ސްވިޑަންގެ ޖެންޑަރ އީކުއަލިޓީ އެންޑް ވޯކްލައިފް މިނިސްޓަރަކީ ދޮންކެޔޮ ދެެކެ އިންތިހާއަށް ބިރުފުޅުގަންނަ ބޭފުޅެއްކަން ހާމަވެއްޖެއެވެ. އެކަމަނާގެ ހިތްޕުޅުގައި ދޮންކެޔޮ ވަކަކާ ދިމާއަށް ބައްލަވައިލައްވަންވެސް ކެރިވަޑައިނުގަންނަވާ މިންވަރަށް އެ މޭވާއާމެދު ބިރު އުފެދިފައިވާކަމަށް ބުނެވެއެވެ. އަދި މިކަމުގެ ސަބަބުން އެ މަޤްބޫލު މޭވާ ހުރި ތަނަކާ ކައިރިވެވަޑައިގަތުމަށްވެސް އެކަމަނާއަށް ދަތިފުޅުކަމަށް ބުނެވެއެވެ.
ޕައުލީނާ ބްރޭންޑްބަރގް ދޮންކެޔޮ ދެކެ ބިރުފުޅުގަންނަ ވާހަކަ އެންމެފުރަތަމަ ފާޅުކުރެއްވީ 2020 ވަނަ އަހަރު އެކަމަނާ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓްގައި އެކަމަނާ މިކަން ސިފަކުރައްވާފައިވަނީ "ދުނިޔޭގެ އެންމެ އަޖައިބު ބިރުވެރިކަން" ކަމުގައެވެ. ނަމަވެސް އެ ޓްވީޓް މިހާރުވަނީ ފޮހެލައްވާފައެވެ. މި މައްސަލަ އަލުން ސުރުޚީތަކަށް އަރައި ސްވިޑަންގެ ޤައުމީ ޚަބަރުތަކުގައި ފެތުރުނީ ލީކުވެފައިވާ އީމެއިލްތަކެއްގެ ސިލްސިލާއެއް "ދި އެކްސްޕްރެސްޑް" ނޫހުން ޝާއިޢުކުރުމާ ގުޅިގެންނެވެ. އެ އީމެއިލްތަކުން ހާމަވަނީ އެކަމަނާ ދޮންކޭލަށް ކުރާ ނަފްރަތުގެ ބޮޑުކަމެވެ. ޢުމުރުފުޅުން 41 އަހަރުގެ ސިޔާސީ ލީޑަރެއް ކަމަށްވާ، ބްރޭންޑްބަރގްގެ މުވައްޒަފުން، އެކަމަނާ ދޮންކެޔޮ ހުންނަ ތަނަކަށް ނޭނގުމެއްގެ ތެރޭގައިވެސް ވަޑައިނުގެނެވޭނެ މިންވަރަށް ކަންކަން ބަލަހައްޓައެވެ. އެގޮތުން އެކަމަނާ ޒިޔާރަތްކުރައްވަން ޖެހިވަޑައިގަންނަވާ ތަންތަނާއި ބައްދަލު ކުރައްވަން ޖެހިވަޑައިގަންނަވާ މީހުންނަށް އެކަމަނާ ދޮންކެޔޮދެކެ ބިރުފުޅުގަންނަ ވާހަކަ ކުރިން އަންގައި، ދޮންކޭލުގެ އެއްވެސް ބާވަތެއް އެތަނަކުން ފެންނަން ނުހުންނާނެކަން ކަށަވަރުކުރަމުންދެއެވެ.
"އެއްވެސް ދޮންކޭލެއްގެ އަސަރެއް އެ ތަނުގައި ހުރެގެން ނުވާނެއެވެ،" ވަޒީރުގެ މުވައްޒަފުން ސެޕްޓެމްބަރު މަހު ސްވިޑިޝް ސްޕީކަރުގެ އޮފީހަށް ފޮނުވި ސިޓީއެއްގައި ލިޔެފައިވެއެވެ. އަދި ދޮންކެޔޮ ފެނިއްޖެނަމަ ވަޒީރަށް "ވަރުގަދަ އެލަރޖީއެއް" ޖެހޭކަމަށްވެސް އެސިޓީގައި އިތުރަށް ބަޔާންކޮށްފައި އޮތެވެ.
"އަޅުގަނޑުމެން ކޮންފަރެންސްގައި ދޮންކެޔޮ ނުހުންނާނެކަން ކަށަވަރުކުރާނަމެވެ،" ބްރޭންޑްބަރގްގެ މުވައްޒަފުން އީމެއިލެއްގައި ބަޔާންކޮށްފައިވެއެވެ. މިއީ ސްވިޑިޝް މިނިސްޓަރު ރައްކާތެރިކުރުމަށް އެމީހުން ކުރާ މަސައްކަތުގެ ހަރުދަނާކަން ދައްކުވައިދޭ ކަމެކެވެ.
ޕައުލީނާ ބްރޭންޑްބަރގް މި އާދަޔާ ޚިލާފު ފޯބިޔާއާ ބެހޭގޮތުން އެއްޗެއް ވިދާޅުވާން އިންކާރުކުރެއްވި ނަމަވެސް، މިއީ އެކަމަނާއަށް ދިމާވެފައިވާ މައްސަލައެއްކަން ކަށަވަރުކޮށްދެއްވާފައި ވެއެވެ. އަދި ކުރިއަށް އޮތް ތާނގައި މިކަމާ ގުޅޭގޮތުން ޑޮކްޓަރަކަށް ދައްކަވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ދޮންކެޔޮ ދެކެ ބިރުގަތުމަކީ ވަރަށް މަދުންނަމަވެސް ދިމާވާ ކަމެކެވެ. މިފަދަ ބިރުވެރިކަމުގެ ސަބަބުން ކަންބޮޑުވުމާއި މަޑުމޮޅިވުން ފަދަ ނުރައްކާތެރި އަލާމާތްތައް ފެނިދާނެއެވެ. މިކަން ހުންނަ ބައެއް މީހުންނަށް ދޮންކެޔޮ ފެނުމުން ނުވަތަ އޭގެ ވަސް ދުވުމުން އެކަމާ ހާސްވެ ބިރު ގަނެއެވެ.