މީހުން އެލިސް ވޯލްޓަން – މުއްސަނދިކަން ފަންނާއި ނުފޫޒަށް ބަދަލުކުރަމުންދާ މީހެއް
މީހުން

އެލިސް ވޯލްޓަން – މުއްސަނދިކަން ފަންނާއި ނުފޫޒަށް ބަދަލުކުރަމުންދާ މީހެއް

alice-walton.jpg

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ވޯލްމާޓްގެ ބޮޑު މުއްސަނދިކަމުގެ ވާރުތަވެރިޔާ، އެލިސް ވޯލްޓަންއަކީ މިއަދު މުއްސަނދިކަމާއި، ޘަޤާފަތާއި، އަދި ދީލަތި އެހީތެރިކަމުގެ ދާއިރާގައި ނުފޫޒުގަދަ ޝަޚްޞިއްޔަތެކެވެ. 1949 ވަނަ އަހަރު އެމެރިކާގެ އާކަންސަސްގެ ނިއުޕޯޓަށް އުފަންވި އެލިސްއަކީ، ވޯލްމާޓްގެ ބާނީ ސޭމް ވޯލްޓަންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. ވާރުތައިން މުއްސަނދިކަން ލިބޭ ގިނަ ބަޔަކު ޢާންމުންގެ ލޯތަކަށް ފަރުދާވެގެން ތިބި ނަމަވެސް، އެލިސް ވަނީ އާޢިލީ ވިޔަފާރީގެ ބޭރުން އަމިއްލަ ވަރުގަދަ ޝަޙުޞިއްޔަތެއް ބިނާކޮށްފައެވެ. މިއަދު އޭނާ ފާހަގަކުރެވެނީ ހަމައެކަނި އޭނާގެ އަތުގައިވާ 60 ބިލިއަން ޑޮލަރަށްވުރެ ބޮޑު މުއްސަނދިކަމުގެ ސަބަބަކުން ނޫނެވެ. އޭގެ ބަދަލުގައި، ފަންނުވެރިކަމުގެ ދުނިޔެއަށާއި މުޖުތަމައަށް އޭނާ ގެނެސްދެމުންދާ އިންޤިލާބީ ބަދަލުތަކުގެ ސަބަބުންނެވެ.

އަމިއްލަ ދިރިއުޅުން ސިއްރުކޮށްގެން އުޅޭ އެހެން މުއްސަނދިންނާ ޚިލާފަށް، އެލިސް ވޯލްޓަންއަކީ އެމެރިކާގެ ފަންނުވެރިކަމަށް ލޯބިކުރާ، އެކަން ކުރިއެރުވުމަށް ވަކާލާތުކުރާ ފަރާތެކެވެ. މިގޮތުން 2011 ވަނަ އަހަރު އޭނާ ވަނީ “ކްރިސްޓަލް ބްރިޖަސް މިއުޒިއަމް އޮފް އެމެރިކަން އާޓް” ގެ ނަމުގައި ދުނިޔޭގެ ފެންވަރުގެ ދާރުލްއާޘާރެއް ބިނާކޮށްފައެވެ. މިތަނަކީ އިސްތިޢުމާރީ ދައުރުން ފެށިގެން މިޒަމާނުގެ ފަންނުވެރިކަމުގެ އެންމެ ފާހަގަކޮށްލެވޭ އުފެއްދުންތައް ފެންނަން ހުރި ތަނެކެވެ. މި ދާރުލްއާސާރު މިއަދު ވެފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ޒިޔާރަތްކުރާ، ޘަޤާފީ ގޮތުން މުހިންމު ބިނާއަކަށެވެ. އަދި މިއީ އެމެރިކާގެ އެކި ހިސާބުތަކުގައި ފަންނުވެރިކަން ޢާންމުންނާ ގާތްކޮށްދިނުމުގައި އާ ނަމޫނާއެކެވެ. ވޯލްޓަންގެ މި ދުރުވިސްނުމުގެ ސަބަބުން، މި ދާރުލްއާޘާރު ވެފައިވަނީ އުފެއްދުންތެރިކަމާއި، ތަޢުލީމާއި، އަދި މުޖުތަމައުގެ ބައިވެރިވުން ރަމްޒުކޮށްދޭ ތަނަކަށެވެ.

