Viyas
Viyas
ޚަބަރު
މީހުން
މަޢުލޫމާތު
ވިޔަފާރި
އާދަޔާޚިލާފު
މަޢުލޫމާތު
ސިނަމާތަކުގައި ކޮށްގެން ނުވާނެ ކަންތައްތައް
ސިނަމާތަކުގައި ކޮށްގެން ނުވާނެ ކަންތައްތައް

ސިނަމާއަށް ގޮސް ފިލްމެއް ބަލައިލުމަކީ މުނިފޫހިފިލުވުމަށް އެންމެ ގިނަ މީހުން ޚިޔާރުކުރާ ގޮތްތަކުގެ ތެރެއިން އެއް ގޮތެވެ. މީހުން ސިނަމާއަށް ގޮސް ތިބެނީ ބޮޑު ސްކްރީނެއްގައި ފިލްމެއް ބެލުމަށެވެ. އަދި އެ ވަގުތަކީ ފަސޭހަ އަދި ހިތްހަމަޖެހޭ ވަގުތަކަށް ވުމަށް ކޮންމެ މީހަކުވެސް އެދޭނެއެވެ. ނަމަވެސް، ބައެއް ފަހަރު މީހުންގެ ޢަމަލުތަކުގެ ސަބަބުން އެހެން އެންމެންގެ އުފާވެރިކަން ނަގައިލާ މަންޒަރު ވަރަށް ގިނައިން ފެނެއެވެ. އެހެންކަމުން، އެހެން މީހުންނަށް އިޙްތިރާމް ކުރުމަށްޓަކައި ސިނަމާތަކުގައި ކޮށްގެން ނުވާނެ ކަންތައްތައް ދެނެގަތުމަކީ މުހިންމު ކަމެކެވެ.

އެންމެ ފުރަތަމަ ކަމަކަށް، ބޭކާރު އަޑުގަދަކުރުމުން އަބަދުވެސް ދުރުހެލިވާންވާނެއެވެ. އަޑުގަދަކޮށް ވާހަކަދެއްކުމާއި، ފޯނު ކޯލުތަކަށް ޖަވާބުދިނުމާއި، ނުވަތަ ފިލްމު ދައްކަމުންދާއިރު އަބަދު ސިއްރުން ނުވަތަ ސިއްރުން ނޫނަސް ވާހަކަދެއްކުމަކީ ވަށައިގެން ތިބޭ މީހުންނަށް އުނދަގޫވެދާނެ ކަމެކެވެ. މީގެއިތުރުން ހަޅޭއްލަވައި އަޑުގަދަކޮށް ހެދުމަކީވެސް އެހެން މީހުންނަށް ތިބާގެ ކުރެވޭ ބޮޑު އުނދަގުލެކެވެ. ފިލްމުގައި ވަމުންދާގޮތް ކިޔުމާއި، ދެން ވާނެކަމަށް ތިމާއަށް ލަފާ ކުރެވޭ ގޮތް ކިޔައި އަބަދު އަނގަ ތެޅުވުމަކީވެސް ފިލްމަށް ގޮސް ތިބެގެން ކުރަން ވަރަށް ގޯސް ކަމެކެވެ. ކޮންމެ މީހަކުވެސް ފިލްމު ބަލަން ސިނަމާއަށް ވަންނަނީ ޓިކެޓަށް ފައިސާ ދައްކާފައިވާނެއެވެ. އެހެންކަމުން ދައްޗެއް، ހުރަހެއް ނެތި ފިލްމު ބަލައިލުމުގެ ޙައްޤު ކޮންމެ މީހަކަށްވެސް ލިބިގެންވެއެވެ. ހަމައެފަދައިން، ފިލްމު ދައްކަމުންދާއިރު މޯބައިލް ފޯނު ބޭނުންކުރުމަކީވެސް ދުރުހެލިވާންޖެހޭ އާދައެކެވެ. އަލިކަން ހުންނަ ސްކްރީނުން ބަލާ މީހާއަށް އުނދަގޫވުމުގެ އިތުރުން އަނދިރި ހޯލުގައި ތިބޭ އެހެން މީހުންނަށްވެސް އުނދަގޫވެއެވެ.

