"ބޮލީވުޑްގެ ޝަހެންޝާހު" ގެ ގޮތުގައި މަޝްހޫރު އަމީތާބު ބައްޗަންއަކީ، އިންޑިއަން ސިނެމާގެ ތާރީޚުގައި އެންމެ މަޝްހޫރު ޝަޚްޞިއްޔަތުތަކުގެ ތެރެއިން އެކެކެވެ. އޭނާ އުފަންވީ 11 އޮކްޓޯބަރު 1942 ގައި، އުއްތަރު ޕްރަދޭޝްގެ އަލަހާބާދު، މިހާރުގެ ޕްރަޔާގްރާޖް ގައެވެ. އޭނާއަކީ މަޝްހޫރު ހިންދީ ޝާޢިރު ހަރިވަންޝް ރާއި ބައްޗަން އާއި އިޖްތިމާޢީ އެކްޓިވިސްޓް ޓެޖީ ބައްޗަންގެ ދަރިފުޅެވެ. އަދަބީ ޢާއިލާއެއްގެ މެންބަރެއް ކަމަށް ވީނަމަވެސް، އަމިތާބް ފިލްމީ ދުނިޔޭގައި އޭނާގެ ވަކި ޚާއްޞަ ޝަޚުޞިއްޔަތެއް އުފެއްދިއެވެ. އަދި އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގައި އެންމެ މަތީ މަޤާމު ހޯދިއެވެ.
އަމީތާބް ބައްޗަން ފިލްމީ ދާއިރާގެ ފުރަމާރައިން އެތެރެވުމަށް ކުރި ދަތުރު އެހާ ފަސޭހައެއް ނޫނެވެ. ނައިނިޓާލްގެ ޝަރވުޑް ކޮލެޖާއި ދިއްލީ ޔުނިވަރސިޓީގެ ކިރޯރި މަލް ކޮލެޖުން ތަޢުލީމު ހާސިލުކުރުމަށްފަހު، އޭނާ ފުރަތަމަ މަސައްކަތް ކުރީ ކަލްކަޓާ ގައި ފްރެއިޓް ބްރޯކަރެއްގެ ގޮތުގައެވެ. ނަމަވެސް، އެކްޓު ކުރުމަށް ހުންނަ ޝަޢުޤުވެރިކަމެއްގެ ބޮޑުކަމުން އޭނާ މުންބާއީއަށް ދިޔައެވެ. އޭނާގެ ބަރު އަޑު، ފަހުން އޭނާގެ ޓްރޭޑްމާކަކަށް ވެގެން ދިޔަ ނަމަވެސް، ފުރަތަމަ އެ އަޑު ސިނެމާއަށް އެކަށީގެންވާ އަޑެއް ނޫން ކަމަށް ބެލެވުނެވެ. އެހެންކަމުން މުނިފޫހިފިލުވުމުގެ ދާއިރާއަށް ވަނުމަށް އޭނާ ކުރި އުންމީދު ޙާޞިލްވާ ގޮތް ނުވިނަމަވެސް، 1969 ގައި ޚާޖާ އަޙްމަދު ޢައްބާސް ޑައިރެކްޓް ކުރި "ސާތް ހިންދުސްތާނީ" އިން ފިލްމީ ދާއިރާއަށް ވަންނާނެ ފުރުޞަޠު އޭނާއަށް ލިބުނެވެ. އެ ފިލްމު ވިޔަފާރީގެ ގޮތުން މާ ރަނގަޅު ނުވި ނަމަވެސް، އެފިލްމުން އޭނާގެ އެކްޓިންގ ބެލުންތެރިންނަށް ފާހަގަކުރެވުނެވެ. އޭނާގެ އެކްޓިންގެ ހުނަރުގެ ސަބަބުން، އަލަށް ނިކުތް ތަރިންގެ ތެރެއިން އެންމެ މޮޅު އެކްޓަރުގެ ގޮތުގައި ނެޝަނަލް ފިލްމް އެވޯޑް ވެސް އެފިލްމުން އަމީތާބަށް ލިބުނެވެ.
