ތާރީޚުގައި ދުނިޔެއަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވި ލީޑަރުންގެ ތެރޭގައި މަހާތުމާ ގާންދީ ހިމެނިވަޑައިގަނެއެވެ. ސުލްހަވެރި ހަރަކާތްތަކާއި އަޚްލާގީ ގޮތުން ވަރުގަދަ އިސްނެންގެވުންތަކުގެ ސަބަބުން މަޝްހޫރުވެފައިވާ ގާންދީއަކީ، އިނގިރޭސިވިލާތުގެ އިސްތިއުމާރުގެ ދަށުން އިންޑިއާ މިނިވަންކުރުމަށް ކުރި މަސައްކަތުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅާއެވެ. އެމަނިކުފާނުގެ ހިތްވަރާއި، އަޚްލާގީ ސާބިތުކަމާއި، ވަރުގަދަ އުސޫލުތަކުގެ ސަބަބުން، އަނިޔާވެރިކަމެއް ނެތި އިސްތިއުމާރީ ބާރުތަކާ ދެކޮޅަށް ތެދުވުމަށް އެތައް މިލިއަން ބަޔަކަށް ހިތްވަރު ލިބުނެވެ.
މަހާތުމާ ގަންދީ އުފަންވެވަޑައިގަތީ 2 އޮކްޓޫބަރު 1869 ގައި، ހުޅަނގު އިންޑިއާގެ ޕޯބަންދަރުގައެވެ. އެމަނިކުފާނުގެ ފުރިހަމަ ނަމަކީ މޯހަންދާސް ކަރަމްޗާންދު ގަންދީއެވެ. ބައްޕަ ކަރަމްޗާންދު ގަންދީއަކީ އެ ސަރަހައްދުގެ ވަޒީރުކަން ކުރެއްވި ބޭފުޅެކެވެ. މަންމަ ފުތުލީބާއީ ގަންދީއަކީ ދީނީ ކަންކަމަށް ވަރަށް ބޮޑަށް ލޯބިކުރެއްވި އަންހެނެކެވެ. ގާންދީގެ އަޚްލާގީ ސިފަތައް ބައްޓަންވުމުގައި އެކަމަނާގެ ނުފޫޒު ވަރަށް ބޮޑަށް ފޯރިއެވެ.
ޒުވާން އުމުރުގައި ގާންދީ ކާސްތޫރްބާ ގާންދީއާ ކައިވެނި ބައްލަވައިގަތެވެ. ކާސްތޫރްބާ އަކީ ގާންދީގެ އިޖުތިމާއީ އަދި ސިޔާސީ ހަރަކާތްތަކުގައި މުޅި އުމުރަށް ދެމިއޮތް އެންމެ ގާތް އެހީތެރިޔާއެވެ. މި ދެމަފިރިންނަށް ހަތަރު ފިރިހެން ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ ހަރީލާލް ގަންދީ، މަނިލާލް ގަންދީ، ރާމްދާސް ގަންދީ އަދި ދޭވްދާސް ގަންދީއެވެ.
19 ވަނަ ގަރުނުގެ ފަހުކޮޅުން ފެށިގެން 20 ވަނަ ގަރުނުގެ ކުރީކޮޅާ ހަމައަށް އިންޑިއާ އޮތީ އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައެވެ. އިންޑިއާގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށް، ރައްޔިތުންގެ ހައްގުތައް ހަނިކުރުމަށް އިނގިރޭސިން ގެންގުޅުނު ސިޔާސަތުތަކާ ގާންދީ ވަރަށް ބޮޑަށް ދެކޮޅު ހެއްދެވިއެވެ.
ހަނގުރާމައާއި އަނިޔާވެރިކަމުގެ ބަދަލުގައި، ގާންދީ ތައާރަފުކުރެއްވީ “ސަތްޔަގްރަހާ” ގެ ނަމުން މަޝްހޫރުވި، އަނިޔާވެރިކަމެއް ނެތި ދެކޮޅުވެރިކަން ފާޅުކުރުމުގެ ފަލްސަފާއެވެ. ސުލްހަވެރި މުޒާހަރާތަކާއި، ބޮއިކޮޓް ކުރުމާއި، މަދަނީ ބަސްނޭހުމުގެ ހަރަކާތްތަކުގެ ތެރެއިން، ބޭއިންސާފު ގާނޫނުތަކާ ދެކޮޅަށް ތެދުވެ މިނިވަންކަމަށް ވަކާލާތު ކުރުމަށް އިންޑިއާގެ ރައްޔިތުންނަށް އެމަނިކުފާނު ހިތްވަރު ދެއްވިއެވެ.