ސިނަމާތަކުގައި މީހުން ކޮށްގެން ނުވާނެ އަނެއް ކަމަކީ، އަޑުގަދަކޮށް ނުވަތަ ފަރުވާކުޑަކޮށް ކެއުމެވެ. އަޑުގަދަކޮށް ޗިޕްސް ކެއުމާއި، ބުއިންތައް ބޯއިރު އަޑު އިވޭގޮތަށް ބުއުމާއި، ނުވަތަ ތަޅުންގަނޑަށް ކާއެއްޗެހި ވެއްޓުމަކީ ތިއޭޓަރުގެ މާޙައުލު ޚަރާބު ކޮށްލާނެ ކަމެކެވެ. މީގެއިތުރުން، ސިނަމާ ހޯލުގެ ތެރެއަށް ކުނިއެޅުމަކީ ޒިންމާދާރުކަން ކުޑަ ކަމެކެވެ. ހުސް ޕެކެޓްތަކާއި، ތަށިތަކާއި، އަދި ޕޮޕްކޯން ފަދަ އެއްޗެހި ގޮނޑިތަކު މައްޗަށާއި، ތަޅުންގަނޑަށް އަޅާފައި ބެހެއްޓުމަކީ ދެން އަންނަ ބެލުންތެރިންނަށް އުނދަގޫވާނެ ކަމެކެވެ. އަދި އެއީ ސިނަމާގެ މުވައްޒަފުންނަށް އިޙްތިރާމް ކުޑަކުރާ ކަމެއްގެ ގޮތުގައި ދައްކުވައިދޭ ކަމެކެވެ.

ހަމައެހާމެ މުހިންމު ކަމެއްގެ ގޮތުގައި، އަބަދުވެސް އެކިފަރާތްފަރާތަށް ބޯ އަނބުރަމުން އެހެން މީހުން ކުރާ ކަންކަން ބެލުން ނުވަތަ އެހެން މީހުންނަށް ބެލުން އަދި ކުރިމަތީގައި ހުންނަ ގޮނޑީގައި ފައިން ތެޅުމަކީ އެހެން މީހުންނަށް އުނދަގޫވާނެ ކަމެއްކަން ދަންނަންވާނެއެވެ. މިއީ ސިނަމާތަކަށް ގޮސް ވަރަށް ޢާންމުކޮށް މީހުން ކުރާ ކަމެކެވެ. ނަމަވެސް އެއީވެސް ތިބާ ފަދައިން ފިލްމުގެ ޓިކެޓަށް ފައިސާ ދައްކާފައި ފިލްމު ބަލަން ވަދެއިން އެހެން މީހެއްގެ މުޅި ތަޖުރިބާ ގޯސްވެދާނެ ކަމެކެވެ. އަދި ހަމައެހެންމެ، ސިނަމާގެ ތެރޭގައި ވީޑިއޯ ރެކޯޑުކުރުމާއި ފޮޓޯނެގުމަކީ މުޅިން މަނާ ކަމެކެވެ. އެހެންކަމުން އެއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއްނޫނެވެ.

ސިނަމާތަކަކީ އެންމެންނަށްވެސް ހިތްހަމަޖެހިލައިގެން ތިބެ ފިލްމު ބަލައިލުމުގެެ ޙައްޤު ލިބިގެންވާ އާންމު ތަންތަނެވެ. އަޑުގަދަކުރުމާއި، ފަރުވާކުޑަކޮށް ކެއުމާއި، ބޭނުމެއް ނެތި ފޯނު ބޭނުންކުރުމާއި، އަދި އެހެނިހެން ގޮތްގޮތުން އުނދަގޫކުރުން ހުއްޓާލުމުން، އަޅުގަނޑުމެން އެހެން މީހުންނަށް އިޙްތިރާމްކުރާކަން ދައްކުވައިދެއެވެ. އަދި އުފާވެރި މާޙައުލެއް އުފެއްދުމަށް އެހީތެރިވެދެއެވެ. ސިނަމާގެ ޖާދޫ އިޙްސާސްކުރެވޭނީ ބެލުންތެރިން އެކުގައި ހަމަހިމޭންކަމާއި އެއްބައިވަންތަކަމާއެކު ފިލްމު ބަލައިލެވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

މިލިޔުމާ ގުޅުންހުރި