1970 ގެ އަހަރުތަކަކީ އޭނާގެ ކެރިއަރުގައި މުހިންމު ބަދަލުތަކެއް ފާހަގަކުރެވުނު ދުވަސްވަރެވެ. އަމިތާބް އެންމެ ފުރަތަމަ ފިލްމީ ތަރިއެއްގެ ގޮތުގައި މަޝްހޫރުވީ 1973 ވަނަ އަހަރު ޕްރަކާޝް މެހްރާ ޑައިރެކްޓް ކުރި "ޒަންޖީރު" އިންނެވެ. މި ފިލްމުން އޭނާ ބޮލީވުޑްގެ "ރުޅިގަދަ ޒުވާނާ" ގެ ގޮތުގައި ސިފަކޮށްދިނެވެ. އެއީ އެ ދުވަސްވަރުގެ އިޖްތިމާޢީ ހަމަނުޖެހުންތައް ދައްކުވައިދިން ފިލްމެކެވެ. އެންމެ ފުރަތަމަ ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ނަމަވެސް، އޭނާ ކެތްތެރިކަމާއި ހިތްވަރާއެކު ކުރި މަސައްކަތުގެ ސަބަބުން ގިނަ ބްލޮކްބަސްޓަރ ފިލްމުތަކެއް ކުޅުމުގެ ފުރުޞަޠު އޭނާއަށް ލިބުނެވެ. އޭގެތެރޭގައި 1975 ވަނަ އަހަރުގެ ފިލްމު "ދީވާރު"، 1976 ވަނަ އަހަރުގެ ފިލްމު "ޝޯލޭ" އަާއި "ކަބީ ކަބީ" ހިމެނެއެވެ. ޔާޝް ޗޯޕްރާ އަދި މަންމޯހަން ދޭސާއީ ފަދަ ޑައިރެކްޓަރުންނާއެކު މަސައްކަތްކުރުމުން އޭނާގެ މަޤާމު ބޮލީވުޑުގައި އިތުރަށް ވަރުގަދަވެގެން ދިޔައެވެ.
އަމީތާބުގެ ފިލްމީ ޙަޔާތުގައި އޭނާ ވަނީ ބޮލީވުޑްގައި އުފެއްދި ފިލްމުތަކުގެ ތެރެއިން އަދި އަދާ ޖެހެންދެންވެސް އެންމެ ގިނަބައެއްގެ ހަނދާނުގައި ހަރުލާފައިވާ ފިލްމުތަކެއް ކުޅެފައެވެ. އޭގެ ތެރޭގައި 1977 ވަނަ އަހަރުގެ ފިލްމު "އަމަރު އަކްބަރު އެންތޯނީ"، 1978 ގެ "ޑޮން" އަދި "މުޤައްދަރު ކާ ސިކަންދަރު"، 1981 ގެ "ސިލްސިލާ" އަދި 1988 ގެ "ޝަހެންޝާ" ފާހަގަކޮށްލެވެއެވެ. 2000 ވަނަ އަހަރު ރިލީޒްކުރި ފިލްމު "މުހައްބަތެއިން"، 2005 ވަނަ އަހަރުގެ "ބްލެކް" އަދި 2009 ވަނަ އަހަރު އެޅުވި "ޕާ" ފަދަ ފިލްމުތަކުގައިވެސް އޭނާ ތަފާތު ރޯލުތައް ކުޅެފައިވެއެވެ. އަމީތާބު ބައްޗަންގެ ފަހުގެ މަސައްކަތްތަކުގެ ތެރެއިން 2015 ވަނަ އަހަރުގެ "ޕީކޫ" އަދި 2016 ވަނަ އަހަރުގެ ފިލްމު "ޕިންކް" އަށް ވަނީ ފިލްމުތަކަށް ފާޑުކިޔާ މީހުންގެ ތަޢުރީފުވެސް ލިބިފައެވެ. މިއީ ދޮށީ ޢުމުރުގައިވެސް އޭނާގެ ހުނަރުވެރިކަން ދައްކުވައިދޭ ފިލްމުތަކެކެވެ.
