މީހުން ފްލޮރެންސް ލޯރެންސް – ދުނިޔޭގެ އެންމެ ފުރަތަމަ ފިލްމީ ތަރި
މީހުން

ފްލޮރެންސް ލޯރެންސް – ދުނިޔޭގެ އެންމެ ފުރަތަމަ ފިލްމީ ތަރި

Florence Lawrence.webp

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ސިނަމާގެ ތާރީޚަކީ ހުނަރުވެރި އެތައް ފަންނާނުންނަކުން ފުރިގެންވާ ތާރީޚެކެވެ. ނަމަވެސް، ދުނިޔޭގެ އެންމެ ފުރަތަމަ ފިލްމީ އެކްޓަރުގެ ލަގަބު ލިބިފައިވަނީ ފްލޮރެންސް ލޯރެންސް އާއެވެ. އޭނާއަކީ އަމިއްލަ ނަމުން މަޝްހޫރުކަން ހޯދި ފުރަތަމަ ފިލްމީ އެކްޓަރު ކަމުގައި ބެލެވޭއިރު، އޭނާއަށް “ފުރަތަމަ މޫވީ ސްޓާ” ގެ ނަމުންވެސް މުޚާތަބު ކުރެވެއެވެ. އޭނާގެ ފަންނީ ދަތުރަކީ ފިލްމީ ސިނާއަތުގެ ތާރީޚަށް އައި މުހިންމު ބަދަލެކެވެ.

1800 ގެ ފަހުކޮޅާއި 1900 ގެ ކުރީކޮޅުގައި، ފިލްމަކީ މުނިފޫހިފިލުވުމަށް މީހުން މުޅިން އަލަށް ބޭނުންކުރަންފެށި އެއްޗެކެވެ. އެ ޒަމާނުގެ ފިލްމުތަކަކީ އަޑެއް ނެތް ސައިލެންޓް، ކުރު އަދި މަދު މިނެޓުކޮޅަކަށް ދެމިގެންދާ ފިލްމުތަކެކެވެ. އެ ދުވަސްވަރު ފިލްމު އުފައްދާ ކުންފުނިތަކުން ފިލްމުތަކުގައި މަސައްކަތްކުރާ އެކްޓަރުންގެ ނަންތައް ހާމަކުރުމަކީ އާންމު ކަމެއް ނޫނެވެ. އެކްޓަރުން ބެލެވުނީ ހަމައެކަނި ފަންނާނުންގެ ގޮތުގައެވެ. އަދި ބެލުންތެރިންނަށް އެމީހުންގެ އަސްލު ނަމަކީ ކޮބައިކަމެއް ނޭނގެއެވެ. އޭރު އެކަމަށް މީހުންގެ މާބޮޑު ޝަޢުޤުވެރިކަމެއްވެސް ނުހުރެއެވެ. ފިލްމު ބެލުނީމަ ނިމުނީއެވެ. އޭގައި އުޅެނީ ކޮންބައެއްތޯ ބެލުން އޭރުގެ ބެލުންތެރިންނަކަށް މާ މުހިންމެއްނޫނެވެ.

ފިލްމީ ސިނާއަތް ކުރިއެރުވުމުގައި އެހީތެރިވެދިން އެއް ބާނީއަކީ ޑީ.ޑަބްލިޔު ގްރިފިތް އެވެ. ‘ބަޔޯގްރާފް ކޮމްޕެނީ’ ފަދަ ކުންފުނިތަކުން އުފެއްދި ފިލްމުތަކުގައި ގިނަ އެކްޓަރުންތަކެއް މަސައްކަތް ކުރި ނަމަވެސް، އެމީހުންގެ ވަނަވަރު ސިއްރުކޮށްފައި ބެހެއްޓީ އެމީހުން މާ ބޮޑަށް މަޝްހޫރުވެ، ބޮޑު މުސާރައަށް އެދިދާނެތީއެވެ.

ފްލޮރެންސް ލޯރެންސް އުފަންވީ 1886 ވަނަ އަހަރު ކެނެޑާގެ އޮންޓޭރިއޯގައެވެ. 1900 ގެ ކުރީކޮޅު އޭނާ ސައިލެންޓް ފިލްމުތަކުގައި ހަރަކާތްތެރިވާން ފެށިއެވެ. އަދި ދާދި އަވަހަށް ބެލުންތެރިންގެ މެދުގައި އޭނާ މަގުބޫލުކަން ހޯދިއެވެ. ފުރަތަމަ އޭނާގެ ނަން ހާމަނުކުރާތީ، މީހުން އޭނާއަށް ކިޔައި އުޅުނީ “ދަ ބަޔޯގްރާފް ގާރލް” އެވެ.

