އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާގެ ލީޑަރޝިޕަށް 2026 ވަނަ އަހަރުގެ މާރިޗު މަހު ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. އެއީ ޤައުމުގެ އެންމެ މަތީ ވެރިޔާގެ މަޤާމަށް މުޖްތަބާ ޚާމަނާއީ އައްޔަންކުރެވުމާ ގުޅިގެންނެވެ. އޭނާ މި މަޤާމާ ހަވާލުވެވަޑައިގަތީ 1989 ވަނަ އަހަރުން ފެށިގެން އެ ޤައުމުގައި ވެރިކަން ކުރެއްވި އޭނާގެ ބައްޕާފުޅު ޢަލީ ޚާމަނާއީ، އެމެރިކާއާއި އިސްރާޢީލް ގުޅިގެން ދިން ޙަމަލާތަކެއްގައި އަވަހާރަކޮށްލުމާ ގުޅިގެންނެވެ. މުޖްތަބާގެ މި އައްޔަންކުރުމަކީ އީރާނުގެ ތާރީޚުގައި ފާހަގަކޮށްލެވޭ މުހިންމު ކަމެކެވެ. ސަބަބަކީ މިއީ އެ ޤައުމުގެ އެންމެ މަތީ ވެރިޔާގެ މަޤާމު ބައްޕައެއްގެ ކިބައިން ދަރިއަކަށް ފޯރި ފުރަތަމަ ފަހަރު ކަމަށްވާތީއެވެ.
މުޖްތަބާ ޚާމަނާއީ އުފަންވެވަޑައިގަތީ 8 ސެޕްޓެމްބަރު 1969 ގައި އީރާނުގެ މަޝްހަދަށެވެ. އޭނާއަކީ އީރާނުގެ ޒަމާނީ ތާރީޚުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ދީނީ އަދި ސިޔާސީ ޢާއިލާއަކަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާގެ ބައްޕާފުޅު ޢަލީ ޚާމަނާއީއަކީ އީރާނުގެ ދެވަނަ ރޫޙާނީ ލީޑަރުގެ އިތުރުން، ފާއިތުވި ތިން ދަހަރަށްވުރެ ގިނަ ދުވަހު އެ ޤައުމުގެ އެންމެ ނުފޫޒުގަދަ ޝަޚްޞިއްޔަތެވެ.
މުޖްތަބާއަކީ ކީރިތި ރަސޫލާ ﷺ ގެ ދަރިކޮޅަށް ނިސްބަތްވާ ބޭފުޅެއްގެ ގޮތުގައި ބެލެވޭތީ، އޭނާއަށް “ސައްޔިދު” ގެ ލަޤަބު ދެވިފައިވެއެވެ. މިއީ ޝީޢީ މުސްލިމުންގެ މެދުގައި ނުހަނު އިޙްތިރާމް ލިބިގެންވާ ލަޤަބެކެވެ. އޭނާ ކައިވެނި ބައްލަވައިގެން އުޅުއްވަނީ އީރާނުގެ ނުފޫޒުގަދަ ސިޔާސީ ބޭފުޅެއްގެ ދަރިކަނބަލެއް ކަމަށްވާ ޒަހްރާ ޙައްދާދު ޢާދިލްއާއެވެ. މި ކައިވެނީގެ ސަބަބުން އީރާނުގެ ސިޔާސީ އިސް ސަފުގައި އޭނާގެ އޮތް ގުޅުންތައް އިތުރަށް ވަރުގަދަވެގެންދިޔައެވެ.
މުޖްތަބާ ބޮޑުފުޅުވީ އީރާނުގެ ތާރީޚުގެ ނުހަނު ހަލަބޮލި ދުވަސްވަރެއްގައެވެ. އޭނާ ކުޑައިރު، އީރާނަށް އައި އިންޤިލާބުގެ ސަބަބުން އެ ޤައުމުގެ ސިޔާސީ ނިޒާމު މުޅިން ބަދަލުވެގެންދިޔައެވެ. އޭގެ ފަހުން، އޭނާގެ ފުރާވަރުގެ ދުވަސްވަރު، އީރާނާއި ޢިރާޤާ ދެމެދު ކުރެވުނު ދިގުލީ ހަނގުރާމަ ހިނގިއެވެ.
