން ސްލެމާ މަރާލި މައްސަލައިގައި ކްރިސްޓާގެ މަރުގެ އަދަބު ތަންފީޒުކުރުމަށް ތާވަލުކޮށްފައި އޮތީ 30 ސެޕްޓެމްބަރު 2026 އަށެވެ. ނަމަވެސް، ދެ ފަހަރެއްގެ މަތިން 'ޕެންޓޯބާބިޓަލް' ގެ ޑޯޒްތައް ދިނުމަށްފަހުވެސް އޭނާ މަރުނުވުމުން، ވަނީ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.
އޭނާގެ ވަކީލުން މައުލޫމާތު ދޭ ގޮތުގައި، ކްރިސްޓާ މިހާރު އޮތީ ޓެނެސީގެ ހޮސްޕިޓަލެއްގައި ހޭނެތި، ވެންޓިލޭޓަރުގެ އެހީގައެވެ. އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހާ ހަމައަށްވެސް އޭނާ ހޭނާރާ ކަމަށާއި، އޭނާގެ ހަށިގަނޑަށް ފޮނުވާލި ގިނަ އަދަދެއްގެ ޒަހަރުގެ ސަބަބުން ލިބުނު ގެއްލުންތަކަށް ޑޮކްޓަރުން ފަރުވާ ދެމުންދާ ކަމަށް ވަކީލުން ބުނެއެވެ. އޭނާގެ ހާލަތު ކުރިއަށް އޮތްތަނުގައި ވާނެ ގޮތެއް އަދި ނޭނގޭއިރު، ލިބިފައިވާ ގެއްލުންތަކުގެ ފުންމިން ދެނެގަތުމަށް އަދި ދުވަސްތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.
މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ކްރިސްޓާގެ ދެ އަތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޖަލުގެ މުވައްޒަފުންނަށް އޭނާގެ އަތުގެ ނާރު ހޯދުމަށް ދަތިތަކެއް ކުރިމަތިވި ކަމަށާއި، އެ ވަގުތު އަތަށް ތަދުވާ ކަމަށް ބުނެ އޭނާ ޝަކުވާކުރި ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ. ވަކީލުން ތުހުމަތުކުރާ ގޮތުގައި ބައެއް ބޭސްތައް ލޭގެ ނިޒާމަށް ދިއުމުގެ ބަދަލުގައި ފެތުރިފައިވަނީ މަސްތަކުގެ ތެރެއަށެވެ.
މީގެ އިތުރުން، ސިކުނޑިއަށް ގެއްލުން ލިބިފައިވުމުގެ ބިރު ވެސް އެބައޮތެވެ. މި މަސައްކަތް ދިގުލައިގެން ދިއުމުގެ ސަބަބުން އޭނާގެ ސިކުނޑިއަށް އޮކްސިޖަން ލިބުން ދަތިވެ، ސިކުނޑިއަށް ގެއްލުން ވެފައިވާކަމަށް ވަކީލުން ބުނި ނަމަވެސް، ޑޮކްޓަރުން އަދި ރަސްމީކޮށް އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.
މަރުގެ އަދަބު ތަންފީޒުކުރުމުގެ ކުރިންވެސް ކްރިސްޓާ ވަނީ އޭނާގެ ސިއްހީ މައްސަލަތަކާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ. ކޯޓަށް ހުށަހެޅި ލިޔުންތަކުގައިވާ ގޮތުން، އޭނާގެ ލޭގެ ޕްލޭޓްލެޓްސް މަތިވުމާއި ނާރުތަކުގެ މައްސަލަތަކެއް ހުއްޓެވެ. މީގެ ސަބަބުން ޒަހަރުޖަހައިގެން މަރުގެ އަދަބު ދިނުމުގައި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށް ވަކީލުން ކުރިންވެސް ވަނީ ބުނެފައެވެ.
މި ހާދިސާއާ ގުޅިގެން ޓެނެސީގެ ގަވަރުނަރު ބިލް ލީ ވަނީ މިކަން ތަހުގީގު ކުރުމަށް އަމުރުކުރައްވައި، 2026 ވަނަ އަހަރުގެ ނިޔަލަށް އެ ގައުމުގައި ވަނީ މަރުގެ އަދަބު ދިނުން މެދުކަނޑާލައްވާފައެވެ. ނަމަވެސް ޓެނެސީ ޑިޕާޓްމަންޓް އޮފް ކަރެކްޝަނުން ބުނަނީ އޮފިޝަލުން އަމަލުކުރީ ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.
މިވަގުތު ކްރިސްޓާ ޕައިކްގެ ހާލަތާ ގުޅޭގޮތުން އެނގެން އޮތް އެންމެ މުހިންމު ކަމަކީ އޭނާ ދުނިޔޭގައި ހުރި ނަމަވެސް، އޮތީ ނުހަނު ނާޒުކު ހާލަތެއްގައި ކަމެވެ. އޭނާ ހޭއަރާނެތޯ ނުވަތަ ލިބުނު ގެއްލުންތަކުގެ ދާއިމީ އަސަރުތަކަކީ ކޮބައިތޯ އެނގޭނީ ޑޮކްޓަރުން އިތުރު މައުލޫމާތު ހިއްސާކުރުމުންނެވެ. މި މައްސަލައާ ގުޅިގެން މަރުގެ އަދަބުގެ ރައްކާތެރިކަމާއި، އިތުބާރާއި، އަދި އަހުލާގީ މިންގަނޑުތަކާ މެދު ކުރެވޭ ބަހުސްތައް ވަނީ މުޅި ގައުމުގައި ހޫނުވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...