ދުނިޔޭގައި އަޑުތައް ވަރަށް ގިނައެވެ. އޭގެ ތެރޭގައި ހިތްހަމަޖައްސައިދޭ އަޑުތަކާއި، އުފާވެރިކަން ގެނެސްދޭ އަޑުތައް ހިމެނެއެވެ. ނަމަވެސް އިންސާނާގެ ހަނދާނުގައި އަބަދަށް ބަދަލުނުވެ ހަރުލާފައި ހުންނަނީ މަދު އަޑެކެވެ. އާޝާ ބޯސްލޭގެ އަޑަކީ އެފަދަ ނާދިރު، އަދި ދުވަހަކުވެސް ފަނޑުވުމެއް ނެތް އަޑެކެވެ. އޭނާއަކީ ހަމައެކަނި ލަވަކިޔުންތެރިއެއް ނޫނެވެ. އޭނާއަކީ އޭނާ ކިޔާ ކޮންމެ ރާގަކާއި ކޮންމެ ބަހެއްގެ ތެރޭގައި ދިރިއުޅުން ހޭދަކޮށް، އޭގެ އިހުސާސްތައް އަމިއްލައަށް ތަޖުރިބާކޮށްފައިވާ ފަންނާނެކެވެ.
މިއުޒިކަކީ ނިޢުމަތެއްގެ އިތުރުން ބޮޑު މަސްޢޫލިއްޔަތެއް ކަމުގައި ދެކޭ އާޢިލާއަކަށް އުފަންވި އާޝާގެ ޙަޔާތުގެ ދަތުރަކީ އެއްވެސް އިރެއްގައި ފަސޭހަ ދަތުރަކަށް ނުވިއެވެ. އޭނާގެ ކެރިއަރުގެ ކުރީކޮޅު، އޭނާގެ ދައްތަ އަދި ލެޖެންޑަރީ ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރުގެ ވަރުގަދަ ނުފޫޒާއި ކާމިޔާބީގެ ހިޔަނި އޭނާއަށް އޮތީ އެޅިފައެވެ. ގިނަ ބަޔަކަށް އެފަދަ ހިޔަންޏެއްގެ ތެރޭގައި އުޅުމަކީ ދަތި ކަމަކަށް ވިޔަސް، އާޝާ އެކަން ބަދަލުކޮށްލީ އޭނާގެ އަމިއްލަވަންތަކަން ބިނާކުރުމަށް ލިބުނު ހިތްވަރަކަށެވެ. އޭނާ މަސައްކަތް ކުރީ ދެވަނަ ލަތާ އަކަށް ވާކަށް ނޫނެވެ. އޭނާ ބޭނުންވީ އަމިއްލަ ވަކި އައިޑެންޓިޓީއެއް އުފެއްދުމަށެވެ. އެ ނިންމުމަކީ ކިތަންމެ ހިތްވަރުގަދަ ނިންމުމެއް ކަމުގައި ވިޔަސް، އެކަމުގެ ސަބަބުން އެތައް އަހަރެއްގެ ބުރަ މަސައްކަތާއި، ބާކީވުމާއި، ހިތްދަތިކަން އޭނާއަށް ތަޙަންމަލު ކުރަން ޖެހުނެވެ.
އޭނާގެ ޒުވާން ދުވަސްވަރު ހޭދަވެގެން ދިޔައީ އާދައިގެ އިންސާނަކަށް ކެތްކުރަން ދަތި ވޭނާއި ތަކުލީފުގައެވެ.
އާޝާ ބޯސްލޭގެ ކައިވެނީގެ ޙަޔާތަކީ ފުން ހިތާމަތަކާއި، އެކަނިވެރިކަމާއި، ތަފާތު ތަޖުރިބާތަކުން ފުރިގެންވާ ދަތުރެކެވެ. އާޢިލާގެ ނުރުހުމުގައި ވަރަށް ޒުވާން އުމުރުގައި ކުރި ފުރަތަމަ ކައިވެނި ވެގެންދިޔައީ ހިތްދަތި އަދި އުނދަގޫ ބާބަކަށެވެ. އެ ކައިވެނި ރޫޅުމަށްފަހު، އޭނާގެ ދަރިން ބަލާބޮޑުކުރުމުގެ ބުރަ މަސްއޫލިއްޔަތު އުފުލަންޖެހުނީ އެކަނިމާ އެކަންޏެވެ. ނަފްސާނީ ގޮތުންނާއި މާލީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާ އެކުވެސް، އޭނާގެ ތިން ދަރިން ކަމަށްވާ ހޭމަންތު، ވަރްޝާ އަދި އާނަންދަށް އޯގާތެރިކަމާއި ހަމަޖެހުން ހޯދައިދިނުމުގައި އާޝާ ސާބިތުވެ ހުއްޓެވެ.
