ސުމަން ކަލްޔާންޕޫރަކީ އިންޑިއާގެ ފިލްމީ މިއުޒިކްގެ ރަންޒަމާނުގައި ފާހަގަކޮށްލެވުނު ހިތްގައިމު، ރީތި އަދި އެހާމެ އަސަރުގަދަ އަޑެއްގެ ވެރިއެކެވެ. ނަމަވެސް އޭނާއަކީ އޭނާއަށް ޙައްޤުވި ވަރާގާތަށްވެސް ސަމާލުކަން ލިބިފައިނުވާ ފަންނާނެކެވެ. 1950 އާއި 1970 ގެ އަހަރުތަކުގެ ތެރޭގައި ހިންދީ ސިނަމާގެ އެންމެ ކުރީގެ ޕްލޭބެކް ލަވަކިޔުންތެރިންގެ ތެރޭގައި އޭނާ ހިމެނުނެވެ. އިންޑިއާގެ އެކި ބަސްބަހުން އެތައް ހާސް ލަވަތަކެއް ކިޔާފައިވީ ނަމަވެސް، ލެޖެންޑަރީ ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރާ އޭނާގެ އަޑު އެއްގޮތްވުމުގެ ސަބަބުން، އޭނާގެ ނަން އޮންނަނީ ލަތާގެ ހިޔަނީގައި ފޮރުވިފައެވެ.
28 ޖެނުއަރީ 1937 ގައި އޭރުގެ ބްރިޓިޝް އިންޑިއާގެ ޑާކާގައި އުފަންވި ސުމަން ބޮޑުވީ މުމްބާއީގައެވެ. ކުޑައިރުއްސުރެ މިއުޒިކަށް ޝައުގުވެރިކަން ހުރި ސުމަން ވަނީ އިންޑިއާގެ ކްލެސިކަލް މިއުޒިކްގެ ތަމްރީނު ހޯދާފައެވެ. ފިލްމީ ދާއިރާއަށް ވަނުމުގެ ކުރިން އޭނާ ވަނީ އާންމު ހަފުލާތަކުގައި ލަވަކިޔައިފައެވެ. 1950 ގެ ކުރީކޮޅު ފިލްމީ ދާއިރާއަށް ތައާރަފުވުމަށްފަހު، ހިންދީ އަދި މަރާތީ ބަހުގެ އިތުރުން ބެންގާލީ، ގުޖުރާތީ، ކަންނަޑާ، އަސާމީ، އޮޑިއްސާ އަދި ޕަންޖާބީ ފަދަ އެތައް ބަހަކުން އޭނާ ލަވަތައް ރެކޯޑް ކުރިއެވެ.
ސުމަންގެ އަމިއްލަ ދިރިއުޅުމަކީ ފިލްމީ ދާއިރާގެ އެހެން ފަންނާނުންނާ އަޅާބަލާއިރު މާ ހިމޭން ދިރިއުޅުމެކެވެ. އޭނާ ކައިވެނިކުރުމަށްފަހު، އެންމެ ބޮޑު އިސްކަމެއް ދިނީ އާއިލާ އަދި ގޭތެރޭގެ ކަންކަމަށެވެ. އޭނާގެ ދަރިފުޅު ޗާރޫލް ހެމާޑީއަކީ އޭނާގެ ދިރިއުޅުމުގެ ވަރަށް މުހިންމު ހިއްސާއެކެވެ. ސުމަން އޭނާގެ ދަރިފުޅާއި، ދަނބިދަރިފުޅު އަދި ދެ މާމަދަރިންނާ އަބަދުވެސް ވާހަކަދައްކަނީ ވަރަށް ލޯތްބާއެކުގައެވެ. ޢާންމުކޮށް ލަވަކިޔުން ހުއްޓާލުމަށްފަހު އޭނާ އުޅުނީ ގަސް ހެއްދުމާއި، ކެއްކުމާއި، އަޅުކަންކުރުމާއި، ވޫލުން ވިޔުންފަދަ އަތްތެރި މަސައްކަތްތަކުގައެވެ.
ސުމަންގެ ކެރިއަރުގައި ދިމާވި އެންމެ އާދަޔާ ހިލާފު ކަމަކީ، އޭނާގެ އަޑާއި ލަތާ މަންގޭޝްކަރުގެ އަޑާ ހުރި އާދަޔާ ހިލާފު އެއްގޮތްކަމެވެ. އަޑުއަހާ މީހުންނަށް ގިނަ ފަހަރަށް ހީވަނީ ސުމަންގެ ލަވަތަކަކީ ލަތާ ކިޔާފައިވާ ލަވަތަކެއް ކަމަށެވެ.
