މީހުން ބޮބް ރޮސް – ކޮންމެ މީހަކަށްވެސް ފަންނުވެރިއަކަށް ވެވިދާނެ ކަމުގެ އިހުސާސްކޮށްދިން މީހެއް
މީހުން

ބޮބް ރޮސް – ކޮންމެ މީހަކަށްވެސް ފަންނުވެރިއަކަށް ވެވިދާނެ ކަމުގެ އިހުސާސްކޮށްދިން މީހެއް

Bob ross.jpg

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ފަންނުވެރިކަމުގެ ތާރީޚުގައި ވާދަވެރިންނާއި، އާ އީޖާދުތައް ކުރާ މީހުންނާއި، ދުރު ވިސްނުންތެރިން ގިނަ ނަމަވެސް، އާންމު މީހުންގެ ހިތްތަކަށް ބޮބް ރޮސް ފަދައިން އަސަރުކުރި މީހުން މަދެވެ. އޭނާގެ މަޑުމައިތިރި އަޑާއި، ހިތްހެޔޮ އަޚްލާޤާއި، އަދި މަޝްހޫރު “ހެޕީ ލިޓްލް ޓްރީސް” އާއެކު، ރޮސް އަކީ ކުރެހުމާއި ކުލަޖެއްސުމުގެ ފަންނަށް އެތައް މިލިއަން ބަޔަކަށް ހިތްވަރުދީ، ކޮންމެ މީހަކަށްވެސް ފަންނުވެރިއަކަށް ވެވިދާނެ ކަމުގެ އިހުސާސްކޮށްދިން މީހެކެވެ. މިއަދުގެ ގިނަ ފަންނާނުންނަށް، އޭނާއަކީ އެމީހުންގެ އުފެއްދުންތެރި ދަތުރު ފެށުމަށް މަގުދެއްކި އާރުކާޓީއެވެ. އަދި، އޭނާގެ ކުރިން އުޅުނު މަޝްހޫރު ގިނަ އާޓިސްޓުންނެކޭ އެއްފަދައިން، އޭނާ މަރުވުމަށްފަހު އޭނާގެ މަސައްކަތްތަކުގެ އަގުވެސް އިތުރުވެފައިވެއެވެ. ނަމަވެސް ރޮސްގެ ތަރިކައަކީ ހަމައެކަނި ފައިސާއިން މިންކުރެވޭނެ އެއްޗެއް ނޫނެވެ. އޭނާގެ ތަރިކަ ދެމިއޮތީ އޭނާގެ ފަރާތުން އިލްހާމު ލިބިގެން ކުރަހައި ކުލަޖައްސާފައިވާ އެތައް މިލިއަން ކެންވަސްތަކުގައެވެ.

ރޮބަޓް ނޯމަން ރޮސް އުފަންވީ 29 އޮކްޓޯބަރު 1942 ގައި ފްލޮރިޑާގެ ޑޭޓޯނާ ބީޗްގައެވެ. އަދި ބޮޑުވީ އޯލަންޑޯގައެވެ. އޭނާ 9 ވަނަ ގްރޭޑާ ހަމައަށް ކިޔެވުމަށްފަހު ސްކޫލް ދޫކޮށް، އޭނާގެ ބައްޕައާއެކު ވަޑާންކަމުގެ މަސައްކަތް ކުރަން ފެށިއެވެ. އެމަސައްކަތުގެ ތެރެއިން އޭނާގެ ފަންނުވެރިކަމުގައި ފަހުން ފާހަގަކުރެވުނު ކެތްތެރިކަމާއި ފުރިހަމަކަން ދަސްވިއެވެ. 18 އަހަރުގައި ރޮސް އެމެރިކާގެ އެއަރ ފޯސްގައި ވަޒީފާ އަދާކުރަން ފެށި، އަދި އެލާސްކާގައި މަސައްކަތްކުރިއެވެ. ހިތްފަސޭހަކަން ގެނުވާފަދަ ގުދުރަތީ މަންޒަރުތައް ކަމަށްވާ، ސްނޯއިން ފޮރުވިފައިވާ ފަރުބަދަތަކާއި، ބޮޑެތި ޖަންގަލިތަކާއި، އަދި ހިތްގައިމު ކޯރުތަކުގެ މަންޒަރުތަކުން، އޭނާގެ ހިތުގައި ގުދުރަތީ މަންޒަރުތަކަށް ޚާއްޝަ ލޯތްބެއް އުފެއްދިއެވެ. މިއީ ފަހުން އޭނާގެ ކުރެހުންތަކުގައި އެންމެ ގިނައިން ފެނުނު މަންޒަރުތަކެވެ.

