މީހުން އާޔަތުﷲ ޢަލީ ޚާމަނާއީ – މެދުއިރުމަތީގެ ސިޔާސީ އަދި ދީނީ މައިދާނުގައި ނުފޫޒުގަދަ ޝަޙުޞިއްޔަތެއް
މީހުން

އާޔަތުﷲ ޢަލީ ޚާމަނާއީ – މެދުއިރުމަތީގެ ސިޔާސީ އަދި ދީނީ މައިދާނުގައި ނުފޫޒުގަދަ ޝަޙުޞިއްޔަތެއް

Ayathulla.jpeg

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

އެމެރިކާއިން އިޒްރާޢީލާ ގުޅިގެން ދިން ޙަމަލާތަކުގައި ޝަހީދުވެފައިވާ، އާޔަތުﷲ އަލީ ޚާމަނާއީއަކީ، ޝަހީދުވުމާ ހަމައަށް، އީރާނުގެ އެންމެ މަތީ ވެރިޔާ ނުވަތަ ސުޕްރީމް ލީޑަރުގެ ގޮތުގައިހުންނެވި ވަރުގަދަ އިސްވާރެކެވެ. އޭނާއަކީ މިހާރުގެ މެދުއިރުމަތީގެ ސިޔާސީ އަދި ދީނީ މައިދާނުގައި އެންމެ ނުފޫޒުގަދަ އެއް ޝަޚްސިއްޔަތެވެ. 19 އޭޕްރީލް 1939 ގައި އީރާނުގެ މަޝްހަދަށް އުފަންވި ޚާމަނާއީއަކީ، ދީނީ އިލްމުވެރިއެއްގެ ގޮތުން މަސައްކަތް ފެއްޓެވުމަށްފަހު، އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާގެ އެންމެ މަތީ ބާރުވެރިޔާގެ މަގާމަށް ވަޑައިގެންނެވި ބޭފުޅެކެވެ.

ޢަލީ ޚާމަނާއީގެ އަނބިކަނބަލުންނަކީ މަޝްހަދުގެ ދީނީ އާއިލާއަކަށް ނިސްބަތްވާ މަންސޫރާ ޚޫޖަސްތާ ބާގިރުޒާދާއެވެ. އެކަމަނާއަކީ އާންމު އިޖުތިމާއީ ހަރަކާތްތަކުން މަދުން ނޫނީ ފެނިވަޑައިނުގަންނަވާ، އަމިއްލަ ދިރިއުޅުމުގެ ކަންކަން ސިއްރުކޮށް ބެހެއްޓުމަށް އިސްކަންދެއްވާ ބޭފުޅެކެވެ. ޚާމަނާއީގެ ދެމަފިރިކަނބަލުންނަށް ހަ ދަރިކަލުން ލިބިވަޑައިގެންފައިވެއެވެ. އެއީ ހަތަރު ފިރިހެން ބޭފުޅުންނާއި ދެ އަންހެން ބޭފުޅުންނެވެ. ފިރިހެން ބޭފުޅުންނަކީ އީރާނުގެ ދީނީ އަދި ސިޔާސީ މަޝްރަހުގައި ނުފޫޒުގަދަ ބޭފުޅެއް ކަމަށްވާ މުޖުތަބާ ޚާމަނާއީގެ އިތުރުން މުޞްޠަފާ ޚާމަނާއީ، މަސްޢޫދު ޚާމަނާއީ އަދި މައިޘަމް ޚާމަނާއީއެވެ. އަންހެން ބޭފުޅުންނަކީ ބުޝްރާ ޚާމަނާއީ އާއި ހުދާ ޚާމަނާއީއެވެ. އެހެން ގިނަ ގައުމުތަކުގެ ސިޔާސީ އާއިލާތަކާ އަޅާބަލާއިރު، ޚާމަނާއީގެ އާއިލާގެ ގިނަ ބޭފުޅުންނަކީ އާންމުންގެ ސަމާލުކަމުން ދުރުގައި، މަޑުމައިތިރި ދިރިއުޅުމެއް ހޭދަކުރައްވާ ބޭފުޅުންކަން ފާހަގަކުރެވެއެވެ.

ވޭތުވެދިޔަ ތިން ދަހަރަށްވުރެ ގިނަ ދުވަހު އީރާނުގެ ދާޚިލީ ސިޔާސަތުތަކާއި، ޚާރިޖީ ގުޅުންތަކާއި، ފިކުރީ މިސްރާބު ބައްޓަންކުރުމުގައި އެމަނިކުފާނު ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.

1979 ގެ އީރާނު އިންގިލާބުގެ ކުރިން، އޭރުގެ ޝާހު މުޙައްމަދު ރިޒާ ޕަހްލަވީގެ ވެރިކަމާ ދެކޮޅަށް ހިންގި ހަރަކާތްތަކުގައި ޚާމަނާއީ އިސްކޮށް އުޅުއްވިއެވެ. އެމަނިކުފާނަކީ އިސްލާމީ ޖުމްހޫރިއްޔާގެ ބާނީ، އާޔަތުﷲ ޚުމައިނީގެ ވަރަށް އަރިސް ބޭފުޅެކެވެ. އިންގިލާބު ކާމިޔާބުވުމަށްފަހު، ސަރުކާރުގެ އެކި މުހިންމު މަގާމުތައް ފުރުއްވިއިރު، 1981 އިން 1989 އަށް އޭނާ ހުންނެވީ އީރާނުގެ ރައީސްގެ މަގާމުގައެވެ. 1989 ވަނަ އަހަރު ޚުމައިނީ އަވަހާރަވުމާ ގުޅިގެން، އީރާނުގެ އެންމެ މަތީ ދީނީ އަދި ސިޔާސީ ބާރުވެރިޔާ ނުވަތަ ‘ސުޕްރީމް ލީޑަރު’ ގެ ގޮތުގައި ޚާމަނާއީ އައްޔަނުކުރެވުނެވެ.