"ނާނާ ކަރްތޭ ޕިޔާރް ތުމްހީސޭ ކަރްބޭޓޭ" އާއި "ނަތުމް ހަމެ ޖާނޯ" އަދި "އާޖްކަލް ތެރެމެރެ ޕިޔާރްކެ ޗަރްޗޭ" ފަދަ މަޝްހޫރު ލަވަތަކަކީ ގިނަ ބަޔަކު އޮޅިގެން ލަތާގެ ލަވަތަކެއްގެ ގޮތުގައި ބަލާފައިވާ ލަވަތަކެކެވެ. މިގޮތުން ޓީވީ ޕްރޮގްރާމެއް ކަމަށްވާ "ޗާޔާ ގީތު" ގައިވެސް "ނާނާ ކަރްތޭ ޕިޔާރް" ލަވައަކީ ލަތާގެ ލަވައެއް ކަމަށް ދެއްކުމުން، ސުމަންގެ ދަރިފުޅު ޗާރޫލް ވަނީ އެކަން އިސްލާހުކުރުމަށް ޕްރަސާރު ބާރަތީއަށް އަންގާފައެވެ.
މި އޮޅުންތައް ދިމާވާން މެދުވެރިވި އެއް ސަބަބަކީ އެ ޒަމާނުގައި ރޭޑިއޯއިން ލަވަ ފޮނުވާއިރު ލަވަކިޔުންތެރިޔާގެ ނަން ހާމަނުކުރުމާއި، ބައެއް ލަވަ އަލްބަމްތަކުގައި ނަން ނުބައިކޮށް ޖަހާފައި ހުރުމެވެ. ސުމަން އަމިއްލައަށް ގަބޫލުކުރި ގޮތުގައި ކޮލެޖް ދުވަސްވަރު ލަތާގެ ލަވަކިޔުމުގެ އަސަރު އޭނާއަށް ކޮށްފައިވެއެވެ. ނަމަވެސް އޭނާ ބުނާ ގޮތުގައި އެއީ ގަސްތުގައި ލަތާ ކޮޕީކުރުމެއް ނޫނެވެ.
ޒަމާންތައް ފާއިތުވެގެން ދިޔައިރު، ހިންދީ ފިލްމީ ދާއިރާގައި އޮތް ލަތާގެ ބާރުގަދަ ނުފޫޒުގެ ސަބަބުން ސުމަންއަށް ލިބެންޖެހޭ މަގުބޫލުކަން ނުލިބުނު ކަމުގެ ވާހަކަތައް ދެކެވުނެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ޕްރޮޑިއުސަރުން އަބަދުވެސް އިސްކަންދެނީ ލަތާއަށެވެ. އަދި ސުމަންއަކީ ހަމައެކަނި ލަތާ ނުލިބޭ ހާލަތްތަކުގައި ބޭނުންކުރާ ބަދަލެއްގެ ގޮތުގައި ބެލެވުނެވެ.
ކެރިއަރުގައި ކުރިއަށް ދިއުމަށް ބައެއް ހުރަސްތަކާ ކުރިމަތިވި ނަމަވެސް، ލަތާ އަމިއްލައަށް ސުމަންގެ ކެރިއަރަށް ހުރަސް އެޅިކަމުގެ އެއްވެސް ހެއްކެއް ފެންނާކަށް ނެތެވެ. ލަތާ ވެސް ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. ލަތާ ބުނެފައިވާ ގޮތުގައި، ސުމަން ދާއިރާއަށް ވަދެގެން އައި ދުވަސްވަރު ސުމަންއަށް ފުރުސަތު ދިނުމުގެ ގޮތުން ލަތާ ވަނީ އޭނާއަށް ލިބުނު ލަވައެއް ދޫވެސްކޮށްލާފައެވެ.
އިއްތިފާގަކުން، ސުމަންގެ ކެރިއަރަށް އެންމެ ބޮޑު ކުރިއެރުމެއް ލިބުނީ ވަކި މިއުޒިކް ކޮމްޕޯޒަރުންނާ އެކު ލަތާ މަސައްކަތް ނުކުރި ޙާލަތްތަކުގައެވެ. ލަތާ އާއި މުހައްމަދު ރަފީއާ ދެމެދު ރޯޔަލްޓީގެ މައްސަލައެއް ޖެހި، އެކުގައި ލަވަކިޔުން ހުއްޓާލުމުން، ރަފީއާ އެކު ގިނަ އަދަދެއްގެ ޑުއެޓް ލަވަތައް ކިޔުމުގެ ފުރުސަތު ސުމަންއަށް ލިބުނެވެ. އޭނާ ވަނީ ރަފީއާ އެކު 140 އަށްވުރެ ގިނަ ލަވަ ރެކޯޑްކޮށްފައެވެ.
ލަތާއާ ސުމަންއާ ދެމެދު އޮތީ ގާތް ގުޅުމެކެވެ. ފަހުން ދިން އިންޓަވިއުތަކުގައި ސުމަން ވަނީ ލަތާއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އެހެން މީހުން އޭނާގެ އަޑު ލަތާއާ އަޅާކިޔާތީ އެކަމާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުގެ ބަދަލުގައި، އޭނާ އެކަމަށް ރައްދު ދިނީ ވަރަށް މަޑުމައިތިރިކަމާއެކުގައެވެ.
