Viyas
Viyas
ޚަބަރު
މީހުން
މަޢުލޫމާތު
ވިޔަފާރި
އާދަޔާޚިލާފު
މީހުން
ޖޭ.ކޭ ރޮއުލިންގ - ފޮތް ލިޔެގެން އެންމެ ފުރަތަމަ ބިލިއަނަރަކަށް ވުމުގެ ޝަރަފް ލިބުނު ލިޔުންތެރިޔާ
ޖޭ.ކޭ ރޮއުލިންގ - ފޮތް ލިޔެގެން އެންމެ ފުރަތަމަ ބިލިއަނަރަކަށް ވުމުގެ ޝަރަފް ލިބުނު ލިޔުންތެރިޔާ

ސްކޫލްގައި ކިޔަވަން އުޅުނު ދުވަސްވަރު ކްލާސްތެރޭގައި އަބަދު ޚިޔާލީ ދުނިޔެއަކަށް ގެއްލިފައި އިންނާތީ އެ ޚީޔާލީ ދުނިޔެ ދޫކޮށްލުމަށް އޭނާގެ ކިބައިން އޭނާގެ އިނގިރޭސި ޓީޗަރު އެދިފައިވެއެވެ. އެހެންނަމަވެސް ނަސީބަކުން އޭނާ އެކަން ހުއްޓާނުލާ ޚިޔާލީ ދުނިޔެއާއިގެން ކުރިއަށް ދިޔައެވެ. އެކަން އޭނާ ހުއްޓާ ނުލާ ކުރިއަށް ގެންދިއުމުގެ ނަތީޖާއަކީ ހެރީ ޕޮޓަރއެވެ. އަދި ހެރީ ޕޮޓަރ އާ ގުޅިގެން މިއަދު ޖޭ.ކޭ ރޮއުލިން ވެފައިވަނީ ބޮޑު މަހުޖަނަކަށެވެ.

ހެރީ ޕޮޓަރ  ސިލްސިލާގެ ފުރަތަމަ ވާހަކަ ކަމަށްވާ ހެރީ ޕޮޓަރ އެންޑް ދަ ފިލޯސޮފަރސް ސްޓޯން އޭނާ އެންމެ ފުރަތަމަ ވިއްކާފައިވަނީ އިނގިރޭސިވިލާތުގެ  ބްލޫމްސްބަރީއަށް އެންމެ ހަތަރުހާސް ޑޮލަރަށެވެ. މި އަދަދަކީ މިހާރު އޭނާ ފެންވަރަން ގެންގުޅޭ ބަބްލް ބާތަށް އެކަނިވެސް އޭނާ ޚަރަދު ކުރާހާ ކުޑަ މިންވަރެކެވެ.

ޖޭ.ކޭ ރޮއުލިންއަކީ ފޮތް ލިޔެގެން އެންމެ ފުރަތަމަ ބިލިއަނަރަކަށް ވުމުގެ ޝަރަފް ލިބިފައިވާ ލިޔުންތެރިޔާއެވެ. މިހާހިސާބުން ގިނަބައެއްގެ ހިތައް އަރާނީ އޭނާ ބިލިއަނަރަކަށް ވީ ކިހިނެއްބާއޭ؟ މި ސުވާލެވެ. ހަމަ ޔަޤީނުންވެސް އޭނާގެ ވާހަކައިގެ އެންމެ މުހިއްމު ޝަހުސިއްޔަތު ކަމަށްވާ ހެރީ ޕޮޓަރއަކީ ގިނަބަޔަކަށް ވަރަށް ކަމުދިޔަ ޝަހުސިއްޔަތަކަށް ވަނީ ވެފައެވެ. އަދި މި ޝަހުސިއްޔަތު ބިނާކުރުމާއި އަދި މުޅި ވާހަކަ ބައްޓަން ކުރުމުގެ ކުޅަދާނަކަން ރޮއުލިންގއަށް ވަރަށް ބޮޑަށް ލިބިފައިވާކަން އެ ވާހަކަތައް ކިޔައިލުމުން އެގިގެންދާނެއެވެ. އެހެންނަމަވެސް މި ޚިޔާލީ ވާހަކަ ލިޔަން ފެށިއިރު މީ މިހާ ކާމިޔާބުވާނެ ވާހަކަތަކެއް ކަމަށް ކުޑަކޮށްވެސް އޭނާ ހީކޮށްފައެއް ނުވެއެވެ.