ސުޕްރީމް ލީޑަރުގެ ހައިސިއްޔަތުން، އީރާނުގެ ހަތިޔާރު އެޅި ސިފައިންނާއި، ޝަރުޢީ ނިޒާމާއި، ދައުލަތުގެ މީޑިއާ އަދި ސިޔާސީ މުއައްސަސާތަކުގެ މައްޗަށް ބޮޑެތި ބާރުތަކެއް ޚާމަނާއީއަށް ލިބިވަޑައިގެންވިއެވެ. ދައުލަތުގެ މުހިންމު މަގާމުތަކަށް ބޭފުޅުން އައްޔަނުކުރެއްވުމާއި، ގައުމީ ބޮޑެތި ނިންމުންތަކުގައި އެންމެ ފަހު ބަސް ވިދާޅުވުމުގެ ބާރު އޮންނަނީ އެމަނިކުނފާނަށެވެ. އެމަނިކުފާނުގެ ވެރިކަން ބިނާވެފައި އޮތީ ‘ވިލާޔަތުލް ފަގީހު’ ގެ އުސޫލުގެ މައްޗަށެވެ. މިއީ ދައުލަތް ހިންގުމުގައި އިސްލާމީ އުސޫލުތައް ދެމެހެއްޓުމަށްޓަކައި، ދީނީ އިލްމުވެރިއަކު ދައުލަތުގެ އެންމެ މަތީ ވެރިއަކަށް ހުރުމުގެ މަފްހޫމެވެ.

ޚާމަނާއީގެ ޒަޢާމަތުގައި އީރާނުން ވަނީ ހުޅަނގުގެ ނުފޫޒުތަކާ، ޚާއްޞަކޮށް އެމެރިކާއާއި އިސްރާއީލާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެމަނިކުފާނު ވަނީ ގައުމުގެ ދިފާއީ ބާރު ވަރުގަދަކުރުމަށް ބާރުއަޅުއްވައި، ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތަކާއި، ސިޔާސީ މަޝްވަރާތަކާއި، ސަރަހައްދީ ހަމަނުޖެހުންތަކުގެ ތެރޭގައި ގައުމު ކުރިއަށް ގެންގޮސްދެއްވާފައެވެ. މީގެ އިތުރުން، 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުން ހިމެނޭހެން، އީރާނުގެ ނިއުކްލިއާ ސިޔާސަތުތައް ބައްޓަންކުރުމުގައި އޭނާގެ ދައުރު ވަރަށް ބޮޑެވެ.

ދާޚިލީ ގޮތުން ބަލާއިރު، ޚާމަނާއީގެ ވެރިކަމުގައި ސިޔާސީ ހަމަޖެހުން ގާއިމުވެފައި އޮތް ނަމަވެސް، އެކި ދުވަސްވަރު ގައުމުގެ އެތެރޭގައި ނުތަނަވަސްކަން އުފެދިފައިވެއެވެ. އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން އެމަނިކުފާނަކީ އީރާނުގެ މިނިވަންކަމާއި އިސްލާމީ ވަންތަކަން ރައްކާތެރިކޮށްދޭ ފަރާތެއްގެ ގޮތުގައި ދުއްޓެވެ. ނަމަވެސް، ފާޑުކިޔާ ފަރާތްތަކުން ދެކޭގޮތުގައި އެމަނިކުފާނުގެ ސިޔާސަތުތަކުގެ ސަބަބުން ސިޔާސީ މިނިވަންކަމަށް އޮތީ ހުރަސް އެޅިފައެވެ. އިގްތިސާދީ ހާލަތާއި އިޖުތިމާއީ ކަންކަމާ ގުޅިގެން އެކި ފަހަރު މަތިން އީރާނުގައި މުޒާހަރާތަކާއި ބަހުސްތައް ވެސް ހިނގާފައިވެއެވެ.

އާޔަތުﷲ އަލީ ޚާމަނާއީއަކީ، އެމަނިކުފާނު ޝަހީދުކޮށްލުމާ ހަމައަށްވެސް އީރާނުގެ ސިޔާސީ ނިޒާމުގައި އެންމެ ނުފޫޒުގަދަ ޝަޚްސިއްޔަތެވެ. ސުޕްރީމް ލީޑަރުގެ ގޮތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ސަބަބުން، އެމަނިކުފާނަކީ އެ ސަރަހައްދުގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި އެއް ބޭފުޅާއެވެ. އަދި ޚާމަނާއީގެ ނިންމެވުންތަކުގެ ނުފޫޒު ހަމައެކަނި އީރާނުގެ އިތުރުން މުޅި މެދުއިރުމައްޗަށާއި ބައިނަލްއަގުވާމީ ސިޔާސީ މަސްރަހަށް ވެސް ފޯރާފައިވިއެވެ.

ޓެގް

ޚާމަނާއީ އިރާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.