މީހުން ޖިމީ ޑޮނަލްޑްސަން – މިސްޓަރ ބީސްޓްގެ ގޮތުގައި ދުނިޔެއަށް އެންމެ މަޝްހޫރު ޔޫޓިއުބަރ
މީހުން

ޖިމީ ޑޮނަލްޑްސަން – މިސްޓަރ ބީސްޓްގެ ގޮތުގައި ދުނިޔެއަށް އެންމެ މަޝްހޫރު ޔޫޓިއުބަރ

Mister beast2.png

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

މިޒަމާނުގެ ޑިޖިޓަލް ދުނިޔޭގައި، މިސްޓަރ ބީސްޓް ނުވަތަ ޖިމީ ޑޮނަލްޑްސަން އަކީ އެންމެންގެ ސަމާލުކަން ހޯދާފައިވާ މަޝްހޫރު ނަމެކެވެ. ހައިރާންކުރުވަނިވި ވީޑިއޯތަކާއި، ބޮޑެތި އިނާމުތަކާއި، އަދި މީހުންގެ ދިރިއުޅުން ބަދަލުކޮށްލާފަދަ ދީލަތި އެހީތަކަށް މަޝްހޫރުވެފައިވާ މިސްޓަރ ބީސްޓަކީ މިއަދު ދުނިޔޭގައި ހުރި އެންމެ ނުފޫޒުގަދަ ކޮންޓެންޓް ކްރިއޭޓަރެވެ. ނަމަވެސް، މި ފެންނަ މަގުބޫލުކަމާއި މިލިއަނުން ލިބޭ ވިއުސްތަކުގެ ފަހަތުގައި ވަނީ ހިތްވަރާއި، އާދަޔާޚިލާފު އުފެއްދުންތެރިކަމާއި، އަދި ދުނިޔެއަކީ މިއަށްވުރެ ރަނގަޅު ތަނަކަށް ހެދުމަށް އޭނާ ކުރާ އުންމީދުތަކުގެ ވާހަކައެކެވެ.

ޖިމީ ޑޮނަލްޑްސަން އުފަންވީ 7 މެއި 1998 ގައި އެމެރިކާއަށެވެ. ކުޑައިރުއްސުރެ އޭނާގެ ބޮޑު ޝައުގުވެރިކަމެއް ޔޫޓިއުބާއި ޑިޖިޓަލް ކޮންޓެންޓަށް ހުއްޓެވެ. ގިނަ ބަޔަކު ޔޫޓިއުބަކީ ހަމައެކަނި މުނިފޫހިފިލުވުމުގެ ވަސީލަތެއްގެ ގޮތުގައި ދުށް ނަމަވެސް، ޖިމީ ބެލީ އެއީ ފުރުޞަޠެއްގެ ގޮތުގައެވެ. އުމުރުން އެންމެ 13 އަހަރުގައި އޭނާ ވީޑިއޯތައް އަޕްލޯޑް ކުރަން ފެށިއެވެ. ގޭމް ކުޅުމާއި، އެކި ކަންކަމާ ގުޅޭގޮތުން ޚިޔާލުފާޅުކުރާ ވީޑިއޯތައް އޭނާ ހަދަމުން ދިޔައެވެ. އެތައް އަހަރެއް ވަންދެން އޭނާ އަޕްލޯޑު ކުރަމުން އައި ވީޑިއޯތަކަށް މާބޮޑު ތަރުހީބެއް ނުލިބުނު ނަމަވެސް އޭނާ އުންމީދު ކަނޑައެއް ނުލައެވެ. އޭގެ ބަދަލުގައި އޭނާ ޔޫޓިއުބް ދިރާސާކޮށް، މީހުން ބަލަން ބޭނުންވަނީ ކޮންކަހަލަ އެއްޗެއްކަމާއި، މީހުންގެ ސަމާލުކަން ހޯދާނެ ގޮތްތައް ދަސްކުރިއެވެ.