ރޮސް އެއަރ ފޯސްގައި 20 އަހަރު ޚިދުމަތްކޮށް، އެންމެ ފަހުން މާސްޓަރ ސާޖަންޓްގެ މަޤާމާ ހަމައަށް ވާޞިލްވިއެވެ. އެލާސްކާގައި ހުރި ދުވަސްވަރު، އޭނާއަށް އޮއިލް ޕެއިންޓް ކުރުމުގެ ހުނަރު ދަސްވިއެވެ. މި ހުނަރުގެ ސަބަބުން 30 މިނެޓަށްވުރެ ކުރު ވަގުތެއްގެ ތެރޭގައި ގުދުރަތީ މަންޒަރެއް އޭނާއަށް ކުރަހާލެވޭ ފެންވަރަށް އޭނާގެ ހުނަރު ތަރައްޤީ ވިއެވެ. ވަޒީފާއިން ރިޓަޔަރ ކުރުމަށްފަހު، އޭނާ މާ ބާރަށް ވާހަކަ ނުދައްކަން ނިންމިއެވެ. މިއީ އޭނާގެ މަޝްހޫރު މަޑުމައިތިރި އުނގަންނައިދިނުމުގެ ސްޓައިލްގައި އޭނާ ހިފަހައްޓާފައިވާ ވަޢުދެކެވެ. އެނެޓް އަދި ވޯލްޓް ކޮވަލްސްކީއާއެކު ވިޔަފާރިއެއްގައި ބައިވެރިވެ، “ބޮބް ރޮސް އިންކް” ކިޔާ ވިޔަފާރިއެއް ފެށިއެވެ. މި ކުންފުނިން ފަންނުވެރިކަމުގެ ތަކެތި ވިއްކައި، ވޯކްޝޮޕްތައް ހިންގައި، އަދި އޭނާގެ އުފެއްދުންތެރިކަމުގެ ފަލްސަފާ ދުނިޔެއަށް ގެނައުމަށް ތައްޔާރުވިއެވެ.

އެ ވަގުތަކީ 1983 ގައި، ޕީބީއެސްއިން “ދަ ޖޯއި އޮފް ޕެއިންޓިންގ” ގެ ފުރަތަމަ އެޕިސޯޑް ދެއްކި ދުވަސްވަރެވެ. 31 ސީޒަނާއި 400 އަށްވުރެ ގިނަ އެޕިސޯޑުގެ ތެރެއިން، މީހުންނަށް ފަންނުވެރިކަން އުނގަންނައިދިނުމުގެ ގޮތް ރޮސް ބަދަލުކޮށްލިއެވެ. ސީދާ ބަލާ މީހުންނާ މުޚާޠަބުކޮށް، “ We don’t make mistakes, just happy little accidents” ފަދަ ޖުމްލަތަކުން ހިތްވަރުދެމުން، ސީދާ އެވަގުތުގެ ހިތްފަސޭހަ ގުދުރަތީ މަންޒަރުތައް ކުރަހަމުން ދިޔައެވެ. މި ހުރިހާ ކަމެއް އޭނާ ކޮށްދެމުން ދިޔައިރުވެސް، އޭނާ ޕީބީއެސްއިން މުސާރައެއް ނުނަގައެވެ. އެ ޕްރޮގްރާމަކީ އޭނާގެ ކުލަތަކާއި، ބުރުސްތަކާއި، އަދި ކްލާސްތައް ޕްރޮމޯޓްކުރުމަށް ބޭނުންކުރި ޕްލެޓްފޯމެކެވެ. ނަމަވެސް، އޭނާގެ ހިތްހެޔޮ ޝަޚްޞިއްޔަތުގެ ސަބަބުން އޭނާއަކީ ތާރީޚުގައި އެންމެ ފާހަގަކޮށްލެވޭ ފަންނުވެރިކަން އުނގަންނައިދޭ މީހުންގެ ތެރެއިން އެކަކަށް ވެގެން ދިޔައެވެ.

ލިމްފޯމާއާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ތެރޭގައި، ބޮބް ރޮސް މަރުވީ 4 ޖުލައި 1995 ގައެވެ. އޭރު އޭނާގެ ޢުމުރުން 52 އަހަރެވެ. އެއަށްފަހު މީހުންގެ ހަނދާނުން އޭނާގެ ނަން ފޮހެވިގެން ދާނެހެން ހީވިއެވެ. ނަމަވެސް އެއީ އިންޓަރނެޓުން އޭނާއަށް ދެވަނަ ފުރުސަތެއް ދެވެންދެނެވެ. 2010 ގެ އަހަރުތަކުގައި އޭނާގެ އެޕިސޯޑުތައް ޔޫޓިއުބް، ޓްވިޗް، އަދި ނެޓްފްލިކްސްގައި އަލުން ފެންނަން ފެށުމުން، އެތައް މިލިއަން ބަޔަކަށް އޭނާ އަލުން ތަޢާރަފު ވިއެވެ. މިއަދު، އޭނާގެ ސިފަ ކޮފީ ތަށިތަކުން ފެށިގެން އެކި ބާވަތުގެ އަންނައުނުތަކާ ހަމައަށް ފެންނަން ހުރެއެވެ. މިއީ ޕޮޕް ކަލްޗަރގައި އޭނާގެ މަޤާމު ދެމެހެއްޓިފައިވާކަން ދައްކުވައިދޭ ކަމެކެވެ.

ގިނަ ފަންނާނުންނެކޭ އެއްފަދައިން، ރޮސްގެ ކުރެހުންތަކުގެ އަގު އޭނާގެ މަރުވުމަށްފަހު ވަނީ އިތުރުވެފައެވެ. އެއީ، ފަންނާނަކު މަރުވުމަށްފަހު، އިތުރު އައު މަސައްކަތްތަކެއް ނުކުރެވޭނެތީ، ކުރިން ހުރި މަސައްކަތްތަކުގެ އަގު ބޮޑުވާތީއެވެ. ރޮސްގެ ހާހުން ގުނާލެވޭ ކުރެހުންތަކުގެ ތެރެއިން ގިނަ އަދަދެއްގެ ކުރެހުންތައް ބޮބް ރޮސް އިންކްގެ ކަލެކްޝަންގައި ހުރުމުން ނުވަތަ ޕީބީއެސް ސްޓޭޝަންތަކަށް ހަދިޔާކޮށްފައި ހުރުމުން ޢާންމުކޮށް ފެންނަން ހުންނަ އޭނާގެ ކުރެހުންތައް މަދެވެ. ނަތީޖާއެއްގެ ގޮތުން، ބާޒާރަށް ނެރޭ އަސްލު ކުރެހުންތައް ދިހަހާސް ޑޮލަރަށްވުރެ އަގުބޮޑުކޮށްވެސް ވިއްކިފައިވެއެވެ.

ބޮބް ރޮސްގެ ތަރިކައަކީ އޭގެ ނީލަން އަގަކަށްވުރެ މާ އަގުބޮޑު އެއްޗެކެވެ. އޭނާ ދުނިޔެއަށް ދައްކައިދިނީ ފަންނުވެރި މަސައްކަތްތަކަކީ އެންމެންނަށް ކުރެވިދާނެ ކަމެއްކަމެވެ. ހުސް ކެންވަހަކީ ބިރުގަންނަންޖެހޭ އެއްޗެއް ނޫންކަމާއި، އެއީ އުފެއްދުންތެރިކަމަށް ހުޅުވިފައިވާ ދޮރެއްކަމެވެ. އޭނާގެ “ހެޕީ ލިޓްލް ޓްރީސް” އަދިވެސް އޭގެ ތާޒާ ކަމާއެކު ދެމިއެބަހުއްޓެވެ.

ޓެގް

ބޮބްރޮސް ކުރެހުން ފަންނު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.