އިންސާނީ ތާރީޚުގައި ދުނިޔެ ދުށް އެންމެ އުފެއްދުންތެރި އަދި އެންމެ ނުފޫޒުގަދަ އެއް ސަޚްޞިއްޔަތަކީ ތޯމަސް އަލްވާ އެޑިސަން އެވެ. އޭނާއަކީ އަދުގެ ޒަމާނީ ދިރިއުޅުމުގެ ބިންގާ އެޅުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅަދާނަ އީޖާދުވެރިއެކެވެ.
ތޯމަސް އެޑިސަނަކީ އެމެރިކާއަށް އުފަން މޮޅު އުފެއްދުންތެރިއެއްގެ އިތުރުން ކާމިޔާބު ވިޔަފާވެރިއެކެވެ. 11 ފެބުރުއަރީ 1847 ގައި އުފަންވި އެޑިސަން ވަނީ އޭނާގެ ހަޔާތުގައި 1093 އަށްވުރެ ގިނަ އީޖާދު ދުނިޔެއަށް ތައާރަފްކޮށް، އެތަކެތީގެ ޕޭޓަންޓް ހޯދާފައެވެ. އޭގެ ތެރޭގައި ފޮނޯގްރާފާއި، މޯޝަން ޕިކްޗަރ ކެމެރާ އަދި އެންމެ ފާހަގަކޮށްލެވޭ ކަރަންޓު ބޮކިވެސް މި ލިސްޓުގައި ހިމެނެއެވެ. އޭނާ މަޝްހޫރުވެފައިވަނީ “ވިޒާޑް އޮފް މެންލޯ ޕާކް” ގެ ނަމުންނެވެ.
ކަރަންޓު ބޮކި އުފެއްދުމުގެ މަސައްކަތަކީ އެޑިސަންއަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ. މި މަސައްކަތުގައި އޭނާ އެތައް ހާސް ފަހަރަކު ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުން އޭނާ 1000 އަށްވުރެ ގިނަ ފަހަރު މިކަމުގައި ނާކާމިޔާބުވިއެވެ. ނަމަވެސް އެޑިސަން އެކަން ދުށީ ނާކާމިޔާބީއެއްގެ ގޮތުގައެއް ނޫނެވެ. އޭނާ ބުނެފައިވަނީ “އަހަރެން ނާކާމިޔާބެއް ނުވޭ، އަހަރެން ހަމައެކަނި ހޯދީ އެކަން މަސައްކަތް ނުކުރާނެ 1000 ގޮތް” ކަމަށެވެ. މިއީ އޭނާގެ ހިތްވަރާއި ސާބިތުކަން ހުރި މިންވަރު ހާމަކޮށްދޭ ކަމެއްކަން ކަށަވަރެވެ.
ފާހަގަކޮށްލަންޖެހޭ ކަމަކީ ތޯމަސް އެޑިސަންއަކީ ބޮކި އުފެއްދި އެންމެ ފުރަތަމަ މީހާ ނޫންކަމެވެ. އެޑިސަންގެ ކުރިންވެސް ވަނީ އަލިވާނެ ފަދަ އުފެއްދުންތަކެއް އުފައްދައިފައެވެ. ނަމަވެސް އެ އުފެއްދުންތައް ވަރަށް އަވަހަށް ނިވި، އަގުބޮޑުވެފައި އަދި އާއްމު ދިރިއުޅުމަށް އެހާ އެކަށީގެނެއް ނުވެއެވެ. އެޑިސަންގެ މަސައްކަތަކަށްވީ ހުރިހާ އެންމެނަށް ފަސޭހައިން ގެންގުޅެވޭނެ ބޮތްކެއް އުފެއްދުމެވެ. އެގޮތުން، ކެނޑިނޭޅި ކުރި ބުރަ މަސައްކަތުގެ ނަތީޖާއަކަށްވީ 1879 ވަނަ އަހަރު، ގިނަ ވަގުތު ދިއްލިފައި ހުންނަ ފުރަތަމަ އަމަލީ ބޮކި އުފެއްދުމެވެ. މި ކާމިޔާބީއާއެކު ދުނިޔޭގެ އަނދިރިކަން ފިލައި، ރޭގަނޑުގެ ވަގުތުތަކަކީވެސް މަސައްކަތްތެރި އަދި އުޖާލާ ވަގުތުތަކަކަށް ބަދަލުވެގެން ދިޔައެވެ. މިއީ އިންސާނިއްޔަތަށް ލިބުނު އެންމެ ބޮޑު އެއް ކުރިއެރުންކަން ގިނަ މީހުން ފާހަގަކުރެއެވެ.
ތޯމަސް އެޑިސަންގެ ހަޔާތުން އަޅުގަނޑުމެންނަށް ލިބޭ އެންމެ ބޮޑު އިބުރަތަކީ ކެތްތެރިކަމާއި ސާބިތުކަމުގެ މުހިންމުކަމެވެ. ކާމިޔާބީގެ ތަޅުދަނޑިއަކީ ނާކާމިޔާބީއަށް ބެލުމެއްނެތި، އަލުން މަސައްކަތް ފެށުމުގެ ހިތްވަރު ހުރުމެވެ. ކޮންމެ ނާކާމިޔާބީއަކީ ކާމިޔާބީއާ ގާތަށް އެޅޭ ފިޔަވަޅެއްކަން އޭނާ ވަނީ ސާބިތުކޮށްދީފައެވެ. އަދި އިންސާނަކު ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ، މުޅި ދުނިޔެ ބަދަލުކޮށްލެވޭ ފަދަ ބޮޑެތި ކަންކަން ހާސިލްކުރެވިދާނެކަން އެޑިސަންގެ މި ލާމަސީލު މިސާލުން އެނގިގެންދެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...