އަދި މީގެ އިތުރުން މި ވާހަކަ ސިލްސިލާއާ ގުޅިގެން އިތުރު ޒުވާން ތިން ތަރިން މިލިއަނަރުންނަށް ވުމުގެ ފުރުޞަތު ލިބިގެން ދިޔައެވެ. އަދި ހެރީ ޕޮޓާގެ ބައި ކުޅުނު ޒުވާން ފަންނާނަށް ގިނަ ބައެއްގެ ތަޢުރީފު ލިބިގެން ދިޔައެވެ.

1997 ވަނަ އަހަރު ހެރީ ޕޮޓާގެ ފުރަތަމަ ފޮތް ބާޒާރަށް ނުކުތް ވަގުތުން ފެށިގެން މި ފޮތް ވެފައިވަނީ ޢާންމުންގެ ތަރުޙީބު އިންތިހާ ދަރަޖައަކަށް ލިބިގެން ދިޔަ ފޮތަކަށެވެ. އަދި ވިޔާފާރީގެ ގޮތުންވެސް މި ފޮތް ވެފައިވަނީ މުޅި ދުނިޔޭގައިވެސް ވަރަށް ކާމިޔާބު ފޮތަކަށެވެ. ނަތީޖާއެއްގެ ގޮތުން މި ވާހަކައަށް ބިނާކޮށް ފިލްމުތަކާއި ވީޑިޔޯ ގޭމްތަކުގެ އިތުރުން ފިލްމަށް ނިސްބަތްވާ ތަފާތު އުފެއްދުންތައް އުފައްދަމުން ގޮސްފައިވެއެވެ.

ހެރީ ޕޮޓަރ ސިލްސިލާގައި މިހާތަނަށް ނެރެފައިވާ ފޮތްތަކުގެ 350 މިލިއަނަށްވުރެ ގިނަ ކޮޕީ ވިކިފައިވާއިރު މި ފޮތްތައް ވަނީ 64 ބަހަށް ތަރުޖަމާވެސް ކޮށްފައެވެ.

ހެރީ ޕޮޓާރ ސިލްސިލާ ނިންމާލާ ފޮތްކަމަށްވާ ސިލްސިލާގެ 7 ވަނަ ވާހަކަ ހެރީ ޕޮޓަރ އެންޑް ދަ ޑެތުލީ ހެލޯސް ނުކުތުމާއެކީ އޭގެ ފުރަތަމަ ކޮޕީން އެކަނިވެސް 12 މިލިއަން ފޮތް ވިކިފައިވެއެވެ. މީ އެމެރިކާއަށް ބަލާއިރު ރެކޯޑް މިންވަރެކެވެ.

ހެރީ ޕޮޓަރ ސިލްސިލާގެ ކޮންމެ ފޮތެއްގެ އިންތިޒާރުގައިވެސް ޢާންމުން ނޭވާހިފަހައްޓާލައިގެން ތިބެއެވެ. އެހެންނަމަވެސް ފޮތް ބާޒާރަށް ނުކުތުމާ ހަމައަށް މި ފޮތްތަކާ ބެހޭ ވާހަކަތަކަކީ ވަރަށް ބޮޑަށް ސިއްރު ކުރެވިފައިވާ ވާހަކަތަކަކަށް ވަނީ ވެފައެވެ.

އެހެންކަމުން ވާހަކަ ފޮތަކުން މިފަދަ ބޮޑު ޖާދޫއެއް ޢާންމުންނަށް ޖެއްސުމުގައި އޭނާ ބޭނުންކޮށްފައިވަނީ ކޮންކަހަލަ ސިއްރު ތަކެއްބާއެވެ؟ ރޮއުލިންގެ މި ވާހަކަތަކަކީ ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންގެވެސް ސަމާލުކަން ވަރަށް ބޮޑަށް ލިބިފައިވާ ވާހަކަތަކަކަށް ވަނީ ވެފައެވެ.

އޭގެތެރެއިން ހަމަ ޔަޤީނުންވެސް އެއް ސިއްރަކީ އޭނާ މި ވާހަކަތަކުގައި ބޭނުންކޮށްފައިވާ މުހިއްމު ކަންތައް ތަކަކީ އާންމުގޮތެއްގައި ހުރިހާ އުމުރެއްގެ އަދި ހުރިހާ ނަސްލެއްގެވެސް މީހުންނާ ގުޅޭ ކަންތައްތަކަކަށް ވާތީ ކަމަށް ވުން އެކަށީގެންވެއެވެ. މިގޮތުން އޭނާ ބޮޑަށް އިސްކަން ދީފައިވަނީ ތެދުވެރިކަމާ އިޚްލާސްތެރިކަން ފަދަ މުހިއްމު ކަންތަކަށެވެ. މި ކަންތައްތައް ބޭނުންކުރަން ނިންމި ނިންމުން ވެފައިވަނީ އޭނާއަށް އިޚްތިޔާރު ކުރެވުނު ވަރަށް ރަނގަޅު ނިންމުމަކަށެވެ.

