އިންޑިޔާގެ މުނިފޫހިފިލުވުމުގެ ދާއިރާގައި އެތައްސަތޭގަ ފަންނާނުންނެއް ޙަރަކާތްތެރިވެއެވެ. މީގެ ތެރޭގައި އެ ގައުމުގައި ތަފާތު ބަސްބަހުން ތައްޔާރުކުރެވޭ އުފެއްދުންތަކުގައި ޝާމިލުވާ އެތައްބަޔަކު ހިމެނެއެވެ. އިންޑިޔާގެ އެކި ޗެނަލްތަކުން ތައްޔާރުކުރާ ބޮޑެތި މުބާރާތްތަކުގައި ފަނޑިޔާރުންގެ ގޮތުގައި ހިމެނޭ މީހުންގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެކަކީ ފަރަހް ޚާންއެވެ. 1965 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 9 ވަނަ ދުވަހު އުފަންވި ފަރަޙް ޚާންއަކީ ފިލްމު ޑައިރެކްޓަރެކެވެ. އެއީ ފިލްމު ޕްރޮޑިއުސަރެއްވެސްމެއެވެ. އަދި ބައެއް ފިލްމުތަކުގައި އެކްޓްރެސްއެއްގެ ގޮތުގައިވެސް ފަރަޙްވަނީ ފާހަގަވެފައެވެ. ފަރަޙްގެ އެންމެ ޚާއްޞަ ހުނަރަކީ ކޮރިއޮގްރާފް ކޮށްދިނުން ނުވަތަ ނަށަން ދަސްކޮށްދިނުމުގެ ހުނަރެވެ. އޭނާވަނީ ބޮލީވުޑްގެ މަޝްހޫރު އެތައް ފިލްމެއްގައި ޙަރަކާތްތެރިވި ތަރިންނަށް ނެށުމުގެ ހުނަރުތައް ދަސްކޮށްދީފައެވެ. އެހެންކަމުން ފަރަޙް އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ އެރޮނގުންނެވެ. 80 އަށްވުރެ ގިނަފިލްމުގައި 100 އަށްވުރެ ގިނަ ލަވަތަކުގެ ކޮރިއޮގްރަފީ އޭނާވަނީ ހަދައިދީފައެވެ.
ހުނަރުވެރިކަން ތަރައްޤީކުރުމަށް އޭނާކުރި ދަތުރުގައި އިންޑިޔާގެ އެހެން ބަސްބަހުން ތައްޔާރުކުރެވުނު ފިލްމުތަކުގައިވެސް އޭނާވަނީ މަސައްކަތްކޮށްފައެވެ. އެގޮތުން އޭނާ މަސައްކަތްކޮށްފައިވާ ބައިނަލްއަޤުވާމީ ޕްރޮޖެކްޓްތަކުގެ ތެރޭގައި، ހޮލީވުޑްގެ ޑައިރެކްޓަރ ވިލަރޑް ކެރޯލް އާއެކު މަސައްކަތްކުރި "މެރީގޯލްޑް- އެން އެޑްވެންޗަރ އިން އިންޑިޔާ" ކިޔާ އިނގިރޭސި ފިލްމަކާއި، 2001 ވަނަ އަހަރު ރިލީޒްކުރި ފިލްމު "މޮންސޫން ވެޑިންގް" ގެ އިތުރުން 2005 ވަނަ އަހަރު ޗައިނާގެ ޑައިރެކްޓަރ ޕީޓަރ ޗެން ޑައިރެކްޓްކޮށް ރިލީޒްކުރެވުނު ޗައިނާ ފިލްމެއް ކަމުގައިވާ "ޕަރހެޕްސް ލަވް" އަކީ އޭނާގެ ބައިވެރިވުމާއެކު ތައްޔާރުކޮށްފައިވާ އުފެއްދުންތަކެކެވެ. މި ފިލްމުތަކުގައި ފަރަޙް ޚާން ވަނީ ކޮރިއޮގްރާފް ކޮށްދީފައެވެ.