މި ހާދިސާތަކަކީ މުޖްތަބާ ދުނިޔެއަށް ބަލާ ގޮތާއި ސިޔާސީ ވިސްނުން ބައްޓަންވުމުގައި ބޮޑު ދައުރެއް އަދާކުރި ކަންކަމެވެ. ޒުވާން ދުވަސްވަރު، ހަނގުރާމައިގެ ފަހުކޮޅުގައި އޭނާ ކުރު މުއްދަތަކަށް އަސްކަރީ ޚިދުމަތުގައި އުޅުއްވިއެވެ. މީގެ ސަބަބުން ޤައުމުގެ އަސްކަރީ އަދި އިންޤިލާބީ ޖަމާޢަތްތަކާ އެކު ކުރީބައިގައި ގުޅުން އުފެއްދުމުގެ ފުރުޞަތު އޭނާއަށް ލިބިވަޑައިގަތެވެ.
އަސާސީ ތަޢުލީމު ނިންމެވުމަށްފަހު، މުޖްތަބާ ދީނީ ތަޢުލީމު ހާސިލުކުރެއްވީ ޝީޢީ ދީނީ ޢިލްމުގެ މުހިންމު މަރުކަޒެއް ކަމަށްވާ ޤުމްގައެވެ. އޭނާ ޤުމްގެ ދީނީ މަދަރުސާތަކުން ކިޔަވައިވިދާޅުވެ، “ޙުއްޖަތުލް އިސްލާމް” ގެ ދަރަޖަ ހާސިލުކުރެއްވިއެވެ. މިއީ ޝީޢީ ދީނީ ޢިލްމުވެރިންގެ މެދުގައި މެދު ފަންތީގެ ދަރަޖައެކެވެ.
އޭނާގެ އުނގެނުން ބިނާވެފައިވަނީ އިސްލާމީ ޝަރީޢަތާއި، ޢިލްމުލް ކަލާމް އަދި ސިޔާސީ ފަލްސަފާގެ މައްޗަށެވެ. މިއީ އީރާނުގެ ސިޔާސީ ނިޒާމުގައި ދީނީ ލީޑަރޝިޕްގެ މަޤާމަކަށް ވަޑައިގަތުމަށް ކޮންމެހެން ބޭނުންތެރި މާއްދާތަކެކެވެ.
މުޖްތަބާ ޚާމަނާއީއަކީ ޢާންމުންގެ ތެރެއަށް މާގިނައިން ނުކުމެވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށާއި، އިންތިޚާބީ އެއްވެސް މަޤާމެއް ފުރުއްވާފައި ނުވި ނަމަވެސް، އީރާނުގެ ސިޔާސީ މަސްރަޙުގައި އޭނާއަކީ ފަރުދާގެ ފުރަގަހުގައި ނުހަނު ނުފޫޒުގަދަ ބޭފުޅެއް ކަމަށް ބެލެވެއެވެ. ގިނަ އަހަރުތަކެއް ވަންދެން ބައްޕާފުޅުގެ އޮފީހުގައި މަސައްކަތް ކުރައްވައި، ސިޔާސީ އަދި ސަލާމަތީ ކަންކަމުގައި މުޝީރެއްގެ ދައުރު އަދާކުރެއްވި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އަދި އީރާނުގެ އެންމެ ބާރުގަދަ އެއް މުއައްސަސާ ކަމަށްވާ އިސްލާމީ އިންޤިލާބީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އާ އެކު އޭނާ ވަނީ ވަރުގަދަ ގުޅުމެއް އުފައްދަވާފައެވެ. މި ގުޅުންތަކުގެ ސަބަބުން ސަލާމަތީ ސިޔާސަތުތަކާއި އެތެރޭގެ ސިޔާސީ ކަންކަމުގެ މައްޗަށް އޭނާގެ ބާރު ފޯރާފައިވެއެވެ. 2026 ވަނަ އަހަރު ޢަލީ ޚާމަނާއީ އަވަހާރަވުމުން، “އެސެމްބްލީ އޮފް އެކްސްޕަރޓްސް” އިން މުޖްތަބާ އަކީ އީރާނުގެ ތިންވަނަ ރޫޙާނީ ލީޑަރުގެ ގޮތުގައި ޢައްޔަން ކުރިއެވެ.
އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން، މުޖްތަބާ ޚާމަނާއީގެ އަތްޕުޅުގައި މިހާރު އޮތީ އީރާނުގެ އެންމެ މަތީ ބާރެވެ. މި މަޤާމުގެ ސަބަބުން އަސްކަރިއްޔާއާއި، ޝަރުޢީ ދާއިރާއާއި، ދައުލަތުގެ މީޑިއާ ފަދަ މުހިންމު މުއައްސަސާތަކުގެ ކޮންޓްރޯލް އޭނާއަށް ލިބިވަޑައިގަންނަވައެވެ. މީގެ އިތުރުން އީރާނުގެ ޚާރިޖީ ސިޔާސަތާއި އަސްކަރީ އިސްތިރާޖީ ބައްޓަންކުރުމުގައި އެންމެ ފަހު ބަސް ވިދާޅުވާނީ އޭނާއެވެ.
