މީހުން ޝަންމީ ކަޕޫރު - ހިންދީ ފިލްމީ ޖައްވުގައި ފިޔަޖެހި އަލިގަދަ ތަރިއެއް
މީހުން

ޝަންމީ ކަޕޫރު - ހިންދީ ފިލްމީ ޖައްވުގައި ފިޔަޖެހި އަލިގަދަ ތަރިއެއް

ޝަންމީ ކަޕޫރު - ހިންދީ ފިލްމީ ޖައްވުގައި ފިޔަޖެހި އަލިގަދަ ތަރިއެއް
ޝަންމީ ކަޕޫރު - ހުރިހާ ބާވަތެއްގެ ރޯލަކަށްވެސް ފައްކާ އެކްޓަރެއް

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް
އޯޑިއޯ އަޑުއަހާލާ 0:00/5:47

އިންޑިޔާގެ ރަށެއްކަމުގައިވާ މުމްބާއީގެ މަހަރަޝްތްރާއަށް އުފަން ޝަންމީ ރާޖް ކަޕޫރު ނުވަތަ ޢާންމުނަމުން ޝަންމީ ކަޕޫރަކީ 1950 އާއި 1960 ގެ އަހަރުތަކުގައި ހިންދީ ފިލްމް އިންޑަސްޓްރީގައި ފިޔަޖަހަމުންދިޔަ އަލިގަދަ ތަރިއެކެވެ. ޒުވާން ދުވަސްވަރު އޭނާގެ ފިލްމީ ޙަޔާތް ފެށުނުއިރު އޭނާ ކުޅެމުންދިޔައީ ވަރަށް ސީރިއަސް ރޯލުތަކެވެ. ނަމަވެސް 1956 ވަނަ އަހަރު ނާޞިރު ޙުސައިން ޑައިރެކްޓްކުރި ފިލްމް "ތުމްސާ ނެހި ދޭކާ" އިން ފެށިގެން އޭނާ ސަކަ މިޒާޖުތަކުގެ ފިލްމުތަކުން ފެންނަންފެށިއެވެ. އެގޮތުން  1959 ވަނަ އަހަރު އާޝާ ޕަރިކާއެކު ކުޅުނު ފިލްމު "ދިލްދެކެ ދޭކޯ" އަށްފަހު އޭނާއަކީ މަޖާ ރޯލްތަކުންވެސް ޢާންމުން ބަލައިގަތް ކުޅަދާނަ އެކްޓަރެކެވެ. އިސްކޮޅުގައި 6 ފޫޓު ހުރުމާއި، ކުޅިވަރީ ހަށިގަނޑެއްގެ ވެރިއަކަށްވުމާއި، ހަމުގެ ކުލަ އަލި ވުމުގެ އިތުރުން އޭނާއަކީ ވަރަށް ޖަޒުބާތީ ގޮތްތަކެއް ހުންނަ މީހެއްކަމަށްވާތީ އޭނާގެ ދުވަސްވަރުގައި ޖިންސުއްލަޠީފުންގެ ހުށަހެޅުންތައް އޭނާއަށް އޮހެމުންދިޔައެވެ. ނަމަވެސް 1950 ވަނައަހަރު ފިލްމީ ދުނިޔޭގައި ފިޔަޖަހަންފެށި ގީތާބާލީއާ 1955 ވަނަ އަހަރު ކައިވެނިކޮށް އުފާވެރި ދުވަސްތަކެއް ހޭދަކުރަމުންދިޔައެވެ. އަދި 1965 ވަނަ އަހަރު ގީތާބާލީ މަރުވިއިރު އެދެމީހުންގެ ދެ ދަރިންތިއްބެވެ. އެއީ 1 ޖުލައި 1956 ގައި އުފަންވި އަދިއްތިޔާ ރާޖްކަޕޫރާއި، އޭގެ ފަސްއަހަރުފަހުން 1961 ވަނަ އަހަރު އުފަންވި ކަންޗަންއެވެ. ގީތާބާލީ މަރުވުމުގެ ހިތާމައިގައި ޝަންމީ ކަޕޫރް ހުސްހަށިބައިކޮށް 3 އަހަރުދުވަސް ހޭދަކުރުމަށްފަހު 1969 ވަނަ އަހަރު