މީހުން އާލިޔާ އުންމު ރައްޔާން – ލިޔުންތެރިކަމުގެ ފަންނުގައި ދުނިޔޭގައި މަޤުބޫލު ޝަޙުޞިއްޔަތެއް
މީހުން

އާލިޔާ އުންމު ރައްޔާން – ލިޔުންތެރިކަމުގެ ފަންނުގައި ދުނިޔޭގައި މަޤުބޫލު ޝަޙުޞިއްޔަތެއް

aliyah umm raiyaan2.jpg

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

އާލިޔާ އުންމު ރައްޔާންގެ ޙަޔާތުގެ ދަތުރު، އިސްލާމްދީން ޤަބޫލުކުރުމުން ފެށިގެން އެންމެ މަޤްބޫލު ލިޔުންތެރިއަކަށް އަދި މުޖުތަމަޢުގެ ނުފޫޒުގަދަ އިސްވާރަކަށް ވެވަޑައިގަތުމަކީ ކެތްތެރިކަމާއި، އީމާންތެރިކަމާއި އަދި ވަފާތެރިކަމުގެ ހެއްކެކެވެ. އޭނާގެ ވާހަކައިން އަންހެނުންނަށް ޚާއްޞަކޮށް، އަމިއްލަ ނަފްސު ބަދަލުކުރުމުގައި އަދި ފުންނާބު އުސް ރޫޙާނީ ގުޅުންތަކެއް ހޯދުމަށް މަސައްކަތްކުރާ އެތައް ބަޔަކަށް ހިތްވަރު ލިބެއެވެ.

1999 ވަނަ އަހަރު، ޒުވާން އަންހެނެއްގެ ގޮތުގައި، އާލިޔާ އިސްލާމްދީން ޤަބޫލުކުރިއެވެ. މިއީ އޭނާގެ އަމިއްލަ ނަފްސަށް ބޮޑު ބަދަލެއް ގެނައި ނިންމުމެކެވެ. އެންމެ ކުރީއްސުރެ އޭނާ ތަބާވި ދީން ދޫކޮށް އިސްލާމްދީން ޤަބޫލުކުރުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނެވެ. މީގެ ތެރޭގައި އައު ސަޤާފީ އާދަކާދަތަކަށް ހޭނުމާއި، އޭނާގެ ވަށައިގެންވާ މީހުންގެ ފަރާތުން ކުރިމަތިވި ބައެއް ދަތި ކަންތައްތަކާ ކުރިމަތިލާންޖެހުން ހިމެނެއެވެ. މި ހުރަސްތަކާ ކުރިމަތިލާންޖެހުނު ނަމަވެސް، އާލިޔާ ހުރީ ސާބިތުކަމާއެކުގައެވެ. އިސްލާމީ ތަޢުލީމުތަކުގައި އަމިއްލަ ނަފްސު ވަށައިލައްވައި، އިނގިރޭސިވިލާތުގެ ދަޢުވާގެ މައިދާނުގައި 20 އަހަރަށްވުރެ ގިނަ ދުވަހު ޙަރަކާތްތެރިވިއެވެ.

އަލަށް އިސްލާމްދީން ޤަބޫލްކުރާ އަންހެނުންނަށް ކުރިމަތިވާ ޚާއްޞަ ދަތިތައް ދެނެގަތުމާއެކު، އާލިޔާ 2010 ވަނަ އަހަރު ސޮލޭސް ޔޫކޭގެ ނަމުގައި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާޢަތެއް އުފެއްދިއެވެ. މި ޗެރިޓީ އުފެއްދެވީ އަލަށް އިސްލާމްދީން ޤަބޫލްކުރާ އަންހެނުންނަށް ދިމާވާ ދަތިތަކުގައި އެހީތެރިވުމަށެވެ. މި ޖަމްޢިއްޔާއިން ކައުންސެލިންގ، ވަރކްޝޮޕް އަދި އެހީތެރިވެދޭ މުޖުތަމަޢެއް ފޯރުކޮށްދީ، އެ އަންހެނުންނަށް އެމީހުންގެ އައު ދީނުގައި ކުރިއަށްދިއުމަށް އެހީތެރިވެދެއެވެ. ސޮލޭސް ޔޫކޭ މެދުވެރިކޮށް، އާލިޔާ އެތައް އަންހެނުންނެއް ބާރުވެރި ކުރުވައި، އެމީހުންގެ ރޫޙާނީ ދަތުރުގައި އެކަނިވެރިވެފައިވާކަމައިވާކަމުގެ އިޙްސާސް ނުކުރެވޭކަން ކަށަވަރުކޮށްދިނެވެ.

2019 ވަނަ އަހަރު، އާލިޔާ “އޮނެސްޓް ޓީ ޓޯކް” ގެ ނަމުގައި ޔޫޓިއުބް ޝޯއެއް އެހެން މީހަކާވެސް ގުޅިގެން ހޯސްޓްކުރިއެވެ. މި ޕްރޮގްރާމުގައި މުސްލިމް މުޖުތަމަޢުގެ ތެރޭގައި ހުރި ހާމަނުކުރާ އަދި ވާހަކަ ނުދެކެވޭ މައުޟޫތަކާ މެދު މަޝްވަރާކުރެވުނެވެ. މީގެ ސަބަބުން ބެލުންތެރިންގެ މެދުގައި އެކަކު އަނެކަކު ދެނެގަތުމާއި އެއްބައިވަންތަކަން އުފެދުނެވެ. މި މަސައްކަތުން ފާހަގަކޮށްލެވުނީ ޙަޤީޤީ ދިރިއުޅުމުގެ ގޮންޖެހުންތަކާ ކުރިމަތިލުމަށާއި ހުޅުވިގެންވާ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އާލިޔާ ކުރާ މަސައްކަތެވެ.