ހެރީ ޕޮރޓާގެ ފުރަތަމަ ވާހަކައިގެ ފުރަތަމަ ޗާޕުން ވިކިފައިވަނީ ހަމައެކަނި ހާހެއް ހާ ކޮޕީއެވެ. މިއަދު އެއިން ފުރަތަމަ ޗާޕުގެ ވާހަކައެއްގެ އަގު ވަނީ 25 ހާސް ޕައުންޑުގައެވެ.

ވާހަކަ ލިޔެގެން ލިބޭ މައްޝޫރުކަމަކީ ކިތަންމެ ބޮޑު މައްޝޫރުކަމެއް ނަމަވެސް  އެ ވާހަކަތަކަށް ފިލްމް އުފެއްދުމަކީ ކޮންމެ ލިޔުންތެރިއެއްގެވެސް ހިތުގައި އުފެދޭ ސިއްރު ހުވަފެނަކަށް ވަނީ ވެފައެވެ. އެހެންކަމުން ޖޭ.ކޭ ރައުލިންގެވެސް މި ހުވަފެން ދެކެމުން ދިޔައެވެ.

1998 ވަނަ އަހަރު ވާރނާ ބްރޯސް އިން ވަނީ ވަރަށް ބޮޑު އަގަކަށް ހެރީޕޮޓާ ސީރީސްގެ ފުރަތަމަ ދެ ވާހަކައިގެ ރައިޓްސް ގަނެފައެވެ.

މި ވާހަކައިގެ ރައިޓްސް ދިނުމަށް ވެފައިވާ އެއްބަސްވުމުގައި ރޮއުލިންވަނީ އެ ފިލްމްގެ ހުރިހާ މަންޒަރުތަކެއް އިނގިރޭސި ވިލާތުގައި ނެގުމަށް ޝަރުތު ކޮށްފައެވެ.

މިހާރު ފައިސާގެ ގޮތުން ކިތަންމެ ތަނަވަސް މީހަކަށް ރޮއުލިންގް ވެފައި ވީ ނަމަވެސް އޭނާއަކީ ކުރިން ވަރަށް ދަތި ޙާލުގައި އުޅެފައިވާ މީހެކޭ ބުނުމުން ގިނަބަޔަކަށް ޤަބޫލް ކުރަން ދަތިވާނެކަން ޔަޤީނެވެ. ރޮއުލިން އަކީ އެއްވެސް ވަޒީފާއެއް ނެތި ސަރުކާރުން ދޭ ކުޑަ ފައިސާ ކޮޅެއްގެ އެހީގައި، ބައްޕައަކާ ނުލައި ދަރިއަކު ގެންގުޅެންޖެހިފައިވާ ސްކޮޓްލަންޑްގެ ރައްޔިތެކެވެ. އެހެންކަމުން ދިރިއުޅުމަށްޓަކައި މަސައްކަތެއް ކުރުމުގެ މަޤުޞަދުގައި އޭނާ ވާހަކަ ލިޔަން ފަށާފައިވަނީ 1994 ވަނަ އަހަރުއެވެ. މިހާރު ސްކޮޓްލަންޑްގެ ރިވާރ ޓޭ ގެ އައްސޭރީގައިވާ އޭނާގެ އަގު ބޮޑު ގޭގައި މަސައްކަތް ކުރަމުންދާއިރު އެންމެ ފުރަތަމަ އޭނާ ވާހަކަ ލިޔުމުގެ މަސައްކަތް ކޮށްފައިވާ ދަތިހާލުގެ މަތިން އޭނާ އަބަދުވެސް ހަނދާން ކުރެއެވެ.

ޖޭ.ކޭ ރޮއުލިން މިހާރު ހިމެނެނީ އިނގިރޭސި ވިލާތުގެ އެންމެ މުއްސަނދި އަންހެނުންގެ ލިސްޓުގެ ވަރަށްކުރީގައެވެ. އަދި ދުނިޔޭގެ އެންމެ ނުފޫޒުގަދަ 100 ފަންނާނުންގެ ލިސްޓުގައިވެސް އޭނާގެ ނަން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

މިލިޔުމާ ގުޅުންހުރި