އޭނާ ގުޖަރާތުގެ ޝާހީ އާޢިލާއެއްގެ ކުއްޖަކާ ކައިވެނިކުރިއެވެ. އެއީ ނީލާ ދޭވީ ގޯހިލްއެވެ. ފިލްމީ ޙަޔާތުގެ ކުރީކޮޅުގައި ޝަންމީ ކުޅެމުންދިޔަ ހިޓް ފިލްމުތަކުގައި އޭނާ ކުޅެމުންދިޔަ ޢިޝްޤީ މަންޒަރުތައް ކުޅުމުގެ ފުރުޞަޠު މަޑުމަޑުން ގެއްލެންފެށީ 1970 ގެ އަހަރުތަކުގައި އޭނާގެ ހަށިގަނޑު އާދަޔާ ޚިލާފަށް ބޮޑަށް ފަލަވެ، އޭނާގެ ޖާދުވީ ހަށިގަނޑުގެ ރީތި ބައްޓަން ބަދަލުވާން ފެށުމުންނެވެ. ފިލްމީ ޙަޔާތުގައި އޭނާ ލީޑްރޯލް އަދާކޮށްފައިވާ ފިލްމުތަކުތެ ތެރެއިން ހިޓް ލިސްޓަށް އެންމެފަހުން އިތުރުވި ފިލްމަކީ 1971 ގައި އޭނާ ކުޅެފައިވާ ފިލްމު އަންދާޒްއެވެ. ހަށިގަނޑަށް ބޮޑެތި ބަދަލުތައް އައިސް ފިލްމުތަކުގެ ބޮޑެތި ރޯލްތައް ކުޅެން ނުލިބުނު ކަމުގައިވިޔަސް ފިލްމީ ދާއިރާއިން ވަކިނުވެ ކުރިއަށް ދިއުމަކީ ޝަންމީ ފިލްމީ ދާއިރާއަށް ހުންނަ ޝަޢުޤުވެރިކަން ހާމަވި ކަމެކެވެ. އެގޮތުން 1970 ގެ އަހަރުތަކުން ފެށިގެން އޭނާ ފެންނަންފެށީ ފިލްމުތަކުގެ ސަޕޯޓިންގ އެކްޓަރެއްގެ ގޮތުގައެވެ. އެގޮތުން އޭނާ ސަޕޯޓިންގ ރޯލެއް ކުޅެފައިވާ ފުރަތަމަ ފިލްމަކީ 1974 ވަނަ އަހަރު ނިކުތް ފިލްމު "ޒަމީރު"އެވެ. އެފިލްމުގައި ޝަންމީ ފެނިގެންދިޔައީ ފިލްމުގެ ބަޠަލާ ޝާއިރާ ބާނޫގެ ބައްޕަގެބައިންނެވެ. އޭގެފަހުން 1961 ވަނަ އަހަރުގެ ފިލްމް "ޖަންގްލީ"، 1964 ވަނަ އަހަރުގެ "ބްލަފް މާސްޓަރ"، "ޕަރްވަރިޝް" ފަދަ ފިލްމްތަކަކީ ޝަންމީ ކަޕޫރް ސަޕޯޓިންގ ރޯލުތައް ކުޅެފައިވާ ފާހަގަކޮށްލެވޭ ފިލްމުތަކެވެ. ފިލްމުތަކުގެ ލީޑްރޯލް ކުޅުނު ދުވަސްވަރު އޭނާއަށްވަނީ 1962 ވަނައަހަރު އޭނާކުޅުނު ފިލްމް "ޕްރޮފެސަރ" އިންނާއި 1968 ވަނަ އަހަރުގެ ފިލްމު "ބްރަމްއަޗާރީ" އިން އެންމެމޮޅު އެކްޓަރގެ އެވޯޑް ލިބިފައެވެ. އަދި ސަޕޯޓިންގ ރޯލްތައް ކުޅެން ފެށިފަހުން އެންމެ މޮޅު ސަޕޯޓިންގ އެކްޓަރގެ އެވޯޑްވެސް އޭނާއަށްވަނީ ލިބިފައި. މީގެއިތުރުން ފިލްމީ ދާއިރާއިން އޭނާއަށް ލިބިފައިވާ އިތުރު ކާމިޔާބީތަކަށް ބަލާލާއިރު އިންޑިޔާގެ ފިލްމީ ދާއިރާއަށް ޝަންމީކަޕޫރު ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން އޭނާއަށް 1995 ވަނައަހަރު "ފިލްމްފެއަރ ލައިފްޓައިމް އެވޯޑް"އާއި 1998 ވަނަ އަހަރު "ކަލާކާރު" އެވޯޑާއި، "ޒީ ސިނެ އެވޯޑް ފޮރ ލައިފްޓައިމް އެޗީވްމަންޓާއި، ސްޓާރ ސްކްރީން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް، އާނަންދަ ލޮކް ލައިފްޓައިމް އެވޯޑާއި، އިންޑިއާގެ ފިލްމީ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދީފައިވާތީ 2002 ވަނަ އަހަރުއޭނާއަށް ލިބިފައިވާ އައިފާ އެވޯޑްގެ އިތުރުން 2005 ވަނައަހަރު ބޭއްވުނު ބޮލީވުޑް މޫވީ އެވޯޑުން ލައިފްޓައިމް އެވޯޑާއި، ޕޫނޭ އިންޓަރނޭޝަނަލް އިލްމް ފެސްޓިވަލްގައި 2008 ވަނަ އަހަރު އެނާއަށް ލިބިފައިވާ ލައިފްޓައިމް އެޗީވްމަންޓް އެވޯޑާއި، ފެޑެރޭޝަން އޮފް އިންޑިއަން ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީ (އެފް.އައި.ސީ.ސީ.އައި) އިން ދީފައިވާ ލިވިންގ ލެޖެންޑް އެވޯޑަކީވެސް ޝަންމީ ކަޕޫރަށް އޭނާގެ ޙަޔާތުގައި ލިބިފައިވާ ޝަރަފްވެރި ބައެއް އެވޯޑްތަކެވެ. ކެމެރާ ކުރިމަތީގައި އެތައް އަހަރެއް ހޭދަކޮށް އެތައްބައިވަރު ފިލްމުތަކެއް ބެލުންތެރިނާ ހަމައަށް ގެނެސްދީފައިވާ ކުޅަދާނަ ޝަންމީ ކަޕޫރަކީ އޭނާގެ ދުވަސްވަރުގެ އެހެން ތަރިންނާ އަޅާ ބަލާއިރު ނެށުމުގެ ހުނަރުވެރިކަންވެސް ސްކްރީންގައި ދައްކުވައިދީފައިވާ މޮޅު ނެށުންތެރިއެކެވެ. ކެމެރާ ކުރިމަތީގައި ޙަރަކާތްތެރިވުމުގެ އިތުރުން އޭނާގެ ތަޖުރިބާގެ އަލީގައި އޭނާވަނީ އެތައް ފިލްމެއްގެ ޑައިރެކްޝަންވެސް ހަދާދީފައެވެ. އެހެންކަމުން އޭނާއަކީ ޑައިރެކްޓަރުންގެ ލިސްޓުގައިވެސް ނަން ހިމެނިފައިވާ މަޤުބޫލްމީހެކެވެ. 1953 ވަނަ އަހަރު އޭނާގެ ފިލްމީ ޙަޔާތުގެ ފެށުން ކަމުގައިވާ ފިލްމް "ޖީވަން ޖިޔޯތީ" އިން ފެށި ފިލްމީ ދަތުރު އޭނާ ނިންމާލީ އޭނާގެ ޞިއްޙީ ޙާލު ދެރަވެ ބަލި އެނދުގައި އޮށޯންނަންޖެހުމުންނެވެ. ޞިއްޙީ ޙާލަތު ގޯސްވެ ކިޑްނީގެ މައްސަލަތައް ކުރިމަތިވުމުގެ ސަބަބުން ޙަފްތާއަކު 3 ފަހަރު ޑަޔަލަސިސް ހަދާކަމަށް އޭނާ 2006 ވަނައަހަރު ދިން އިންޓަރވިޔުއެއްގައި ބުނެފައިވެއެވެ. 