ނަމަވެސް، އޭނާގެ އަންހެން ދަރިފުޅު ވަރްޝާ ވަކިވެދިޔުމަކީ އާޝާގެ ހިތަށް ކެތްކުރަން ދަތި ފުން އަސަރުތަކެއް ކުރި ހިތާމަވެރި ހާދިސާއެކެވެ. އޭނާގެ ދެ ފިރިހެން ދަރިން ކަމަށްވާ ހޭމަންތު އާއި އާނަންދު ވަނީ އަމިއްލަ ދިރިއުޅުމެއް ބިނާކޮށް، އާޝާގެ އުމުރުން ދުވަސްވީއިރު އޭނާއަށް ލިބުނު އެންމެ ބޮޑު ހިތްވަރާއި އެހީތެރިކަމަށް ވެފައެވެ.
އާޝާގެ މުޅި ދިރިއުޅުމަށް ބަލާއިރު، މައެއްގެ ހައިސިއްޔަތުން އޭނާ ދެއްކި ހިތްވަރަކީ އޭނާގެ މިއުޒިކީ ކެރިއަރުން ފެންނަ ފަދަ ސާބިތުކަމެކެވެ. އެއީ މިންވަރުކުރެއްވި ކޮންމެ އިމްތިޙާނަކަށް ކެތްތެރިވެ، ޤުރުބާނީތަކެއްވެ، ލޯތްބާއި ހިތްވަރާއެކު ކުރިއަށް ދިޔުމުގެ ނަމޫނާ ދިރިއުޅުމެކެވެ.
ނާކާމިޔާބުވި ކައިވެންޏާއި، މާލީ ދަތިކަމާއި، އެކަނިމާއެކަނި ދަރިން ބަލާ ބޮޑުކުރުމުގެ ބުރަ މަސްޢޫލިއްޔަތަކީ އޭނާގެ އަޑު އަބަދަށްޓަކައި ކަނޑުވާލެވިދާނެ ފަދަ ވަރުގަދަ ތޫފާންތަކެކެވެ. ނަމަވެސް އާޝާ ބަލިކަށިވެ ފަހަތަކަށް ނުޖެހުނެވެ. އޭނާ ޚިޔާރުކުރީ ލަވަކިޔުމެވެ. ހިތާމައިގެ ވަގުތުގައްޔާއި، އެކަނިވެރިކަމުގެ ހިތްދަތި ރޭތަކުގައިވެސް އޭނާ ލަވަކިޔެވެ. ބަހުން ބަޔާންކޮށްދޭން ނޭނގޭ އެތައް އިޙްސާސްތަކެއް އޭނާގެ އަޑުން ބޭރުކޮށްދީ، އޭނާގެ ކަރުނަތައް ރީތި މިއުޒިކަކަށް ބަދަލުކޮށްލިއެވެ.
އާޝާއަށް ކާމިޔާބީ ލިބެން ފެށީ މަޑުމަޑަކުން ނޫނެވެ. އެއީ ހުއްޓުމެއް ނެތް ބޮޑު ރާޅެއް ފަދައިންނެވެ. ހުނަރުވެރި މިއުޒީޝަން އާރު.ޑީ.ބަރުމަންއާއެކު ކުރި މަސައްކަތްތަކުން އޭނާގެ ފަންނުވެރިކަމުގެ އާ އުސްމިންތަކެއް ދުނިޔެއަށް ފެނިގެންދިޔައެވެ. އެ ދެމީހުން ގުޅިގެން އުފެއްދި މިއުޒިކަކީ ޒަމާނީ، ތަފާތު އަދި ދިރުން ހުރި އުފެއްދުންތަކެކެވެ. މަޖާ ރާގުތަކުން ފެށިގެން، ލޯބީގެ މަޑުމައިތިރި ލަވަތަކާއި، ހިތްދަތި ގަޒަލްތަކަށް ދަންދެން އާޝާގެ އަޑު ދަތުރުކުރިއެވެ. އޭނާއަކީ ވަކި ވައްތަރެއްގެ ލަވަތަކަކަށް ހުސްވެފައި ހުރި މީހެއް ނޫންކަން ތަކުރާރުކޮށް ސާބިތުކޮށްދިނެވެ. ޚުދު އޭނާއަކީ މިއުޒިކެވެ.