އެމަނިކުފާނުގެ އެންމެ މަޝްހޫރު އެއް ހަރަކާތަކީ “ސޯލްޓް މާޗް” އެވެ. މި ހަރަކާތުގައި، އިނގިރޭސިން ލޮނުން ނަގަމުންދިޔަ ޓެކުހާ ދެކޮޅަށް، ގާންދީއާއި އެތައް ހާސް ބަޔަކު ކަނޑު އައްސޭރިއަށް 240 މޭލުގެ ރާސްތާއެއް ކަނޑައެޅިއެވެ. މި އަމަލަކީ އިސްތިއުމާރީ ބާރުތަކަށް ގޮންޖަހައިލި، މުޅި ދުނިޔޭގެ ސަމާލުކަން ހޯދި ހަރަކާތެކެވެ.
މީގެ އިތުރުން، އިނގިރޭސިން ވަގުތުން އިންޑިއާ ދޫކޮށް ދިއުމަށް ގޮވާލައި ހިންގި “ކުއިޓް އިންޑިއާ” ހަރަކާތުގައިވެސް ގާންދީ އިސް ދައުރެއް އަދާކުރެއްވިއެވެ. އެމަނިކުފާނުގެ ލީޑަރޝިޕްގެ ދަށުން، ތަފާތު ދީންތަކާއި، ބަސްބަހާއި، އިޖުތިމާއީ ފަންތިތަކުގެ މީހުން މިނިވަންކަމުގެ ހަނގުރާމައިގައި އެކަތިގަނޑަކަށް ވިއެވެ.
ގާންދީގެ ޚިދުމަތްތަކަކީ ހަމައެކަނި ސިޔާސީ މިނިވަންކަމަށް އޮތް ކަމެއް ނޫނެވެ. އިންޑިއާގެ މުޖުތަމައު އިސްލާހުކުރުމަށް އެމަނިކުފާނު ބުރަ މަސައްކަތްތަކެއް ކުރެއްވިއެވެ. އިނގިރޭސި އުފެއްދުންތަކަށް ބަރޯސާވުން ކުޑަކުރުމަށްޓަކައި، އަމިއްލައަށް ފޭރާން އުފެއްދުމަށް ރައްޔިތުންނަށް ހިތްވަރު ދެއްވިއެވެ. މި ހަރަކާތް މަޝްހޫރުވީ “ސްވަދޭޝީ” ހަރަކާތުގެ ނަމުންނެވެ.
ހަމައެއާއެކު، އިޖުތިމާއީ ތަފާތުކުރުންތަކާއި، ޚާއްޞަކޮށް ދަށު ފަންތީގެ މީހުންނާ މެދު ކުރެވޭ ބޭއިންސާފު އަމަލުތަކާ ދެކޮޅަށް އެމަނިކުފާނު ތެދުވެވަޑައިގަތެވެ. ގާންދީ އެމީހުންނަށް “ހަރީޖަން” ގެ ނަމުން ނަންދެއްވައި، އެންމެހާ އިންސާނުންގެ ހަމަހަމަކަމާއި ކަރާމާތް ދެމެހެއްޓުމަށް މަސައްކަތް ކުރެއްވިއެވެ.
މި ހުރިހާ މަސައްކަތްތަކެއްގެ ނަތީޖާއެއްގެ ގޮތުން 1947 ވަނަ އަހަރު އިންޑިއާއަށް މިނިވަންކަން ލިބުނެވެ. ނަމަވެސް، އަލަށް މިނިވަންވި ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަންޖެހޭ އެއްބައިވަންތަކަމާއި ސުލްހައާ މެދު އެމަނިކުފާނު އަބަދުވެސް ނުހަނު ކަންބޮޑުވެވަޑައިގަތެވެ.