އޭނާގެ މަގުބޫލުކަން އިންތިހާއަށް އިތުރުވެގެން ދިޔައީ އާދަޔާޚިލާފު ވީޑިއޯތަކެއްގެ ސަބަބުންނެވެ. އޭގެ ތެރޭގައި އެއްލައްކައަށް ގުނުމާއި، އެއް ވީޑިއޯއެއް އެތައް ގަޑިއިރެއް ވަންދެން ބެލުން ފަދަ ކަންކަން ހިމެނެއެވެ. މިކަންކަމުގެ ސަބަބުން މީހުންގެ ޝައުގުވެރިކަން އޭނާއަށް ހުއްޓި، ވީޑިއޯތައް ވައިގައި ހިފިއެވެ. ނަމަވެސް މިސްޓަރ ބީސްޓް އެހެން މީހުންނާ ތަފާތުވީ، އޭނާއަށް ލިބުނު މަގުބޫލުކަން ހެޔޮ ކަންކަމުގައި ބޭނުންކުރަން ނިންމި ހިސާބުންނެވެ. އޭނާ މީހުންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީ، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވާން ފެށިއެވެ. މިއާއެކު އޭނާގެ ވީޑިއޯތަކަކީ ހަމައެކަނި މުނިފޫހިފިލުވުމެއް ނޫންކަން ސާބިތުކޮށްދީ، މާނަހުރި މަސައްކަތްތަކަކަށް ބަދަލުވިއެވެ.

މިއަދު މިސްޓަރ ބީސްޓުގެ މުޅި ޝަޚްސިއްޔަތު ބިނާވެފައިވަނީ އިންސާނިއްޔަތަށް އެހީވުމުގެ މައްޗަށެވެ. އޭނާ ވަނީ މީހުންގެ ސާޖަރީތަކަށް ޚަރަދުކޮށް، ގެދޮރު ބިނާކޮށްދީ، ކާބޯތަކެތީގެ އެހީ ފޯރުކޮށްދީ، އަދި ދުނިޔޭގެ ފެންވަރުގައި މިލިއަނުން ގަސް އިންދުމުގެ ޕްރޮގްރާމްތައް ހިންގާފައެވެ. އޭނާގެ ޚާއްޞަ ޗެނަލެއް ކަމަށްވާ “Beast Philanthropy” އަކީ މުޅިންވެސް ހިލޭސާބަހަށް ކުރާ މަސައްކަތްތަކަށް ޚާއްޞަ ޗެނަލެކެވެ. މިކަމުން އެނގިގެންދަނީ ކާމިޔާބީއަކީ ހަމައެކަނި ފައިސާ ހޯދުން ނޫން ކަމާއި، މުޖުތަމައަށް އެހީތެރިވުން ކަމެވެ.

އަމިއްލަ ދިރިއުޅުމަށް ބަލާއިރު، ޖިމީއަކީ ސާދާ މިޒާޖެއްގެ މީހެކެވެ. އޭނާ ބޮޑުވީ އާދައިގެ އާއިލާއެއްގައެވެ. މައިންބަފައިން ވަކިވުމަށްފަހު އޭނާ ބޮޑުކުރީ އޭނާގެ މަންމައެވެ. ބޮޑު ކާމިޔާބީއެއް ލިބިފައިވީ ނަމަވެސް، އޭނާ އަދިވެސް ހުރީ އޭނާގެ މަސައްކަތަށް ހުސްވެގެންނެވެ. އޭނާއަށް ލިބޭ އާމްދަނީގެ ބޮޑުބައި އޭނާ އަނބުރާ ޚަރަދުކުރަނީ ކުރިއަށްވުރެ ފެންވަރު ރަނގަޅު ވީޑިއޯތައް އުފެއްދުމަށެވެ. އޭނާއާއެކު މަސައްކަތްކުރާ ގާތް ރަހުމަތްތެރިންނަކީ އޭނާގެ އާއިލާ ފަދަ ބައެކެވެ.