މިހާރު ޢުމުރުން 59 ފުރިފައިވާ ފަރަޙް ޚާންގެ އާޢިލީ ފަސްމަންޒަރަށް ބަލާލާއިރު، އޭނާގެ މަންމަ، މެނަކާ އަކީ މުނިފޫހިފިލުވުމުގެ ދާއިރާގެ އަސަރު ވަރަށްގަދަ އާޢިލާއަކަށް އުފަން މީހެވެ. ފަރަޚްގެ މަންމައަކީ ކުރީގެ ފިލްމުތަކުގައި ކުޑަކުއްޖެއްގެބައި ކުޅުނު ޑެއިޒީ އައިރާނީއާއި، އިންޑިޔާގެ ސްކްރީން ރައިޓަރެ ހަނީ އައިރާނީގެ ދައްތައެވެ. ފަރަޚްގެ އެއްބަނޑު އެއްބަފާ ބޭބެ ސާޖިދު ޚާންއަކީ ފިލްމުތަކުގައި ހެއްވާ ބައިތައް ކުޅުމަށް މަޝްހޫރު ކޮމީޑިއަނެކެވެ. މީގެއިތުރުން ސާޖިދް ޚާނަކީ ފިލްމު ޑައިރެކްޓަރެއްގެ ގޮތުގައިވެސް ފިލްމީ ޖައްވުގައި ފިޔަފަޖަމުން އަންނަ ތަރިއެކެވެ. ފަރަޙްގެ މަންމައާއި ބައްޕަގެ ކައިވެނި ރޫޅުމުން ފަރަޙްއާއި ސާޖިދު ވަރަށް ކުޑައިރުއްސުރެ އުޅެންޖެހުނީ ވަކިވަކި ދެގެއެއްގައެވެ. މުނިފޫހިފިލުވުމުގެ ދާއިރާގައި ފިލްމުތަކުން ޢާންމުންގެ ސަމާލުކަން ހޯދާފައިވާ ފަރްޚާން އަޚްތަރާއި ޒޯޔާ އަޚްތަރަކީ ފަރަޙް ޚާންއާ ދެބެންގެ ދެދަރި ކުދިންނެވެ.
ފަރަޙް ޚާންގެ ފިލްމުތަކުގެ ތެރެއިން މަޝްހޫރު ފިލްމެއްކަމުގައިވާ "މެއި ހޫނާ" ގެ އެޑިޓަރ ޝްރިޝް ކުންދަރަކީ ފަރަޙް ޚާންގެ ޙަޔާތުގެ ބައިވެރިޔާއެވެ. އެދެމީހުން ކައިވެނިކުރީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. އޭގެފަހުން ފަރަޙް ޑައިރެކްޓްކުރި ފިލްމުތަކުގައި އޭނާގެ ފިރިމީހާ ޝްރިޝް ކުންދަރުވެސް ޕޯސްޓް ޕްރޮޑަކްޝަންގައި ބައިވެރިވިއެވެ. އެ ފިލްމުތަކަކީ، 2004 ވަނަ އަހަރުގެ ފިލްމު "މެއި ހޫނާ"، 2007 ވަނަ އަހަރުގެ "އޯމް ޝާންތީ އޯމް"، 2010 ވަނަ އަހަރުގެ "ތީސް މާރް ޚާން" ހިމެނެއެވެ. މިއިން ކޮންމެ ފިލްމަކީވެސް ބެލުންތެރިންގެ މެދުގައި ވަރަށްބޮޑު މަޤުބޫލުކަމެއް ހޯދި ފިލްމުތަކެވެ.
ފަރަޙް ޚާންއާއި ޝްރިޝް ކުންދަރުގެ ކައިވެންޏަށް 4 އަހަރު ވީފަހުން 2008 ވަނަ އަހަރު އެދެމީހުންނަށް 3 ކުދިން ލިބުނެވެ. އެއީ އެއްމާބަނޑު 3 ކުދިންނެވެ. 2 އަންހެން ކުދިންނާއި ފިރިހެން ކުއްޖެކެވެ.