އޭނާގެ ވެރިކަން ފެށުނީ ސަރަޙައްދީ ނުތަނަވަސްކަމާއި ހަމަނުޖެހުންތަކުގެ ސަބަބުން އީރާނަށާއި އަވަށްޓެރި ޤައުމުތަކަށް ދަތި އުނދަގޫ ދަނޑިވަޅެއްގައެވެ. ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި، އޭނާގެ ލީޑަރޝިޕްގައިވެސް ބައްޕާފުޅުގެ ގެންގުޅުއްވި ކޮންޒަވޭޓިވް އަދި އިންޤިލާބީ ސިޔާސަތުތައް ދަމަހައްޓަވާނެއެވެ.
މުޖްތަބާ ޚާމަނާއީއަކީ ޢާންމުކޮށް މީޑިއާގެ ކުރިމައްޗަށް ނުކުމެވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. އެހެން ސިޔާސީ ވެރިންނާ ޚިލާފަށް، އޭނާ ތަޤުރީރު ކުރެއްވުމާއި މީޑިއާތަކަށް ފެނިލުން ވަރަށް މަދެވެ. އެހެންނަމަވެސް، އޭނާ ދަންނަ ފަރާތްތަކުން ސިފަކުރާ ގޮތުގައި އޭނާއަކީ އަޚްލާޤީ ގޮތުން ހަރުދަނާ، ދުރުވިސްނޭ، އަދި އީރާނުގެ ކޮންޒަވޭޓިވް ސިޔާސީ ފަރާތްތަކާ ގާތް ގުޅުމެއް އޮންނަ ބޭފުޅެކެވެ.
އޭނާއަށް ތާއީދުކުރާ ފަރާތްތަކުން ދެކޭ ގޮތުގައި އޭނާއަކީ އިސްލާމީ ޖުމްހޫރިއްޔާއާއި، އިންޤިލާބީ އުޞޫލުތައް ދިފާޢުކުރާ ވަފާތެރިއެކެވެ. ނަމަވެސް، ފާޑުކިޔާ ފަރާތްތަކުން ވަނީ ވެރިކަން މިފަދަ ގޮތަކަށް ޢާއިލީ ގޮތުން ވާރުތަވުމާ މެދު ސުވާލު އުފައްދާފައެވެ. މި ބަހުސްތައް މިހެން ހުރި ނަމަވެސް، މިއަދު އޭނާ އެ ހުންނެވީ މެދުއިރުމަތީގެ އެންމެ ނުފޫޒުގަދަ އެއް މަޤާމުގައެވެ.
އީރާނުގެ ރޫޙާނީ ލީޑަރުގެ މަޤާމަށް މުޖްތަބާ ޚާމަނާއީ ވަޑައިގަތުމަކީ އެ ޤައުމުގެ ސިޔާސީ ތާރީޚުގައި އައި ވަރަށް ބޮޑު ބަދަލެކެވެ. އިންޤިލާބާއި ހަނގުރާމައިގެ ތެރޭގައި ހޭދަވި އޭނާގެ ކުޑައިރުގެ ދުވަސްތަކުން ފެށިގެން، ޤުމްގެ ދީނީ ތަޢުލީމާއި ސަރުކާރުގެ އެތެރޭގެ ކަންކަމުގައި އަދާކުރެއްވި ދައުރާ ހަމައަށް ބަލާއިރު، އޭނާގެ މުޅި ދިރިއުޅުން އޮތީ އިސްލާމީ ޖުމްހޫރިއްޔާއާ ލާމެހިފައެވެ. އޭނާ އީރާނުގެ ކުރިމަގު ބައްޓަންކުރައްވަމުން ގެންދަވާއިރު، އޭނާ ނިންމަވާ ނިންމެވުންތަކަކީ އެ ޤައުމުގެ ސިޔާސީ މަސްރަޙާއި، އިޖްތިމާޢީ ކަންކަމުގެ އިތުރުން ބައިނަލްއަޤްވާމީ ގުޅުންތަކަށް ބޮޑު ނުފޫޒެއް ފޯރުވާނެ ކަންކަމެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...