ސުމަން ވަނީ އިންޑިއާގެ އެންމެ މޮޅު މިއުޒިކް ކޮމްޕޯޒަރުންނާއި ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު ރަފީ، މުކޭޝް، މަންނާ ޑޭ އަދި ހެމަންތު ކުމާރާ އެކު މަސައްކަތްކޮށްފައެވެ. އޭނާ ކިޔާފައިވާ ލަވަތަކުގެ ތެރޭގައި ރޮމެންޓިކް ލަވަތަކާއި، ކްލެސިކް ލަވަތަކާއި، ދީނީ ލަވަތަކުގެ އިތުރުން ގަޒަލްތައް ހިމެނެއެވެ.
އޭނާގެ އެންމެ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ތުމްނޭ ޕުކާރާ އައުރް ހަމް"، "ނާނާ ކަރްތޭ ޕިޔާރް"، އާޖްކަލް ތެރެމެރެ"، "ނަތުމް ހަމެޖާނޯ"، އަދި "ދިލް އޭކް މަންދިރްހޭ" ހިމެނެއެވެ. އޭނާ ވަނީ 800 އަށްވުރެ ގިނަ ހިންދީ ލަވައާއި، އެކި ބަސްބަހުން އެތައް ހާސް ލަވަތަކެއް ރެކޯޑްކޮށްފައެވެ. އެއީ ފިލްމުތަކަށް ރެކޯޑްކޮށްފައިވާ ލަވަތަކާއި އެނޫން ލަވަތަކެވެ.
އެހާ ގިނަ މަސައްކަތްތަކެއް ކޮށްފައިވީ ނަމަވެސް، ސުމަންއަކީ އާންމުކޮށް ފެންނަ މީހެއް ނޫނެވެ. އޭނާ މީޑިޔާތަކަށް އިންޓަވިއު ދިނުމަކީ ވަރަށް ނާދިރު ކަމެކެވެ. އޭނާ އިސްކަންދިނީ މަޝްހޫރުކަމަށްވުރެ ބޮޑަށް އާއިލީ ހިމޭން ދިރިއުޅުމަކަށެވެ.
ސުމަންގެ އަގުވަޒަންކުރުމުގެ ގޮތުން 2023 ވަނަ އަހަރު އިންޑިއާ ސަރުކާރުން ވަނީ އޭނާއަށް އެ ގައުމުގެ އެންމެ މަތީ ޝަރަފުތަކުގެ ތެރޭގައި ހިމެނޭ "ޕަދުމާ ބޫޝަން" އެވޯޑް އަރުވާފައެވެ.
ސުމަން ކަލްޔާންޕޫރު ނިޔާވީ 31 މޭ 2026 ގައި، އުމުރުން 89 އަހަރުގައެވެ. އޭނާ ދޫކޮށްދިޔައީ މިއުޒިކީ ދާއިރާގެ ވަރަށް އަގުހުރި ތަރިކައެކެވެ.
އޭނާގެ ވާހަކައަކީ ހަމައެކަނި ލަތާ މަންގޭޝްކަރުގެ އަޑާ އެއްގޮތް އަޑެއް ހުރި ލަވަކިޔުންތެރިއެއްގެ ވާހަކައެއް ނޫނެވެ. އެއީ އަމިއްލަ ހުނަރުވެރިކަމާއި ފަންނުވެރިކަން ހުރި، ނަމަވެސް އެހެން ފަރާތަކާ ހުރި އެއްގޮތްކަމެއްގެ ސަބަބުން އަމިއްލަ ނަން ފޮރުވިފައި އޮތް ފަންނާނެއްގެ ވާހަކައެވެ. އެތައް އަހަރެއް ވަންދެން އެތައް މިލިއަން ބަޔަކު ސުމަންގެ އަޑު އަހަމުން ދިޔައިރުވެސް އެއީ ކާކުކަމެއް ގިނަ މީހުންނަކަށް ނޭނގެއެވެ. ނަމަވެސް މިއަދު، ކުރިން އޮޅިގެން ލަތާގެ ލަވަތަކެއްގެ ގޮތުގައި ބެލެވުނު ލަވަތަކަކީ އަސްލު މި ހުނަރުވެރި ފަންނާނުގެ މަސައްކަތްކަން ދުނިޔެ ގަބޫލުކުރަން ފަށައިފިއެވެ.
ސުމަން ކަލްޔާންޕޫރަކީ އިންޑިއާގެ އެންމެ ވަރުގަދަ މިއުޒިކީ ލެޖެންޑެއްގެ ހިޔަނިދަށުގައި ފޮރުވިފައިވި ފަންނާނަކަށް ވީނަމަވެސް، އޭނާގެ އަޑަކީ އިންޑިއާގެ މިއުޒިކީ ރަން ތާރީޚުގައި ހިމެނޭ މުހިންމު ހިއްސާއެކެވެ. އަދި އޭނާގެ މަސައްކަތްތަކަކީ އަމިއްލަ ނަމުގައި ހަނދާންކުރަންޖެހޭ ފަދަ އަގުހުރި ޚިދުމަތްތަކެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...