ފަރަޙް ޚާން އޭނާގެ ފިރިމީހާއާއި ތިން ދަރިންނާއެކު
ފަރަޙް ޚާން މުމްބާގައި ހުންނަ ސްޓެން ޒޭވިއަރސް ކޮލެޖުގައި ސޯޝިއޮލޮޖީ ކިޔަވަމުންދިޔަ ދުވަސްވަރު މައިކަލް ޖެކްސަންގެ "ތްރިލަރ" ލަވަ ޓީވީން ފެނުމަކީ، އޭނާ ނެށުމުގެ ޕްރޮފެޝަނަށް ވަންނަން ޝަޢުޤުވެރިވި ސަބަބުކަމަށްވެއެވެ. އޭގެ ކުރިން އޭނާއަކީ ނެށުމަށް ވަރުހުންނަ މީހެއް ނޫންކަމަށް އޭނާ ބުނެއެވެ. އޭގެފަހުން ނަށަން ދަސްކޮށް ނެށުމުގެ ހުނަރު ތަރައްޤީކުރީ އޭނާ އަމިއްލައަށެވެ. އަދި ނެށުން ޕްރޮފެޝަނެއްގެ ގޮތުގައި ބަލައިގެން އޭނާ، އޭނާގެ އަމިއްލަ ނަށާ ގްރޫޕެއް އުފެއްދިއެވެ. ހުނަރުވެރިކަން އިތުރައް ތަރައްޤީކޮށް ޢާންމުން ބަލައިގަންނަފަދަ ހުނަރުވެރިއަކަށް ފަރަޙް ޚާން ވެފައިވަނިކޮށް، އެދުވަރު ބޮލީވުޑްގައި އުފެއްދި ފިލްމު "ޖޯ ޖީތާ ވޮހީ ސިކަންދަރު" ގެ ކޮރިއޮގްރާފަރ ސަރޯޖް ޚާން އެފިލްމުން ވަކިވުމުން ފަރަޙް ޚާން އެ މަސައްކަތާ ޙަވާލުވިއެވެ. އެފިލްމުގެ މަސައްކަތް ކުރަމުންދިޔައިރު އޭނާއަށް އިތުރު ފިލްމުތަކާއި، ލަވަތަކަށް ކޮރިއޮގްރާފް ކޮށްދިނުމުގެ ފުރުޞަޠު ދިޔައީ އޮހެމުންނެވެ. ފިލްމީ މަސައްކަތްތައް ކުރުމުގެ ތެރޭގައި އުޅެނިކޮށް ފިލްމު "ކަބީ ހާނ ކަބީ ނާ" ފިލްމުގެ ސެޓުން ފަރަޙް ޚާންއާ ޝާޚްރުކްޚާން ބައްދަލުވިއެވެ. އޭގެފަހުން މިއަދާ ހަމައަށްވެސް އެދެމީހުންނަކީ އެކުގައި މަސައްކަތްކުރާ ވަރަށް ގާތް ދެރަޙްމަތްތެރިންނެވެ.