2011 ވަނަ އަހަރުގެ އޯގަސްޓް 7 ވަނަ ދުވަހު ބްރީޗް ކެންޑީ ހޮސްޕިޓަލުގައި އެނދުމަތިކުރީ ކިޑްނީ ފެއިލްވުމުގެ ސަބަބުން އަވަސް ފަރުވާ ހޯދުމަށެވެ. އެނދުމަތިކުރިފަހުން ޖެހިގެން އައި ދުވަސްތަކުގައި އޭނާގެ ޙާލު ދިޔައީ ދެރަވަމުންނެވެ. އަދި ފަހުން އޭނާ ހޮސްޕިޓަލުގައި ބާއްވާފައި އޮތީ ވެންޓިލޭޓަރުގެ އެހީގައެވެ. ތަފާތު އެކިއެކި ޞިއްހީ މައްސަލަތަކުގެ ޝިކާރައަކަށް ވަމުންގޮސް ޢުމުރުން 79 އަހަރުގައި އޭނާ މިދުނިޔެ ދޫކޮށްފައިވަނީ 2011 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 14 ވީ އާދީއްތަ ދުވަހުގެ ފަތިހު އިންޑިޔާ ގަޑިން 5:15 ގައި އިންޑިޔާގެ މުމްބާއީގައި ހުންނަ ބްރީޗް ކެންޑީ ހޮސްޕޮޓަލުގައެވެ. އޭނާ މަރުވީ ކިޑްނީ ފެއިލްވެގެންކަމަށްވިޔަސް، އެއިރު އޭނާއަށް ދިޔައީ ފުއްޕާމޭގެ އިންފެކްޝަނަކަށްވެސް ފަރުވާދެވެމުންކަމަށްވެއެވެ. އެތައް ލައްކަ ސަޕޯޓަރުންތަކަކާ ޝަންމީ ކަޕޫރު ވަކިވެގެން ދިއުމުގެ ހިތާމަކުރަނީ ހަމައެކަނި އޭނާގެ އާޢިލާގެ މެންބަރުންގެ އިތުރުން ފިލްމީ ދާއިރާގެ ފަންނާނުން އެކަންޏެއްނޫނެވެ. ޝަންމީ ކަޕޫރަކީ "އިންޓަރނެޓް ޔޫސަރސް ކޮމިއުނިޓީ އޮފް އިންޑިޔާ"ގެ ފައުންޑަރ އަދި އެ ކޮމިއުނިޓީގެ ޗެއަރމަނެވެ. އެހެންކަމުން މުޅި އިންޑިޔާގެ އިންޓަރނެޓް ބޭނުންކުރާ އެތައްހާސް ބަޔަކުވެސް އިންޓަރނެޓް ސޯޝަލް ނެޓްވޯކްތަކުގައި ޝަންމީ ކަޕޫރުގެ މަރުގެ ޚަބަރު ހިތާމަވެރިކަމާއެކު ފާޅުކޮށްފައިވެއެވެ. ހިންދުސްތާނު ފިލްމް އިންޑަސްޓްރީގެ އެންމެ ދުވަސްވީ އާޢިލާ ކަމުގައިވާ ކަޕޫރު އާޢިލާއަށް ނިސްބަތްވާ ޝަންމީ ކަޕޫރު ގެންދިޔައީ އޭނާގެ އާޢިލާއަށް ޚާއްޞަކޮށް ހިންގާ "ކަޕޫރު ފެމިލީ" ވެބްސައިޓްވެސް ވަރަށް ފުޅާކޮށް ހިންގަމުންނެވެ. ކޮންމެއަކަސް އަޅުގަނޑުމެންގެ ތެރެއިންވެސް ވަރަށްގިނަ ބައެއްގެ ހަނދާނުގައި އަބަދުމެ ހުންނާނެފަދަ މަޝްހޫރު ރީތި ލަވަތަކެއްގެ ވީޑީއޯވެސް ކުޅެފައިވާ ޝަންމީ ކަޕޫރަކީ އިންޑިޔާގެ ފިލްމް އިންޑަސްޓްރީއިން ގެއްލިފައިވާ މައި ތަނބެއްކަމަށް ފިލްމީ މުރާސިލުންދެކެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.