އެލިސް ވޯލްޓަންގެ ނުފޫޒު ފަންނުވެރިކަމުގެ ދާއިރާއަށްވުރެ މާ ފުޅާ ދާއިރާއަކަށް ފެތުރިފައިވެއެވެ. އޭނާ ވަނީ ތަޢުލީމީ ދާއިރާއަށާއި، ޞިއްޙީ ދާއިރާއަށާއި، އަދި ފަންނުވެރިކަން ކުރިއެރުވުމަށް އެތައް މިލިއަން ޑޮލަރެއް ހަދިޔާކޮށްފައެވެ. މީގެ އިތުރުން މުޖުތަމަޢުތައް ބާރުވެރިކުރުވުމަށާއި ޘަޤާފީ ތަރިކަ ރައްކާތެރިކުރުމުގެ މަޝްރޫޢުތަކަށް އޭނާ ދަނީ ބޮޑެތި އެހީތައް ފޯރުކޮށްދެމުންނެވެ. ވޯލްޓަންގެ މި ދީލަތި އެހީތަކުން ދައްކުވައިދެނީ، މުއްސަނދިކަމަކީ ހަމައެކަނި އަމިއްލަ ފައިދާއަށް އޮތް އެއްޗެއްގެ ބަދަލުގައި، އެއީ ޒިންމާދާރު ގޮތެއްގައި ޢާންމު މަސްލަހަތަށާއި މުޖުތަމަޢުގެ ކުރިއެރުމަށް ބޭނުންކުރަންޖެހޭ އެއްޗެއް ކަމަށް އޭނާ ގަބޫލުކުރާ މިންވަރެވެ.

އެލިސް ވޯލްޓަން އެހެން މުއްސަނދިންނާ ތަފާތުވާ އެންމެ ބޮޑު ސަބަބަކީ، އޭނާ ކުރާ ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވުމެވެ. އޭނާގެ މަޝްރޫއުތަކުގައި އިސްތިރާޖީ ވުނަތަކާއެކު އަމިއްލަ ޝަޢުޤުވެރިކަންވެސް ހިމަނައެވެ. އެއީ ފަންނީ އުފެއްދުންތައް އެއްކުރުމުގައި ކަމަށްވިޔަސް، ހިލޭސާބަހަށް ކުރާ މަސައްކަތްތަކަށް އެހީވުމުގައި ކަމަށްވިޔަސް، ނުވަތަ ޘަޤާފީ ޙަރަކާތްތައް ކުރިއެރުވުމުގައި ކަމަށްވިޔަސް، އޭނާގެ މަސައްކަތުން ފެންނަނީ މުޖުތަމަޢަށް ފައިދާހުރި އަސަރެއް ފޯރުކޮށްދިނުމަށް އޭނާގެ ހިތުގައިވާ ވަރުގަދަ ޢަޒުމެވެ.

އެލިސް ވޯލްޓަންއަކީ މިޒަމާނުގެ ވާރުތަވެރިންގެ ފުރިހަމަ ނަމޫނާއެކެވެ. އޭނާއަކީ ބާރުގަދަ، ސާފު މަޤުޞަދެއް އޮތް، އަދި ޘަޤާފީ ގޮތުން ނުފޫޒުގަދަ ބޭފުޅެކެވެ. ވާރުތައިން ލިބުނު މުއްސަނދިކަން ތަޢުލީމާއި، ފަންނާއި، އަދި އިންސާނީ އެހީތެރިކަމަށް ބަދަލުކޮށްލުމުން، އޭނާ ބިނާކޮށްފައިވަނީ އުފެއްދުންތެރިކަމާއި އިޖުތިމާޢީ ކުރިއެރުމަށް ހިތްވަރުދޭ ފަދަ ދާއިމީ ތަރިކައެކެވެ. އަދި ޙަޤީޤީ ނުފޫޒަކީ ހަމައެކަނި ފައިސާގެ މައްޗަށް ބިނާވެފައިވާ އެއްޗެއް ނޫންކަން އޭނާ ވަނީ ސާބިތުކޮށްދީފައެވެ.

 

                   

ޓެގް

މުއްސަނދި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.