ފަރަޙް ޚާންގެ ފިލްމީ މަސައްކަތްތައް މިއަދު ވަނީ އެތައް ކާމިޔާބީއެއް ހޯދާފައެވެ. އެގޮތުން އޭނާ މަސައްކަތްކުރި "މޮންސޫން ވެޑިންގ" އާއި "ބޮމްބޭ ޑްރީމްސް" އަދި "ވެނިޓީ ފެއަރ" ވަނީ 2004 ވަނަ އަހަރުގެ ޓޮނީ އެވޯޑްގެ ބެސްޓް ކޮރިއޮގްރާފަރ އެވޯޑަށް ހުށަހެޅިފައެވެ. މީގެއިތުރުން ފަރަޙް ޚާންގެ ކާމިޔާބީތައް ފުރިހަމަވަނީ ފިލްމް ފެއަރ އެވޯޑުތަކުން ބެސްޓް ކޮރިއޮގްރަފީ އެވޯޑް ފަރަޙް ޚާންއަށް 5 ފަހަރު ލިބިފައިވުމުންނެވެ. ފިލްމި ޑައިރެކްޓް ކުރުމުގެ މަސައްކަތާ އޭނާ ކުރިމަތިލީ މި ކާމިޔާބީތަކުން ލިބުނު ހިއްވަރާއެކުގައެވެ. އެގޮތުން ފިލްމު ޑައިރެކްޓް ކުރުމުގެ ދޮރުން އެތެރެވެ ފުރަތަމަ އޭނާ ޑައިރެކްޓް ކުރި ފިލްމަކީ ރެޑް ޗިލީސް އެންޓަރޓެއިންމަންޓުން އުފެއްދި ފިލްމު "މެއި ހޫނާ" އެވެ. މި ފިލްމުގައި އޭނާ ބޭނުންކުރި އެންމެ އިސް ތަރިއަކީ އޭނާގެ ގާތް ރަޙްމަތްތެރި ޝާޙްރުކްޚާނެވެ. މި ފިލްމުވީ އަންހެނަކު ޑައިރެކްޓްކޮށް ފިލްމުފެއަރ ބެސްޓް ޑައިރެކްޓަރ އެވޯޑު ލިބުނު ދެވަނަ ފިލްމަށެވެ. މި ކާމިޔާބީއަށްފަހު ޝާޙްރުކްޚާންއާއި ދީޕިކާ ޕަޑުނޯނި ބައިވެރިކޮށްގެން ފަރަޙް ޚާން ޑައިރެކްޓް ކުރި އޭނާގެ ދެވަނަ ޑައިރެކްޝަން ފެނުނު ފިލްމު "އޯމް ޝާންތީ އޯމް" އާއި އޭގެފަހުން އޭނާ ޑައިރެކްޓްކުރި ކޮންމެ ފިލްމަކީވެސް އަދިވެސް މީހުން އޭގެ މޮޅުވާހަކަ ދައްކާ އުފެއްދުންތަކެކެވެ.
2005 ވަނައަހަރު ފަރަޙް ޚާން ޑައިރެކްޓް ކުރާނެކަމަށް އިޢުލާނުކުރި ފިލްމު "ހެޕީ ނިއުއިޔަރ" އަކީ އެކިފަހަރުމަތިން ލަސްވަމުންގޮސް ތަރިންވެސް ބަދަލުވެ، 2012 ވަނަ އަހަރަށް ލަސްކޮށްފައިވާ ފިލްމެކެވެ. އެހެންނަމަވެސް އަދިވެސް އެފިލްމުގެ މަސައްކަތް އަދިވެސް ވަނީ ކުރިއަށް ނުގެންދެވި ހުއްޓިފައެވެ.
މީހުން ތަމްރީނު ކުރުމުގައި ފަރަޙް ޚާންގެ ހުނަރުވެރިކަން ކުރިއަރާ ގޮސްފައިވާ ހިސާބަކީ، ކޮލަމްބިޔާއަށް ނިސްބަތްވާ މުޅިދުނިޔެއަށް މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ޝަކީރާއަށްވެސް ފަރަޙް ޚާންގެ އިރުޝާދު ލިބިފައި ވުމެވެ. ޝަކީރާގެ "ހިޕްސް ޑޯންޓް ލައި" ގެ ބޮލީވުޑް ވަރޝަން އުފެއްދުމުގައި ޝަކީރާއަށް އެކަން ކުރެވުނީ ފަރަޙް ޚާންގެ ވަރަށްބޮޑު އެހީތެރިކަމާއެކުގައެވެ. މީގެއިތުން އިނގިރޭސި ލަވަކިޔުންތެރިޔާ ކައިލީ މިނޯގްގެ ލަވަ "ޗިގީ ވިގީ" ލަވައަށް 2009 ވަނަ އަހަރު ވީޑިއޯ އުފެއްދިއިރު އޭނާއަށްވެސް ފަރަޙް ޚާން ވަނީ ނެށުމުގެ އުކުޅުތައް ބުނެދީފައެވެ.
