"ދަ ތައުޒަންޑް ލޭކް ޑެޒަރޓް" ނުވަތަ ސަރަޙައްދީ ބަހުރުވައިން "ޑެސެރްޓޯ ޑޮސް މިލް ލަގޯސް" އަކީ ބްރެޒިލްގެ އިރުމަތީ އުތުރުގައި، މަރަންހާއޯ ސްޓޭޓުގައި އޮންނަ ހިތްގައިމު ޤުދުރަތީ އަޖައިބެކެވެ. މި ތަފާތު މަންޒަރު ހިމެނެނީ 1,500 އަކަ ކިލޯމީޓަރަށްވުރެ ބޮޑު ސަރަޙައްދެއް ހިމެނޭ ރައްކާތެރިކުރެވިފައިވާ ސަރަޙައްދެއް ކަމުގައިވާ ލެންސޯއިސް މަރަންހެންސެސް ނޭޝަނަލް ޕާކުގެ ތެރޭގައެވެ. އާންމު ސަހަރާތަކާ ޚިލާފަށް، މި ސަރަޙައްދުގައި ވާރޭވެހޭ މޫސުމުގައި ގިނަ އަދަދަކަށް ވާރޭ ވެހެއެވެ. މިކަމުގެ ސަބަބުން މިތަނުގައި މީރުފެނުގެ އެތައްހާސް ކުޅިތަކެއް ނުވަތަ ފެންގަނޑުތަކެއް އުފެދެއެވެ. ވާރޭ ފެނުން ފުރޭ މި ކުޅިތަކާއި ހިކިފައިވާ ރީތި ހުދު ވެލި އެކުވުމުން ފެންނަނީ ޙަޤީޤަތާ ޚިލާފު، ހައިރާންކުރުވަނިވި، އެހެން އާލަމެއްގައި ހުރެ ބަލާ މަންޒަރެއްހެން ހީވާފަދަ ހިތްގައުމު މަންޒަރެކެވެ. މިތަނުގައި ހެދޭ ބައެއް ފެންގަނޑުތަކުގެ ބޮޑުމިނުގައި 30 މީޓަރު ހުރެއެވެ. އަދި ބައެއް ފެންގަނޑުތަކުގެ ފުންމިން 10 ފޫޓާ ގާތްކުރެއެވެ.
މި މަންޒަރު އުފެދިފައިވަނީ ޤުދުރަތީ އެކި ކަންކަން އެއްވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. މި ސަރަޙައްދު އެޓްލާންޓިކް ކަނޑާ ކައިރީގައި އޮތުމުގެ ސަބަބުން ވާރޭވެހޭ މޫސުމުގައި، އާންމުކޮށް ޖަނަވަރީ މަހުން ޖޫން މަހާ ހަމައަށް، ގިނަ އަދަދަކަށް ވާރޭ ވެހެއެވެ. ވެލި ވާދީތަކުގެ ދެމެދުގައިވާ ތަންތަނަށް ވާރޭފެން އެއްވުމުން، އެތައް މީޓަރެއްގެ ފުންމިނަށް ސާފު ކުޅިތައް އުފެދެއެވެ. ހޫނު މޫސުމުގައި، އާންމުކޮށް ޖުލައި މަހުން ޑިސެންބަރު މަހާ ހަމައަށް، މި ކުޅިތަކުގެ ތެރެއިން ގިނަ ކުޅިތައް ހިކި، މިތަން ފެންނަން އޮންނަނީ ހަމައެކަނި ވެލީގެ ސަހަރާއެއްގެ ގޮތުގައެވެ. މިގޮތަށް އޮންނަނީ އަލުން މި ދައުރު ފެށެންދެނެވެ. މޫސުމާ ގުޅިގެން މިހެން ބަދަލުވަމުންދާ މާޙައުލަކަށްވުމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން މި ތަނަށް ޒިޔާރަތްކުރެއެވެ.
ފެންނަ މަންޒަރުގެ ރީތިކަމުގެ އިތުރުން، "ހާސް ކުޅިތަކުގެ ސަހަރާ" ނުވަތަ "ދަ ތައުޒަންޑް ލޭކް ޑެޒަރޓް" އަކީ ދިރޭތަކެތީގެ ނަސްލުތަކުގެ މައުވައެކެވެ. ކުޅިތަކުގައި އެކި ބާވަތްތަކުގެ މަސްތައް އުޅެއެވެ. މީގެ ތެރޭގައި ދޫނިތަކުގެ ހިޖުރަކުރުމުގެ ސަބަބުން އަންނަ މަސްތަކާއި ފެންބޮޑުވުމުގެ ސަބަބުން އަންނަ މަސްތައް ހިމެނެއެވެ. އަދި މި ޕާކުގައި މާޙައުލާ ގުޅޭގޮތަށް ހެދިފައިވާ ޚާއްޞަ ގަސްގަހާގެއްސާއި ޖަނަވާރުތައްވެސް އުޅެއެވެ. މިތަނަށް އަންނަ ފަތުރުވެރިން މި ޤުދުރަތީ އަޖައިބު ދުށުމަށް، މިތަނުގައި ޙަރަކާތްތެރިވާ މަގުދައްކައިދޭ މީހުންނާއެކު ހިނގާފައި ނުވަތަ ހަތަރު ފުރޮޅުލީ އުޅަނދުތަކުގައި، ނުވަތަ ކައިރީގައިވާ ޕްރެގުއިސަސް ކޯރުގައި ކުދި އުޅަނދުތަކުގައި ދަތުރުކޮށްފައި އައިސް މިތަން ބަލާލެވިދާނެއެވެ. ދުރުގައިވާ ކުޅިތަކަށް ބަލައިލަން ހިނގާލުން ކަމުގައި ވިޔަސް ނުވަތަ ތަރިތަކުން ފުރިފައިވާ އުޑަށް ބަލަހައްޓައިގެން އިނުން ކަމުގައިވިޔަސް، "ދަ ތައުޒަންޑް ލޭކް ޑެޒަރޓް" އިން ލިބެނީ ހަނދާނުން ފުހެނުލެވޭނެފަދަ ތަޖުރިބާއެކެވެ. މި ސަހަރާގެ ފުރިހަމަކަމާއި ހިތްގައިމުކަން އެކުލެވިގެން އަންނަނީ، އާދަޔާޚިލާފު ރީތިކަމާއި މިތަނުގެ ފެނުގެ ފިނިކަމާއި، ވައިގެ ތެތްކަމުގެ އިތުރުން، ރޭގަނޑު އުޑުމަތިން އެއްވެސް ހުރަހަކާ ނުލައި ފެންނަ ތަރިތަކުގެ ހިތްގައިމު މަންޒަރުންނެވެ.