މަތީ ތަޢުލީމު ހާސިލުކުރާ ދަރިވަރުންނަށް ޚާއްޞަކޮށްގެން 'އެކުވެހި' ކޯ-ލިވިންގ ފެސިލިޓީ އިފްތިތާޙުކޮށްފިއެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ޤާއިމުކުރި މި ފެސިލިޓީގައި ކޮންމެ ކުއްޖަކަށް މަހަކު ދައްކަންޖެހެނީ 3,500 ރުފިޔާއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓާ ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ، މަތީ ތަޢުލީމު ހާޞިލުކުރުމަށް މާލޭ ސަރަޙައްދަށް އަންނަ ދަރިވަރުންނަށް ކުރިމަތިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ލުޔެއް ހޯދައިދިނުމަށް ފެށި މަސައްކަތެކެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ފްލެޓްތަކާއި އެމްޕީއެލް ފްލެޓްތަކާ ކައިރީގައި ބިނާކޮށްފައިވާ 14 ބުރީގެ މި ޢިމާރާތަކީ، މާލޭ ސަރަޙައްދުގައި ދަރިވަރުންނަށް ޚާއްޞަކޮށްގެން ބިނާކުރި މިފަދަ ފުރަތަމަ ފެސިލިޓީއެވެ.
'އެކުވެހި' ފެސިލިޓީގައި 178 ކޮޓަރި ހިމެނޭއިރު، މިއީ ޖުމްލަ 356 ދަރިވަރުންގެ ޖާގައިގެ ތަނެކެވެ. ކޮންމެ ކޮޓަރިއެއްގައި ދެ ދަރިވަރުންނަށް ތިބެވޭގޮތަށް ފަރުމާކޮށްފައިވާއިރު، ވަކި ދެ އެނދާއި، ކިޔަވާ މޭޒާއި، އަލަމާރީގެ އިތުރުން ކޮޓަރިއާ ގުޅިފައިވާ ފާޚާނާއެއް ހުންނާނެއެވެ.
މީގެ އިތުރުން، ބަދިގެއާއި ޕެންޓްރީއާއި އަންނައުނު ދޮވުމުގެ ޚިދުމަތް، ކިޔަވަން ތިބޭނެ ޚާއްޞަ ސަރަޙައްދުތައް، މީޓިންގ ރޫމް އަދި ކޯ-ވޯކިންގ އޭރިއާތައް މި ފެސިލިޓީގައި ޤާއިމުކޮށްފައިވެއެވެ. އަދި ދަރިވަރުންގެ މުނިފޫހިފިލުވުމަށް ގޭމިންގ ލައުންޖަކާއި، އައުޓްޑޯ ޖިމެއްގެ އިތުރުން ޓެރަސްއެއް ވެސް ހިމެނެއެވެ. މިތަނުގެ ސާފުތާހިރުކަމާއި، މަރާމާތާއި އަދި ސަލާމަތީ ކަންކަން ބަލަހައްޓާނީ އެޗްޑީސީންނެވެ.
މި ފެސިލިޓީން ޖާގަ ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު 1 ޑިސެމްބަރ 2026 ގައި އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. ޖާގަ ދޫކުރުމުގައި އިސްކަންދެވޭނީ ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާ ތަރުތީބުންނެވެ.
ޝަރުޠުތަކުގެ ތެރޭގައި، އުމުރުން 35 އަހަރު ނުފުރޭ ދިވެހި ރައްޔިތަކަށްވުމާއި، ރާއްޖޭގެ މަތީ ތަޢުލީމުދޭ މަރުކަޒެއްގައި ފުލްޓައިމްކޮށް ކިޔަވާ ދަރިވަރަކަށްވުން ހިމެނެއެވެ. އަދި އެ ދަރިވަރަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގަބޫލުކުރާ ކޯހެއް ފުރިހަމަކުރާ، ގަވާއިދުން ކްލާސްތަކަށް ހާޒިރުވާ އަދި ކޯސް ނިމެން މަދުވެގެން އެއް އަހަރު އޮތް ދަރިވަރަކަށް ވާންޖެހެއެވެ.
ކޯހަށް އެދި ހުށަހަޅާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި، ޕޮލިސް ރިޕޯޓް އަދި ކިޔަވާ މަރުކަޒުން ދޫކޮށްފައިވާ ރަސްމީ ޕްލޭސްމަންޓް ލެޓަރ ހުށަހަޅަންޖެހޭނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...