ނަމަވެސް، މަޝްހޫރުކަމާއި އަތްތިލަބަޑީގެ އަޑުގެ ފަހަތުގައި ހުރީ އެކަނިވެރިކަން ދެނެގަނެފައިވާ އަންހެނެކެވެ. މުޅި ދުނިޔެ އޭނާއަށް ސަނާ ކިޔަމުންދިޔައިރުވެސް، އޭނާގެ ހިތުގެ ކޮންމެވެސް ކަނެއްގައި މާޒީގެ ބުރަ ހަނދާންތަކާއި، ވެފައިވާ ޤުރުބާނީތަކާއި، އޭނާއާމެދު އުފެދުނު ނުބައި ހީތަކުގެ ބަރުދަން އުފުލަމުންދިޔައެވެ. ފަހަރުގައި އޭނާގެ އަޑުގައި އެފަދަ ބާރެއް ހުންނަ ސަބަބަކީ އެއީ ކަމަށް ވެދާނެއެވެ. އާޝާ ލޯބީގެ ލަވައެއް ކިޔާއިރު، އޭގެ ފުން އިޙްސާސް ދެނެގަނެވެއެވެ. ހިތާމަވެރި ލަވައެއް ކިޔާއިރު، އޭގެ ތެދުވެރިކަން އިޙްސާސް ކުރެވެއެވެ. އަދި އުފާވެރި ލަވައެއް ކިޔާއިރު، އެއީ އެތައް ތަކުލީފަކަށްފަހު ހޯދި އުފަލެއްކަން އެނގެއެވެ.
އޭނާގެ ޙަޔާތަކީ ހަމައެކަނި ލަވަކިޔުންތެރިއެއްގެ ވާހަކައެއް ނޫނެވެ. އެއީ ކެތްތެރިކަމާއި ހިތްވަރުގެ ލާމަސީލު ނަމޫނާއެކެވެ. އެއީ ޙާލަތުގެ އަޅަކަށް ވުމަށް އިންކާރުކޮށް، ކޮންމެ ޒަޚަމެއް ރާގަކަށް ބަދަލުކޮށްލި އަންހެނެއްގެ ވާހަކައެވެ. އޭނާ ހަމައެކަނި ދިރިހުރީކީ ނޫނެވެ. އޭނާ ވަނީ މުޅި ދާއިރާ ބަދަލުކޮށްލާފައެވެ.
މިއަދު އަޅުގަނޑުމެން އޭނާގެ ލަވަތައް އަޑުއަހާއިރު، އެ އިވެނީ ހަމައެކަނި މިއުޒިކެއް ނޫނެވެ. އެއީ މުޅި އުމުރުގެ ހިތްވަރެވެ. އެއީ ހަމަ ނުޖެހުނު އަންހެން ކުއްޖެއްގެ އަޑެވެ. ދަރިންނަށްޓަކައި ހަނގުރާމަކުރި މައެއްގެ އަޑެވެ. އަދި އިހުސާސްތައް މިއުޒިކަށް ބަދަލުކޮށްލި ފަންނާނެއްގެ އަޑެވެ.
އާޝާ ބޯސްލޭއަކީ ހަމައެކަނި އޭނާ ކިޔާފައިވާ އެތައް ހާސް ލަވަތަކެއްގެ ސަބަބުން ލެޖެންޑަކަށް ވީ މީހެއް ނޫނެވެ. އޭނާ ލެޖެންޑަކަށްވީ، އެންމެ އަނދިރި ވަގުތުތަކުގައިވެސް އިންސާނާގެ ރޫހަށް އުއްމީދުގެ ލަވަތައް ކިޔައިދެވިދާނެކަން ދުނިޔެއަށް ދަސްކޮށްދިނުމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...