1910 ވަނަ އަހަރު، ފިލްމު ޕްރޮޑިއުސަރު ކާލް ލެމްލޭ ނިންމީ މާކެޓިންގ އުކުޅެއްގެ ގޮތުން ފްލޮރެންސްގެ އަސްލު ނަން ހާމަކުރުމަށެވެ. އޭނާގެ ނަން އާންމުންނަށް ހާމަކޮށް، އޭނާއަކީ “ތަރިއެއް” ގެ ގޮތުގައި އިޝްތިހާރު ކުރިއެވެ. މިއީ ފިލްމީ އެކްޓަރެއްގެ ނަން ބޭނުންކޮށްގެން އެމީހަކީ މަޝްހޫރު މީހެއްގެ ގޮތުގައި އިޝްތިހާރު ކުރި ފުރަތަމަ ފަހަރެވެ. މި ހިސާބުން ފިލްމީ ސިނާއަތުގެ ސަގާފަތަށް ދާއިމީ ބަދަލެއް އައެވެ. އެކްޓަރުންނަށް މަޝްހޫރުކަމާއި ބަލައިގަތުން ލިބެން ފަށައި، “މޫވީ ސްޓާ” ނުވަތަ ފިލްމީ ތަރިންގެ މަފްހޫމް އުފަންވިއެވެ.

ފްލޮރެންސް ލޯރެންސް ވަނީ އޭނާގެ ދުވަސްވަރު އެތައް ސަތޭކަ ސައިލެންޓް ފިލްމެއްގައި މަސައްކަތް ކޮށްފައެވެ. އޭނާގެ ހުނަރުވެރި ކުޅަދާނަކަމުގެ ސަބަބުން ގިނަ އަދަދެއްގެ ބެލުންތެރިން ފިލްމުތަކަށް ޝައުގުވެރިވިއެވެ. މީގެ އިތުރުން، އޭނާއަކީ އައު ކަންކަން އުފެއްދުމަށް ލޯބިކުރި އުފެއްދުންތެރި މީހެކެވެ. ކާރު ދުއްވާއިރު ބޭނުންކުރާ ސިގްނަލް ބޮކިތަކާއި ބްރޭކް ލައިޓްގެ ކުރީގެ ޚިޔާލުތަކަކީ އޭނާގެ ފަރާތުން އައި ކަންކަމެވެ. ނަމަވެސް އެއީ އޭނާގެ ނަމުގައި ރަސްމީކޮށް ރަޖިސްޓްރީ ކުރެވިފައިވާ އުފެއްދުންތަކެއް ނޫނެވެ.

ޒަމާނީ ފިލްމީ ސިނާއަތް ބައްޓަންކުރުމުގައި ފްލޮރެންސް ލޯރެންސްގެ ދައުރު ވަރަށް ބޮޑެވެ. އޭނާއަކީ އެންމެ ފުރަތަމަ މަޝްހޫރުވި ފިލްމީ ތަރިއަށް ވުމުން، މިއަދު އަހަރެމެން މިދެކޭ ސެލެބްރިޓީ ސަގާފަތް އުފެދުމަށް އޭނާ މަގުފަހިކޮށްދިނެވެ. ހޮލީވުޑުން ފެށިގެން ބޮލީވުޑާ ހަމައަށް މިހާރު ތިބި މަޝްހޫރު ތަރިންނަށް ލިބިފައިވާ މަގުބޫލުކަމުގެ ބިންގަލަކީ އޭނާ ކޮށައިދިން މަގެކެވެ. އޭނާގެ ވާހަކައިން ހަނދާންކޮށްދެނީ، ފިލްމީ ދާއިރާގެ ކުރީގެ ބާނީން، އައު އީޖާދެއްގެ ގޮތުގައި އޮތް ފިލްމު، ދުނިޔޭގެ އެންމެ ނުފޫޒުގަދަ މުނިފޫހިފިލުވުމަށް ބަދަލުކޮށްލި ގޮތެވެ.

ފްލޮރެންސް ލޯރެންސްގެ ވާހަކައިން އެނގެނީ، އާދައިގެ ސައިލެންޓް ފިލްމުތަކުން ފެށިގެން މިއަދުގެ ބިޔަ ފިލްމީ ސިނާއަތަށް މި ދާއިރާ ބަދަލުވެގެން ދިޔަ ގޮތެވެ. އާންމުންގެ ބޮޑު ބަލައިގަތުމެއް ލިބުނު ފުރަތަމަ އެކްޓަރުގެ ގޮތުގައި، އޭނާ ވަނީ ފަހުގެ އެތައް ޖީލެއްގެ ފަންނާނުންނަށް ފުރުސަތުތައް ހުޅުވައިދީފައެވެ. މިއަދުވެސް ބެލުންތެރިން ބޮޑުސްކްރީނުން ފެންނަ ތަރިންގެ މަގުބޫލުކަން ފާހަގަކުރާއިރު، އޭނާގެ ހަނދާންތައް ދެމިގެންވެއެވެ.

                    

ޓެގް

ފިލްމީތަރިން ސިނަމާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.