ގާންދީގެ މިޒާޖަކީ ވަރަށް ތަފާތު އަދި ނަމޫނާ މިޒާޖެކެވެ. އެމަނިކުފާނު އުޅުއްވީ ވަރަށް އާދައިގެ ދިރިއުޅުއްވުމެކެވެ. ތުރުކުރެއްވީ ވަރަށް އާދައިގެ ފޭރާމެވެ. ދުނިޔޭގެ ފެންވަރުގައި ނުފޫޒުގަދަ ބޭފުޅަކަށް ވީނަމަވެސް، އެމަނިކުފާނަކީ ހިތްތިރި، ތެދުވެރި އަދި އެހެން މީހުންނަށް ޚިދުމަތްކުރުމަށް ލޯބިކުރެއްވި ބޭފުޅެކެވެ.
އެމަނިކުފާނުގެ ވަރުގަދަ އަޚްލާގީ އުސޫލުތަކާއި، ސުލްހަވެރިކަމާއެކު ބޭއިންސާފު ބަލިކުރެވިދާނެ ކަމަށް ކުރެއްވި އިތުބާރަކީ ފާހަގަކޮށްލެވޭ ކަންކަމެވެ. އެމަނިކުފާނުގެ މަޑުމައިތިރި އަޑުފުޅާއި، ސާބިތުކަމާއި، ޙަޤީޤަތަށް ކުރެއްވި އިތުބާރުގެ ސަބަބުން، ދުނިޔޭގައި އުފެދުނު އެންމެ އިހުތިރާމް ލިބިގެންވާ ލީޑަރަކަށް ގާންދީ ވެވަޑައިގަތެވެ.
މިއަދު އިންޑިއާގައި މަހާތުމާ ގާންދީ ބަލައިގަންނަނީ “ގައުމުގެ ބައްޕަ” ނުވަތަ “ފާދަރ އޮފް ނޭޝަން” ގެ ގޮތުގައެވެ. އެމަނިކުފާނުގެ އަނިޔާވެރިކަމެއް ނެތް ސުލްހަވެރި ފަލްސަފާއަކީ، މާޓިން ލޫތަރ ކިންގް ޖޫނިއާ އަދި ނެލްސަން މަންޑޭލާ ފަދަ ދުނިޔޭގެ އެތައް ލީޑަރުންނަކަށް ހިތްވަރު ލިބުނު ފިލާވަޅެކެވެ.
ގާންދީ 1948 ވަނަ އަހަރު އަވަހާރަކޮށްލެވުނު ނަމަވެސް، ސުލްހައާއި، އިންސާފާއި، މިނިވަންކަމާ ގުޅޭގޮތުން އެމަނިކުފާނު ގެންގުޅުއްވި ވިސްނުންތަކަކީ މިއަދުވެސް މުޅި ދުނިޔޭގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކަށް ހުރި މަގުދައްކައިދޭ ދަންމަރެކެވެ.
މަހާތުމާ ގަންދީއަކީ ހަމައެކަނި ސިޔާސީ ލީޑަރެއް ނޫނެވެ. އެމަނިކުފާނަކީ ހިތްވަރާއި، ތެދުވެރިކަމާއި، ސުލްހަވެރި އިހުތިޖާޖުގެ ރަމްޒެކެވެ. އިނގިރޭސި އިސްތިއުމާރާ ދެކޮޅަށް ގެންގުޅުއްވި ސިޔާސަތުތަކާއި، އިޖުތިމާއީ އިސްލާހަށް ކުރެއްވި މަސައްކަތްތަކުން އިންޑިއާގެ ތަގުދީރު ބަދަލުކޮށްލެއްވިއެވެ. އެމަނިކުފާނުގެ ހަޔާތުން މުޅި ދުނިޔެއަށް ދަސްކޮށްދެނީ، ބޮޑެތި ބަދަލުތައް ގެނެވޭނީ އަނިޔާވެރިކަމުން ނޫން ކަމަށާއި، އެކަން ކުރެވޭނީ ސާބިތުކަމާއި، އެއްބައިވަންތަކަމާއި، ސުލްހަވެރި ހަރަކާތްތަކުން ކަމެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...