މާލީ ގޮތުން ބަލާއިރު، މިސްޓަރ ބީސްޓަކީ ދުނިޔޭގައި ބޮޑު އާމްދަނީ ލިބޭ އެއް ޔޫޓިއުބަރެވެ. އޭނާއަށް އާމްދަނީ ލިބެނީ ޔޫޓިއުބް އިޝްތިހާރުތަކުންނާއި، އެކި ބްރޭންޑްތަކާ ގުޅިގެން ކުރާ މަސައްކަތްތަކުންނާއި، އަދި އޭނާގެ އަމިއްލަ ވިޔަފާރިތަކުންނެވެ. އޭނާގެ ތަފާތަކީ، ލިބޭ އާމްދަނީގެ ބޮޑު ބައެއް އޭނާގެ މަސައްކަތް ކުރިއެރުވުމަށް ޚަރަދުކުރުމެވެ. ބައެއް ފަހަރު އެންމެ ވީޑިއޯއަކަށް މިލިއަނުން ޑޮލަރު ޚަރަދުކުރެއެވެ. މިފަދަ ބޮޑެތި ހިރާސްތައް ނެގުމަކީ އޭނާގެ ޗެނަލް މިހާ ބާރަށް ކުރިއަރަމުންދާ އެއް ސަބަބެވެ.

އޭނާއަށް މި މަގުބޫލުކަން ލިބުނީ ކުއްލިއަކަށް ނޫނެވެ. އެއީ އެތައް އަހަރެއްގެ ބުރަ މަސައްކަތާއި، ނާކާމިޔާބީތަކާއި، އަދި އެކަންކަމުން ލިބުނު ފިލާވަޅުތަކުގެ ނަތީޖާއެވެ. މިސްޓަރ ބީސްޓް ބުނާ ގޮތުގައި އޭނާ ޔޫޓިއުބަށް އޮތް ޝައުގުވެރިކަމެއްގެ ބޮޑުކަމުން، އެތައް ގަޑިއިރެއް ވަންދެން އެ ޕްލެޓްފޯމް ދިރާސާކުރަން ހޭދަކުރިއެވެ. މި މަސައްކަތުގެ ސަބަބުން، ހިތްވަރާއި ބުރަ މަސައްކަތުން އާދަޔާޚިލާފު ކާމިޔާބީއެއް ހޯދިދާނެކަން އޭނާ ސާބިތުކޮށްދިނެވެ.

މިއަދު މިސްޓަރ ބީސްޓަކީ ހަމައެކަނި ޔޫޓިއުބަރެއް ނޫނެވެ. އޭނާއަކީ ޑިޖިޓަލް ޒަމާނުގައި ކަންކަން ހާސިލްކުރެވިދާނެކަމުގެ ނަމޫނާއެކެވެ. އޭނާ ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް ބޮޑެތި ހުވަފެންތައް ދެކުމަށާއި، ބުރަ މަސައްކަތް ކުރުމަށާއި، އަދި އެންމެ މުހިންމުކޮށް އެހެން މީހުންނަށް އެހީތެރިވުމަށް ހިތްވަރުދެއެވެ. އޭނާގެ ދިރިއުޅުމުން ދަސްކޮށްދެނީ ކާމިޔާބީ މިނެކިރެނީ ހަމައެކަނި މުއްސަނދިކަމުން ނޫން ކަމާއި، އެހެން މީހުންގެ ދިރިއުޅުމަށް ގެނެވޭ ހެޔޮ ބަދަލުތަކުން ކަމެވެ.

ވާދަވެރިކަމާއި އަމިއްލަ އެދުން ބޮޑު މި ދުނިޔޭގައި، މިސްޓަރ ބީސްޓަކީ އޯގާތެރިކަމާއި، ދީލަތިކަމާއި، އަދި އުފެއްދުންތެރިކަމުން މީހުންގެ ދިރިއުޅުން ބަދަލުކޮށްލެވިދާނެކަން ހަނދާންކޮށްދޭ ދަންމަރެކެވެ. އޭނާގެ މި ދަތުރަކީ، ކޮންމެ މީހަކަށްވެސް ކޮންމެ ތަނަކުން ފެށި ނަމަވެސް، ބޮޑު ކާމިޔާބީއެއް ހޯދައި، އެ ކާމިޔާބީގެ ބޭނުން ހިފައިގެން ދުނިޔެއަށް ހެޔޮ ބަދަލެއް ގެނެވިދާނެކަން އާ ޖީލުތަކަށް އަންގައިދޭ ފިލާވަޅެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.