އާލިޔާގެ ލިޔުމުގެ ޝައުޤުވެރިކަމުގެ ސަބަބުން “ރަމަޟާން ރިފްލެކްޝަންސް” މި ނަމުގައި ފޮތެއް ލިޔުއްވިއެވެ. މި ފޮތުގެ ކާމިޔާބުކަމުގެ ސަބަބުން “ދަ ސަންޑޭ ޓައިމްސް” ގެ ބެސްޓްސެލަރ ލިސްޓުގައި ހިމެނުނެވެ. މިއީ ރޫޙާނީ ގޮތުން ކުރިއެރުން ހޯދުމަށް މަސައްކަތްކުރާ ކިޔުންތެރިންނަށް މި ފޮތުން ކުރި ފުން އަސަރު ދައްކުވައިދޭ ކަމެކެވެ. މީގެ ފަހުން އޭނާ “ދަ ޕަވަރ އޮފް ދުޢާ” މި ނަމުގައި ފޮތެއް ލިޔުއްވިއެވެ. މި ފޮތުގައި އިސްލާމްދީނުގައި ދުޢާކުރުމުގެ ފައިދާގެ މައްޗަށް އަލިއަޅުވާލާފައިވެއެވެ. އޭނާގެ ލިޔުންތަކުން ކިޔުންތެރިންނަށް އަމަލީ އިރުޝާދާއި، އަމިއްލަ ނަފްސާއި ރޫޙާނީ ގޮތުން ކުރިއެރުން ހޯދުމަށް އެހީތެރިވެދެއެވެ.

އޭނާގެ ދަންނުވެރި މަސައްކަތްތަކުގެ އިތުރުން، އާލިޔާ އަކީ އީސްޓް ލަންޑަންގައި ދިރިއުޅޭ އޭނާގެ ދަރިންނަށް ގޭގައި ތަޢުލީމު ދެއްވާ އޯގާތެރި މަންމައެކެވެ. އާއިލީ ޒިންމާތަކާއި ލިޔުންތެރިއެއް، ވާހަކަދައްކާ މީހެއް އަދި ސީއީއޯއެއްގެ ހައިސިއްޔަތުން އަދާކުރައްވާ ދައުރުތައް ހަމަހަމަކުރެއްވުމުން ފެންނަނީ އޭނާގެ ޚާއްޞަ ވަފާތެރިކަމާއި ވަގުތު ބަހާލުމުގެ ހުނަރެވެ. އަމިއްލަ ބޭނުންތަކާއި އާއިލީ ޒިންމާތަކުގެ ދެމެދު ހަމަހަމަކަން ބޭއްވުމަށް މަސައްކަތްކުރާ އެތައް އަންހެނުންނަކަށް އޭނާގެ ގިނަގުނަ ދައުރުތައް އަދާކުރުމުގެ ޤާބިލުކަމަކީ ހިތްވަރެކެވެ.

އާލިޔާ ވަނީ އަލަށް އިސްލާމްދީން ޤަބޫލްކުރާ އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކާ މެދު ހާމަކަމާއެކު ވާހަކަދައްކަވާފައެވެ. މީގެ ތެރޭގައި އެކަހެރިވުމުގެ އިޙްސާސްތަކާއި މުސްލިމް މުޖުތަމަޢުގގެ ތެރޭގައި އެކުލެވި އުޅުމަށް ކުރިމަތިވާ ދަތިތައް ހިމެނެއެވެ. މި މައްސަލަތަކަށް އަލިއަޅުވާލުމުން، މުޖުތަމަޢުގެ ހޭލުންތެރިކަމާއި އެކަކު އަނެކަކު ދެނެގަތުން އިތުރުވެ، މުޖުތަމަޢުއަކީ އިތުރަށް އެހީތެރިވެދޭ އަދި އެކުލެވިގެންވާ ތަނަކަށް ހެދުމަށް ބާރުއަޅުއްވާފައިވެއެވެ. އޭނާގެ ވަކާލާތުކުރުމުން ފާހަގަކޮށްލެވެނީ އަމިއްލަ ދަތިތަކުން އަރައިގަތުމުގައި ހަމްދަރުދީވުމާއި މުޖުތަމަޢުގެ އެހީތެރިކަމުގެ މުހިންމުކަމެވެ.

އާލިޔާ އުއްމު ރައްޔާންގެ ދަތުރުން ފެންނަނީ އީމާންތެރިކަމާއި، ކެތްތެރިކަމާއި އަދި އަމިއްލަ އަގުތަކުގެ މަތީގައި ދެމިހުރުމުގެ ބާރެވެ. އޭނާގެ މަސައްކަތްތަކުން ބަދަލު ގެނައީ ހަމައެކަނި އޭނާގެ ދިރިއުޅުމަށް އެކަންޏެއްނޫނެވެ. އޭނާގެ ސަބަބުން އެހެން އެތައް ބައެއްގެ ދިރިއުޅުމަށްވެސް ހެޔޮ އަސަރުކޮށްފައިވެއެވެ. އޭނާގެ ހެޔޮ މަސައްކަތްތަކާއި، މީޑިއާގެ މަސައްކަތްތަކާއި އަދި އަދަބީ ޙިއްޞާގެ ސަބަބުން، އަލިޔާ ދަނީ މީސްތަކުންނަށް އެމީހުންގެ ދީނަށް ފުރިހަމައަށް ތަބާވުމަށާއި، އެކަކު އަނެކަކަށް އެހީތެރިވުމަށާއި، އަމިއްލަ ނަފްސާއި ރޫޙާނީ ގޮތުން ކުރިއެރުން ހޯދުމަށް މަސައްކަތްކުރުމަށް ހިތްވަރުދެމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.