އެކްޓިންގގެ އިތުރުން، ބައްޗަންގެ ލަވަތައް ވެސް ވަނީ ޢާންމުންގެ މެދުގައި މަޤުބޫލު ވެފައެވެ. ޕްރޮފެޝަނަލް ލަވަކިޔުންތެރިއެއް ނޫން ނަމަވެސް، އޭނާ ވަނީ 1981 ވަނަ އަހަރުގެ ފިލްމު ލާވާރިސްއަށް "މޭރޭ އަންގްނޭ މޭން" އަދި ހަމަ އެއަހަރު ރިލީޒް ކުރެވުނު ފިލްމު ސިލްސިލާގައި ހިމެނޭ ލަވައެއް ކަމަށްވާ "ރަންގް ބަރްސޭ" ފަދަ މަޝްހޫރު ލަވަތައް އޭނާގެ އަޑުން ކިޔައިދީފައެވެ. މީގެ ތެރެއިން "ރަންގް ބަރްސޭ" މިލަވައަކީ މިއަދު ވެސް އިންޑިއާގެ އެކި ކަންކޮޅުތަކުގައި އޮންނަ ބައެއް މުނާސަބާތަކުގައި އެންމެ މަޤްބޫލު ލަވަތަކުގެ ތެރެއިންެރެއިން އެއް ލަވައެވެ.
އާމްދަނީގެ ގޮތުން، އަމިތާބް ބައްޗަން ވަނީ އެކްޓިންގ، އެންޑޯސްމަންޓްސް، ޓެލެވިޜަން ހޯސްޓިންގ (ޚާއްޞަކޮށް "ކައުން ބަނޭގާ ކްރޯރެޕަތި")، އަދި ވިޔަފާރި މަސައްކަތްތަކުން ރަނގަޅު ޢާމްދަނީއެއް ހޯދާފައެވެ. އެންމެ ފަހުގެ ރިޕޯޓުތަކުން ދައްކާ ގޮތުގައި، އޭނާގެ ނެޓް ވަރތަކީ ގާތްގަނޑަކަށް 400 މިލިއަން ޑޮލަރެވެ. ފިލްމީ ދާއިރާގައި ފަންސާހެއްހާ އަހަރު ހޭދަކުރުމަށްފަހު ވެސް އޭނާއަކީ އަދިވެސް ބޮލީވުޑްގެ އެންމެ އަގުބޮޑު އެކްޓަރުންގެ ތެރޭގައި ހިމެނެއެވެ.
އަމީތާބުގެ ޒާތީ ދިރިއުޅުމަށް ބަލާއިރު، އެކްޓްރެސް ޖަޔާ ބަދޫރީއާ 1973 ގައި އޭނާ ކައިވެނި ކުރިއެވެ. މި ދެމަފިރިންނަށް ދެ ދަރިން ލިބުނެވެ. އެއީ ޝްވޭތާ ބައްޗަން ނަންދާ އަދި އަބިޝޭކް ބައްޗަންއެވެ. މީގެ ތެރެއިން އަބީޝެކް ބައްޗަންއަކީވެސް ބޮލީވުޑްގައި ފާހަގަކޮށްލެވޭ ތަރިއެކެވެ.
މިއަދު، އަމިތާބް ބައްޗަން އަކީ ކެތްތެރިކަމާއި، ހުނަރުވެރިކަމާއި، އަދި ދެމިހުންނަ މަޤްބޫލުކަމުގެ ނިޝާނެކެވެ. އިންޑިއަން ސިނެމާއަށް އޭނާ ކޮށްދީފައިވާ ޚިދުމަތުގެ ސަބަބުން ގިނަ ނެޝަނަލް ފިލްމް އެވޯޑްތަކާއި، ފިލްމްފެއަރ އެވޯޑްތަކާއި، އަދި ޢާންމުނަށް އިންޑިޔާގައި ދެވޭ ދެވަނައަށް އެންމެ މަތީ ޝަރަފް ޕަދްމަ ވިބޫޝަން ލިބިފައިވެއެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކި ޢުމުރުގެ އެތައް މިލިއަން ބައެއްގެ އިޙްތިރާމާއި ލޯބި އޭނާއަށް އަށް ލިބިފައިވެއެވެ.