މުނިފޫހި ފިލުވުމުގެ ދާއިރާގައި ފަރަޙް ޚާނަކީ ތަފާތު އެކި މަސައްކަތްތައް ކުރުމުގައި ޙަރަކާތްތެރި ފަންނާނެކެވެ. "ތެރޭ މެރޭ ބީޗްމޭ" ގެ ނަން ދެވިފައިވާ ސެލެބްރިޓީ ޗެޓް ޝޯވްއެއް ހުށަހެޅުމުގެ ތެރެއިންވެސް ފަރަޙްގެ ހުނަރުވަނީ ދައްކާލާފައެވެ. ދިވެހީންނަށް އެންމެ ބޮޑަށް މިހާރު ފަރަޙް ޚާން އެނގޭނީ ޔަޤީނުންވެސް އެކި ޗެނަލްތަކުން ދައްކާ ބޮޑެތި މުބާރާތްތަކުގެ ފަނޑިޔާރެއްގެ ގޮތުގައި ޙަރަކާތްތެރިވާތީއެވެ. އިންޑިއަން އައިޑަލް ސިލްސިލާގެ 1 ވަނަ ސީޒަނާއި 2 ވަނަ ސީޒަންގައި އޭނާވަނީ ފަނޑިޔާރުކަންކޮށްފައެވެ. މީގެއިތުރުން ފަރަޙް ޚާން ފަނޑިޔާރެއްގެ ގޮތުގައި ފެންނަ އެހެން މުބާރާތްތަކުގެ ތެރޭގައި، "ޖޯ ޖީތާ ވޮހީ ސުޕަރ ސްޓާރ"، އެންޓަރޓެއިންމަންޓްކޭލިޔޭ ކުޗްބީ ކަރޭގާ" އަދި "ޑާންސް އިންޑިޔާ ލިޓްލް މާސްޓަރސް" ޝޯގެ ފަނޑިޔާރެއްގެ ގޮތުގައި އޭނާވަނީ އިސް ދައުރެއް އަދާކޮށްފައެވެ. މީގެއިތުރުންވެސް ސްޓަރޕްލައިން ދައްކާ "ޖަސްޓް ޑާންސް" ޝޯވގައިވެސް ފަނޑިޔާރެއްގެ ޙައިސިއްޔަތުން ފަރަޙް ޚާން ބައިވެރިވެއެވެ.
މިހުރިހާ ތަޖުރިބާއަކާއި ކާމިޔާބީއަކާއެކު ފަރަޙް ޚާންއާއި އޭނާގެ ފިރިމީހާއާ ދެމީހުންވެގެން މިހާރު ވަނީ ފިލްމީ އުފެއްދުންތައް އުފެއްދުމަށް ޚާއްޞަ ކުންފުންނެއް ހަދާފައެވެ. މި ކުންފުންޏަށް އެމީހުން ދީފައިވާ ނަމަކީ "ތްރީސް ކޮމްޕެނީ" އެވެ. އެއީ އެދެމީހުންނަށް ލިބިފައިވާ އެއްމާބަންޑު 3 ކުދިންގެ ޝަރަފުގައި ކިޔާފައިވާ ނަމެކެވެ.
އިންޑިޔާފަދަ، މުނިފޫހިފިލުވުމުގެ ދާއިރާގެ ފުރުޞަޠުތައް ގިނަ ގައުމެއްގައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަންހެނަކަށް މިހާ ކުރިއަށް ދެވިފައި ވުމަކީ ޙަޤީޤަތުގައިވެސް ފާހަގަކޮށްލަން ޖެހޭވަރުގެ ބޮޑު ކާމިޔާބީއެކެވެ.