މީހުން މުޙައްމަދު އަލްތުރާދު – ސަހަރާގެ ވެލިގަނޑުން ދުނިޔޭގެ ކާމިޔާބީއަށް
މީހުން

މުޙައްމަދު އަލްތުރާދު – ސަހަރާގެ ވެލިގަނޑުން ދުނިޔޭގެ ކާމިޔާބީއަށް

mohed.png

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މުހައްމަދު އަލްތުރާދުގެ ހަޔާތުގެ ވާހަކައަކީ އާދައިގެ ވާހަކައެއް ނޫނެވެ. އެއީ ކެތްތެރިކަމާއި، ސާބިތުކަމާއި، އަދި ތަޢުލީމުގެ ބާރުވެރިކަން ހާމަކޮށްދޭ ދިރިހުރި މިސާލެކެވެ. ސީރިޔާގެ ރައްގާ ކައިރީގައި އޮންނަ ސަހަރާގެ ބެދޫން ޤަބީލާއަކަށް، އަލްތުރާދުއަށް އޭނާ އުފަންވީ ތާރީޚް ސީދާ ބުނާކަށް ނޭނގެއެވެ. ނަމަވެސް އޭނާ ބުނާގޮތުގައި އެނާ އުފަންވީ 1948 ވަނަ އަހަރު ހާ ހިސާބުގައެވެ. އޭނާގެ އުފަން ތާރީޚް ނޭނގެނީ، އޭނާ އުފަންވި ނޯމެޑިކް ގަބީލާގައި އުފަންވާ ކުދިންގެ މަޢުލޫމާތު ރަސްމީކޮށް ރެކޯޑު ނުކުރާތީއެވެ. ނަތީޖާއެއްގެ ގޮތުން، ކޮންމެ އަހަރަކުވެސް އުފަންދުވަސް ފާހަގަކުރުމުގެ ފުރުޞަޠު ދިނުމުގެ ގޮތުން، އޭނާގެ ދަރިން ފަހުން ވަނީ ގުރުއަތަކުން މާރިޗު 9 އެއީ އޭނާގެ އުފަންދުވަސް ކަމުގައި ކަނޑައަޅާފައެވެ.

އަލްތުރާދުގެ ކުޑައިރުގެ ޙަޔާތަކީ ހިތާމަވެރި ދުވަސްތަކެކެވެ. މަންމަ ނިޔާވެ، ބައްޕައާ ވަކިވާން ޖެހުމުގެ ސަބަބުން ވަރަށް ކުޑައިރު ޔަތީމުވި އަލްތުރާދު ބޮޑުވީ އޭނާގެ މާމަގެ ގާތުގައި، އިންތިހާ ފަގީރުކަމުގައެވެ. އޭނާއަކީ ކިޔަވަން ދިއުމުގެ ބަދަލުގައި ކަންބަޅި ހުއިހައްޕާ މީހަކަށް ވާންޖެހޭނެ ކަމަށް އޭނާގެ މާމަ އޭނާއަށް ވިސްނައިދިން ނަމަވެސް، ޒުވާން މުހައްމަދު އެކަމާ ދެކޮޅު ހެދިއެވެ. އޭނާ ސިއްރުސިއްރުން ކްލާސްރޫމުން ބޭރުގައި ހުރެގެން އަޑުއަހައިގެން އަކުރު އުނގެނެން ފެށިއެވެ. އުނގެނުމަށް އޭނާގެ ހިތުގައި އޮތް ޝައުގުވެރިކަމެއްގެ ބޮޑުކަމުން، ކިޔެވުމުގައި އާދަޔާޚިލާފު ކުރިއެރުންތަކެއް ހޯދައި، އުމުރުން 17 އަހަރުގައި އެންމެ މަތީ މާކްސްއާއެކު ގްރެޖުއޭޓްވެ، ބޭރުން ކިޔެވުމުގެ ސްކޮލަޝިޕެއް ކާމިޔާބު ކުރިއެވެ.

ފަރަންސޭސިވިލާތަށް ދިޔައިރު އަލްތުރާދުގެ އަތުގައި މާގިނަ ފައިސާއެއް ނެތެވެ. އަދި އޭނާއަށް ފަރަންސޭސި ބަހެއްވެސް ނޭނގެއެވެ. ނަމަވެސް، އޭނާ އެ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައި، ފިޒިކްސް، މެތަމެޓިކްސް، އަދި ކޮމްޕިއުޓަރ ސައިންސުން ޕީ.އެޗް.ޑީ ހާސިލުކުރިއެވެ. އޭނާގެ ވަޒީފާގެ ދާއިރާ ފެށުނީ އިންޖިނިއަރިންގ އަދި ތެލުގެ ސިނާޢަތުންނެވެ. 1985 ވަނަ އަހަރު، އޭނާ ބޮޑު ނިންމުމެއް ނިންމައި، ބަނގުރޫޓުވެފައިވާ ކުޑަ ‘ސްކެފޯލްޑިންގ’ ކުންފުންޏެއް ގަތެވެ. އެ ކުޑަ ފެށުމަކީ މިއަދު 50 އަށްވުރެ ގިނަ ގައުމުގައި އެތައް ހާސް ބަޔަކު ވަޒީފާ އަދާކުރާ، ދުނިޔޭގެ ސިނާއީ ބާރެއް ކަމަށްވާ ‘އަލްތުރާދު ގްރޫޕް’ ގެ ބިންގަލެވެ.

އަލްތުރާދު ހޯދާފައިވާ އާދަޔާޚިލާފު ކާމިޔާބީތަކުގެ ސަބަބުން ބައިނަލްއަގުވާމީ ފެންވަރުގައި އޭނާ ބަލައިގަނެވިފައިވެއެވެ. އެގޮތުން 2015 ވަނަ އަހަރު ‘އާންސްޓް އެންޑް ޔަންގް’ އިން ހޮވާ ދުނިޔޭގެ އެންމެ މޮޅު ވިޔަފާރިވެރިޔާގެ ލަގަބު އޭނާ ހާސިލުކުރިއެވެ. މިއީ ފަރަންސޭސި ރައްޔިތަކަށް މި ލަގަބު ލިބުނު ފުރަތަމަ ފަހަރެވެ. ވިޔަފާރީގެ އިތުރުން، އޭނާއަކީ ނޮވެލިސްޓެއް އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ މީހެކެވެ. އޭނާ ދަނީ ސަހަރާގެ ވެލިގަނޑުން ދުނިޔޭގެ ކާމިޔާބީއާ ހަމައަށް ކުރި ދަތުރުގެ ތަޖުރިބާ އަބަދުވެސް ހިއްސާކުރަމުންނެވެ.

އަލްތުރާދުގެ ޙަޔާތަކީ ތަދު ދުވަސްތަކަކުން ފެށިގެން އައި، ނަމަވެސް ބޮޑެތި އުންމީދުތަކަކާއެކު ކުރިއަށްދިޔަ ޙަޔާތެކެވެ. އޭނާގެ މި ވާހަކަ މިއަދުވެސް ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ބަޔަކަށް ހިތްވަރު ދެމުންނެވެ. އެއީ މީހަކު ދިރިއުޅުން ފަށާ ތަނަކީ، އެމީހެއްގެ ނިމުން ކަނޑައަޅާ ތަން ނޫންކަން ސާބިތުކޮށްދޭ ދިރިހުރި ހެއްކެކެވެ.

ޓެގް

ކާމިޔާބު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.